ބޯކޮށް ވާރޭ ވެހި ޅ. ކުރެންދޫގެ މަގުތަކުގައި ފެންބޮޑުވެފައި (ފޮޓޯ: އެންޑީއެމްއޭ)

އެންޑީއެމްއޭ

ކުރެންދުއަށް ކުރިމަތިވީ ކާރިސާއެއް؛ ވިއްސާރައިގައި 66 ގެއަކަށް ގެއްލުންވި

މިދިޔަ ހަފުތާގައި އެ ރަށަށް ކުރި ވިއްސާރައިގައި ރަށުގެ ގިނަ ގެތަކަށް ފޫޓެއްހާ އުސްމިނަށް ފެން ވަން
25 ސެޕްޓެމްބަރު 2023

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި ޅ. ކުރެންދޫގެ %84ގެ އޮތީ 'ފެނުއަޑީ'ގައި ކަަމަށާއި އެ ވިއްސާރައިގައި އެ ރަށުގެ 66 ގެއަކަށް ގެއްލުން ވެގެން ރިޕޯޓު ކުރި ކަމަށް ނެޝަނަލް ޑިޒަސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ، ކުރެންދުއަށް މެދުނުކެނޑި ގިނަ އިރުތަކެއް ވާންދެން ވާރޭ ވެހުނެވެ. އެގޮތުން، އިރާކޮޅު، އެ ރަށަށް ވެހެން ފެށި ވާރޭ، ދަންވަރު 12 ޖަހާއެހާކަން ހާއިރު ބޯކޮށްލައި ފަތިސް ވަންދެން މެދުނުކެނޑި ވެހުނެވެ.

އަދި ބޯކޮށް ވާރޭ ވެހި ގެތަކަށް ފެން ވަންނަން ފެށުމުން، ބައެއް ގެތަކުގެ މީހުން ތިބީ އިރު އަރަންދެން ގެއިން ކަރަންޓު ކަނޑާލައިގެންނެވެ. އެ ރަށު ކައުންސިލުން ބުނިގޮތުގައި ގިނަ ގެތަކަށް ފޫޓެއްހާ އުސްމިނަށް ފެން ވަނެވެ.

ބުނީ ކީކޭ؟ - "މިއީ ހަމަ ބޮޑު ކާރިސާއެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަކުރަނީ،" އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • މި ގޮތަށް ވެހޭ ވާރޭގައި ކުރެންދުއަށް އާއްމުކޮށް ގެއްލުންތައް ލިބޭ 

  • އެކަމަކު މި ފަހަރު މި ލިބުނީ ކުރިން ލިބޭ ވަރަށް ވުރެ މާ ބޮޑު ގެއްލުމެއް 

  • ގިނަ ގެތަކުގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު ހަލާކުވި 

  • ކަރަންޓު ސާމާނުތައް ވެސް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި

އެނގުން މުހިއްމު - ބޮޑު ކަނޑޫފަލަކާ އެކު ރަށް އުފެދިފައި އޮންނަ ގޮތުން ކުރެންދުއަކީ ފަސޭހައިން ފެންބޮޑުވާ ރަށެކެވެ. އެގޮތުން، ރަށުގެ ވަށައިގެން އުސްކޮށް އޮތުމަށް ފަހު، ކަނޑޫފަލާ ދިމާލުން، އިރުމަތީ ފަރާތް ތިރިކޮށް އޮންނާތީ، ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވެ، އެ ސަރަހައްދުގައި ހުންނަ ގެތަކަށް ފެންވަދެ އެވެ.

ބޯކޮށް ވާރޭ ވެހި ޅ. ކުރެންދޫގެ މަގުތަކުގައި ފެންބޮޑުވެފައި (ފޮޓޯ: އެންޑީއެމްއޭ)

ހިސާން ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމާ އެކު، ކުރެންދޫގައި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް، މިދިޔަ މަހުގެ ތެރޭގައި އެ ރަށަށް ފެން ހިންދާ ދެ ޕަމްޕު ވެސް ފޮނުވި ކަމަށެވެ. އެކަމަކު، އެ އާލާތްތަކާ އެކު ވެސް އެ ރަށަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

"ދާއިމީ ހައްލެއް ގެނެސްގެން ނޫނީ މި ގެއްލުންތަކުން ރައްކާތެރިކަމެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ކުރެންދޫގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރެވެން އޮތީ މަގުތައް ހަދައިގެންނެވެ. އެއީ އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ ކުރައްވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެކެވެ.

ބޯކޮށް ވާރޭ ވެހި ޅ. ކުރެންދޫގެ މަގުތަކުގައި ފެންބޮޑުވެފައި (ފޮޓޯ: އެންޑީއެމްއޭ)

އެނގުން މުހިންމު - މި މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި، އިތުރު ރަށްތަކަށް ވެސް ގެއްލުންތައް ވި އެވެ. އެގޮތުން، ދެން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އއ. އުކުޅަހަށެވެ.

އެމްއެންޑީއޭއިން ބުނި ގޮތުގައި:

  • އުކުޅަހުގެ 15 ގެއަކަށް ގެއްލުންވި

  • އެ އަތޮޅު ފެރިދޫގެ ގެއަކާއި އައްޑޫ ފޭދޫގެ ދެ ގެއަކަށް ގެއްލުން ވެގެން ރިޕޯޓު ކުރި

  • ގެއްލުންވި ގެތަކުގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރާއި ކަރަންޓުގެ ގިނަ އާލާތްތައް ހަލާކުވި 

  • ބިންގަނޑު ތިރި ބައެއް ރަށްރަށުގައި، ފަސްގަނޑު ދަމައިގަނެ އިމާރާތަށް ވެސް ގެއްލުންތައް ލިބުނު 

އެމްއެންޑީއޭއިން ބުނީ މި ހުރިހާ ގެތަކަށް ވެސް ލިބުނު ގެއްލުންތައް ވަޒަންކޮށް، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ބަދަލުގެ ގޮތުގައި ދެނީ ކިހާ ފައިސާއެއް ކަމެއް އެ ތަނުން އަދި އާއްމެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް