އުތުުރު ތިލަފަޅުގައި ތަރައްގީ ކުރުމުގެ ތެރެއިން —- ދައުރު ފޮޓޯ

އުތުރު ތިލަފަޅު

ހުއްދަ ނެތި އުތުރު ތިލަފަޅުގެ ސިފައިންގެ ބަޔަށް ވަނުމުން ފިޔަވަޅު އަޅަނީ

އެމްއެންޑީއެފްއިން ބުނީ މިއަދު 'ދިޔަރެސް'ގެ ނޫސްވެރިންތަކެއް އުތުރުތިލަފަޅުގައި ތަރައްގީކުރާ ސިފައިންގެ މަރުކަޒު ހުންނަ ސަރަހައްދަށް ހުއްދަ ނެތި ވަދެ، ވީޑިއޯކޮށް އަދި އެ ރަށަށް އަރަން މަސައްކަތް ކުރުމުން ހުއްޓުވި ކަމަށް
24 ސެޕްޓެމްބަރު 2023

ހުއްދަ ނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަަހައްދަށް 'ދިޔަރެސް' ނޫހުގެ ނޫސްވެރިން މިއަދު ވަން މައްސަލައިގައި ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން އެމްއެންޑީއެފްއިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މުއައްސަސާގެ ހުއްދަ ނެތި މިއަދު ދިޔަރެސްގެ ނޫސްވެރިންތަކެއް ލޯންޗެއްގައި ގޮސް، ސިފައިންގެ ބަނދަރު ތެރެއަށް ވަދެ، ވީޑިއޯކޮށް، އެ ރަށަށް އެރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ތަފްސީލު - އެމްއެންޑީއެފްއިން ބުނި ގޮތުގައި، އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތްތައް ދައްކާލުމަށް ވަރަށް ފަހުން ވެސް އެ ކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިިކޮށްދީފައިވަނިކޮށް، މިގޮތަށް ހުއްދަ ނުހޯދައި އެ ރަށަށް އަރަން އުޅުމަކީ ގާނޫނާއި ގަވާއިދާ ހިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގި ދަށު ދަރަޖައިގެ އަމަލެކެވެ. އަދި މި އަމަލު އެމްއެންޑީއެފްއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

"އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުންމަނާ ތަންތަނެވެ. އަދި އެފަދަ ތަނަކަށް ހުއްދަނެތ ބަޔަކު ވަންނަން މަސައްކަތް ކުރާ ނަމަ، އެކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

"މިގޮތުން ސިފައިންގެ ބަނދަރު ތަރައްގީ ކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީ ވެސް މި އުސޫލުން ކަމުގައި ދަންނަވަމެވެ."

ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފި ނަމަ، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަން ހުއްޓުވަން ހަތިޔާރުގެ ބޭނުން ކުރުން ވެސް ހުއްދަކޮށްފައިވާކަން ފާހަގަކޮށް އެމްއެންޑީއެފްއިން ބުނީ ސިފައިންގެ މަރުކަޒަށް ވަންނަން މަސައްކަތް ކުރުމަކީ، ވަރަށް ސީރިއަސް މައްސަލައެއް ކަމުގައި ދެކޭތީ، އެކަން ކުރި ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.

އެނގުން މުހިންމު - އިންޑިއާގެ ލޯނެއްގެ ދަށުން ދިވެހި ކޯސްޓްގާޑުގެ ބަނދަރު އަޅަމުން އަންނަ އުތުރު ތިލަފަޅުން މާލޭ ސަރައްދުގައި ދިރުއުޅޭ މީހުންނަށް ގޯއްޗާއި ފްލެޓް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޭ އިއުލާނުކުރައްވާފަ އެވެ. ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

ގޯތި ދޫކުރަން ނިންމާފައިވަނީ އެ ފަޅުގައި ތަރައްގީކުރާ ސިފައިންގެ މަރުކަޒާ ވަކިން، 215 ހެކްޓަރުގެ ބިން ހިއްކުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް