އުތުުރު ތިލަފަޅުގައި ތަރައްގީ ކުރުމުގެ ތެރެއިން —- ދައުރު ފޮޓޯ

އުތުރު ތިލަފަޅު

ޔޫޓީއެފް ސިފައިންގެ މަރުކަޒަކީ މަނަވަރު އެޅޭ ވަރުގެ ތަނެއް ނޫން: އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބުނީ އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދުފަހަރު ކަމަށާއި ޔޫޓީއެފް ސިފައިންގެ މަރުކަޒުގެ ސްލިޕް ވޭ އާއި ރިޕެއާ ފެސިލީޓީއިން ހިދުމަތް ދެވޭނީ 500 ޓަނަށް ވުރެ ކުދި އުޅަނދުފަހަރަށް ކަމަށް
25 ސެޕްޓެމްބަރު 2023

އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުންދާ ސިފައިންގެ މަރުކަޒުގައި ހިމެނޭ ސްލިޕްވޭ އާއި ރިޕެއާ ފެސިލީޓީއަކީ އަސްކަރީ ބޮޑެތި މަނަވަރުތައް މަރާމާތު ކުރެވޭ ވަރުގެ ތަނެއް ނޫން ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ބުނީ ކީކޭ؟ - ޔޫޓީއެފްގައި ސިފައިންގެ މަރުކަޒެއް ތަރައްގީކުރާ މަޝްރޫއާ ގުޅޭގޮތުން ބައެއް ނޫސްތަކުން ގެންނަ ހަބަރުތައް ދޮގުކޮށް، އެމްއެންޑީއެފްއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަރުކަޒުގައި ތަރައްގީކުރަނީ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތު ކުރާ ސްލިޕްވޭ އާއި ރިޕެއާ ފެސިލިޓީއެއް ކަމަށެވެ.

"އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިވެ އެވެ.

ތަފްސީލު - އެމްއެންޑީއެފްއިން ބުނީ މި މަޝްރޫއަކީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް ބެލެހެއްޓުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ.

ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް މިހާރު އަޅަން ބޭނުންކުރަނީ، އެމްއެންޑީއެފްއިން ބުނި ގޮތުގައި ހުޅުމާލޭގެ 270 މީޓަރުގެ ސަރަހައްދެއްގަ އެވެ.

އެ މަރުކަޒަކީ، ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ އަދި ދިވެހި ސަރުކާރުގެ މިލްކުވެރިކަން އޮތް، އެމްއެންޑީއެފްގެ ތަނެއްކަން ތަކުރާރުކޮށް އެމްއެންޑީއެފްއިން ބުނީ "މިއީ ބޭރު ގައުމެއްގެ ނޭވަލް ބޭސްއެއް ނޫން" ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން ހަގީގަތާ ހިލާފު، ދޮގު ވާހަކަތައް ނުފެތުރުމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ކަމެއް - އިތުރު ތިލަފަޅުގައި ތަރައްގީކުރާ ސިފައިންގެ މަރުކަޒާ ވަކިން، އެ ފަޅުން 215 ހެކްޓަރު ހިއްކައިގެން ފްލެޓާއި ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެކަން އިއުލާންކޮށްފައިވަނިކޮށް، އެމްއެންޑީއެފްގެ ހުއްދަ ނެތި އިއްޔެ 'ދިޔަރެސް'ގެ ނޫސްވެރިންތަކެއް ވަނީ އުތުރު ތިލަފަޅުގައި ސިފައިންގެ މަރުކަޒު ތަރައްގީކުރާ ބަޔަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. އެމްއެންޑީއެފްއިން އެކަން ހުއްޓުވައި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅަން ވަނީ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް