
އުތުރު ތިލަފަޅުން ގޯތި ދިނުމަށް ހިއްކަ ސަރަހައްދުގެ ޗާޓު
އުތުރު ތިލަފަޅުން ގޯތި ދޭން ހިއްކަނީ 215 ހެކްޓަރު؛ ޗާޓު އާންމުކޮށްފި
ގޯއްޗާއި ފްލެޓް ދިނުމަށް އުތުރު ތިލަފަޅު (ޔޫޓީއެފް) އިން ހިއްކާ ސަރައްހަދު ފެންނަ ޗާޓެއް ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ. އެ ޗާޓުގައިވާ ގޮތުން، އެ ފަޅުން ގޯތި ދިނުމަށްޓަކައި ހިއްކަނީ 215 ހެކްޓަރެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ލޯނެއްގެ ދަށުން ދިވެހި ކޯސްޓްގާޑުގެ ބަނދަރު އަޅަމުން އަންނަ ޔުޓީއެފް އިން، މާލޭ ސަރައްދުގައި ދިރުއުޅޭ މީހުންނަށް ގޯއްޗާއި ފްލެޓް ދޭން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޭ އިއުލާނުކުރައްވާފަ އެވެ. އެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން:
-
ގޯތި ދުކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅު (އުތުރު ތިލަފަޅު)؛ ފްލެޓު ދޫކުރަނީ މާލެ ސަރަހައްދުން
-
ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ އުތުރު ތިލަފަޅުން 1،250 އަކަފޫޓުގެ 5،098 ގޯތި ކެނޑޭނެ ކަމަށް
-
'ބިންވެރިޔާ' ސްކީމުގެ ފުރަތަމަ ބުރުގައި ޝަރުތު ހަމަވިި ނަމަވެސް، ގޯތި ނުލިބޭ 778 މީހުންނަށް މި ބުރުގައި ގޯތި ދޭނެ
ތަފްސީިލު - ޕްލޭނިން މިނިސްޓްރީން އާންމުކުރި ޗާޓުން ފެންނަ ގޮތުގައި، ސިފައިންގެ ބަނދަރު އެޅުމަށް އެ ފަޅުން ހާއްސަކުރާ ތަން ފިޔަވައި ފަޅުގެ ބޮޑު ބައި ހިއްކައިގެން ގޯއްޗާއި ފްލެޓު ދޭން ވަނީ ރާވާފަ އެވެ. ގޯއްޗާއި ފްލެޓް ދޭ ސަރަހައްދު އޮންނަނީ އެ ބަނދަރާ އެއްފަސް ނުވާ ގޮތަށް، ފަޅުގެ އުތުރަށެވެ.
މި ޗާޓުގައިވާ ގޮތުން:
-
ގޯތި ދިނުމަށް ހިއްކަން ހަމަޖައްސާފައި ވަނީ 215 ހެކްޓަރުގެ ބިން
-
ގޯތި ދޭ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5،525،000 އަކަފޫޓު
އެނގުން މުހިންމު - މާލެ ސަރަހައްދުން ގޯތި ދިނުމަށް ހިންގާ 'ބިންވެރިޔާ' ސްކީމާއި ފްލެޓު ދިނުމަށް ހިންގާ 'ގެދޮރުވެރިޔާ' ސްކީމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 3އާ ހަމައަށް ގަ އެވެ.
ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތައް:
-
އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
-
މާލޭގައި ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވުން ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކެންޓް)
-
އެޕްލިކަންޓާއި ކޯ-އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން
-
އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލޭން (ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން) 600 އަކަފޫޓުގެ ނުވަތަ އެއަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ނުވަތަ ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް)
-
މި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، މާލޭގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށް ވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް)
-
މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60،000ރ.އަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން (މައި އެޕްލިކަންޓާއި ކޯ އެޕްލިކަންޓް ވަކިން)
ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތު:
-
އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
-
'ބިންވެރިޔާ' ސްކީމުން ނުވަތަ 'ވެށިފަހި މާލެ ޕްރޮގްރާމް؛ގެ ދަށުން ގޯއްޗެއް ލިބިފައި ނުވުން
-
މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 އަހަރު ވެފައިވުން ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން
-
މާލޭ ސަރަހައްދުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން
-
މާލެ ސަރަހައްދުން 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ ނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ނަމަ، އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން
-
ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ނަމަ، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ނަމަ، އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން
-
ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނޫފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަ ބައި، ހައުސިން ޔުނިޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި ދޫކޮށްލުމަށް އެއްބަސްވުން
-
ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ހައުސިން ޔުނިޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން އެހެން ފަރާތަކަށް ދީ، ދޫކޮށްލައިފައިވާތާ ނުވަތަ ވިއްކާލައިފައިވާތާ ފަސް އަހަރުދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން