އުތުުރު ތިލަފަޅުގައި ތަރައްގީ ކުރުމުގެ ތެރެއިން. (ދައުރު ފޮޓޯ)

އުތުރު ތިލަފަޅު

ޔޫޓީއެފް ސިފައިންގެ ބަނދަރަށް ވަން މައްސަލަ ފުލުހަށް ހުށަހަޅައިފި

'ދިޔަރެސް' ނޫހުގެ ބައެއް ނޫސްވެރިން ލޯންޗެއްގައި ގޮސް، ސިފައިންގެ ބަނދަރު ސަރަހައްދަށް ވަދެ، ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުކޮށްފައި
25 ސެޕްޓެމްބަރު 2023
1

އިންޑިއާގެ ހިލޭ އެހީގެ ދަށުން ކޯސްޓްގާޑުގެ ބަނދަރު ތަރައްގީކުރަމުން އަންނަ ކ. އުތުރު ތިލަފަޅަށް ހުއްދަ ހޯދުމެއް ނެތި 'ދިޔަރެސް' ނޫހުގެ ނޫސްވެރިން އިއްޔެ ވަދެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ދިޔަރެސް' ނޫހުގެ ބައެއް ނޫސްވެރިން ލޯންޗެއްގައި ގޮސް، ސިފައިންގެ ބަނދަރު ސަރަހައްދަށް ވަދެ، ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، އެ ކަމުގައި ތުހުމަތުކުރެވޭ މީހުން ވަނީ:

  • 'ސިފަވަރު' ބަނދަރަށް ހުއްދަ ހޯދުމެއް ނެތި ވަދެފައި

  • އެ ތަން ވީޑިއޯކޮށް، އެ ވީޑިއޯ އާންމުކޮށްފައި

  • އެ ރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ، އެ ރަށަށް އަރަން މަސައްކަތްކޮށްފައި

ގުޅުން ހުރި ކަމެއް - އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ވެސް، ހުއްދަ ނެތި ރަށަށް އަރަން މަސައްކަތް ކުރި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެމްއެންޑީއެފް އިން ރޭ ބުނެފައިވާ ގޮތުގައި:

  • އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތްތައް ދައްކާލުމަށް ވަރަށް ފަހުން ވެސް އެ ކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިިކޮށްދީފައިވަނިކޮށް، ހުއްދަ ނުހޯދައި އެ ރަށަށް އަރަން އުޅުމަކީ ގާނޫނާއި ގަވާއިދާ ހިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގި ދަށު ދަރަޖައިގެ އަމަލެއް 

  • މި އަމަލު އެމްއެންޑީއެފް އިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި

"އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުންމަނާ ތަންތަނެވެ. އަދި އެފަދަ ތަނަކަށް ހުއްދަ ނެތި ބަޔަކު ވަންނަން މަސައްކަތް ކުރާ ނަމަ، އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ،" ރޭ ނެރުނު ބަޔާނުގައިވެ އެވެ.

"މިގޮތުން ސިފައިންގެ ބަނދަރު ތަރައްގީ ކުރަމުން އަންނަ ސަރަހައްދަށް ހުއްދަ ނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީ ވެސް މި އުސޫލުން ކަމުގައި ދަންނަވަމެވެ."

މީގެ އިތުރުން، އެމްއެންޑީއެފް އިން ރޭ ނެރުނު އެހެން ބަޔާނެއްގައި ވަނީ، ޔޫޓީއެފްގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުންދާ ސިފައިންގެ މަރުކަޒުގައި ހިމެނޭ ސްލިޕްވޭ އާއި ރިޕެއާ ފެސިލީޓީއަކީ އަސްކަރީ ބޮޑެތި މަނަވަރުތައް މަރާމާތު ކުރެވޭ ވަރުގެ ތަނެއް ނޫން ކަމަށް ބުނެފަ އެވެ.

އެނގުން މުހިންމު - އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހި ކޯސްޓްގާޑުގެ ބަނދަރު އަޅަމުން އަންނަ އުތުރު ތިލަފަޅުން މާލޭ ސަރައްދުގައި ދިރުއުޅޭ މީހުންނަށް ގޯއްޗާއި ފްލެޓް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިއުލާނުކުރައްވާފަ އެވެ. ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

ގޯތި ދޫކުރަން ނިންމާފައިވަނީ އެ ފަޅުގައި ތަރައްގީކުރާ ސިފައިންގެ މަރުކަޒާ ވަކިން، 215 ހެކްޓަރުގެ ބިން ހިއްކުމަށް ފަހު އެވެ.

ކޮމެންޓް (1)

ހުސެން803

25 ސެޕްޓެމްބަރު 2023
ދެއްކި ވާހަކައަކުން ރަގަނޅުކައްޓެއް ހެރުނީތާ! ކަންކަން އޮޅުވާލުމާއި އޮޅޭގޮތައް ވާހަކަ ދެއްކީމަ ވާންވިގޮތްމިވީ، އުތުރުތިލަފަޅުން ގޯތިދޭވަހަކަ ބުނީމާ މިހާރު ދެވޭނީ އެތަނައްދޯ.. ގަދަކަމުން އެތަނަށް އަރާ ނުވަތަ ވަދެފައެއްވެސް ނުވެއެވެ. ދެން ކުއްވެރިވާނެ އެއްވެސް ކަމެއްނުހިގައެވެ. ތިހެން ބަޑިޖަހަންޔާ ބަޑޭރިގޭ ދޮރުމަތިން ދާ އެންމެންގެ ގަޔަށްވެސް ބަޑިޖަހަންވާނަތާއެވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް