ހއ. ކެލާ. އެ ރަށުގެ ތިން މީހަކު ވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވެފައި (ފޮޓޯ/އައިލްސް.ގަވް.އެމްވީ)

ޑެންގޫ ޖެހިގެން އެއް އާއިލާއެއްގެ ކެލާގެ ދެ ހިދުމަތްތެރިއަކު މިއަދު އަވަހާރަވެއްޖެ

މި ދެބޭފުޅުންގެ އިތުރުން 24 ގަޑިއިރުގެ ތެރޭގައި ކެލާގެ އިތުރު މީހަކު ވެސް ވަނީ ދުނިޔެ ދޫކޮށްފައި
23 ސެޕްޓެމްބަރު 2023

ޑެންގީ ހުން ޖެހިގެން، ހއ. ކެލާގެ އެއް އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ދެ ބޭފުޅުން މިއަދު އަވަހަރާވެއްޖެ އެވެ. 

ވީ ކިހިނެއް؟- ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި މި ދެބޭފުޅުންނަކީ ވެސް ކެލާގެ ދެ ހިދުމަތްތެރިންނެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ އަވަހާރަވީ، ކެލާގެ ކުޑަކަތީބުކަން ގިނަ އަހަރުތަކެއް ވާންދެން ކުރެއްވި، އިބްރާހިމް އަފީފް އާދަމް، 69، އެވެ. އޭނާ އަވަހާރަވީ ފަތިހުގެ ވަގުތުގަ އެވެ.

  • އޭގެ މަދު ވަގުތުކޮޅެއް ފަހުން، ހެނދުނުގެ ވަގުތުގައި އަވަހާރަވީ ކެލާ ސްކޫލުގެ ހެޑްމާސްޓަރުކަން ގިނަ އަހަރުތަކެއް ވާންދެން ކުރެއްވި އަހުމަދު ފައިސަލް، 58،

  • އަފީފް އަކީ ފައިސަލްގެ ޅިޔަނެއް

  • ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް ފަހު ދެ ބޭފުޅުން ވެސް ދިރިއުޅުއްވަނީ މާލޭގައި

  • ދެ ބޭފުޅުން ވެސް އަވަހާރަވީ، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޑެންގީ ހުމުގައި

އެނގިފައިވާ ގޮތުގައި ކެލާ ސްކޫލުގެ އިތުރުން އެހެން ބައެއް ރަށްރަށުގެ ސްކޫލުގެ ހެޑްމާސްޓަރުކަން ވެސްް ކުރެއްވި ފައިސަލް ފަހުން ވަޒީފާ އަދާކުރެއްވީ ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމެންޓްގެ އިސްވެރިއަކަށެވެ.

ކެލާއަށް މިއަދަކީ ހިތާމަވެރި ދުވަހެކެވެ.

ދެ ހިދުމަތްތެރިންގެ އިތުރުން އިއްޔެ އިރުއޮއްސުނު އިރު، އެ ރަށުގެ އެހެން މީހަކު ވެސް ވަނީ ކުއްލި ގޮތަކަށް ނިއާވެފަ އެވެ.

ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވި ގޮތުގައި، އެ ރަށު އަހުމަދު ވަހީދު ފެނުނީ މަރުވެގެން މަގުމައްޗަށް ވެއްޓިފައި އޮއްވަ އެވެ.

"އިއްޔެ ހަވީރު ފަހެއް ޖަހާކަންހާއިރު ވެސް އަތިރިމަތީގައި މީހުންނާ ވާހަކަ ދައްކައި، ސަކަރާތް ޖަހަން އުޅުނު. އެއީ ވަރަށް ސަކަ މިޒާޖެއްގެ މީހުންނާ ގުޅޭ މީހެއް،" އިންފާޒް ވިދާޅުވި އެވެ.

"އެކަމަކު އިރުއޮއްސެން އުޅެނިކޮށް ފެނުނީ މަރުވެގެން، މަގުމައްޗަށް ވެއްޓިފައި އޮއްވާ."

އޭނާ ވިދާޅުވީ އެއް ރަށަކަށް ނިސްބަތްވާ ތިން މީހަކު، 24 ގަޑިއިރުގެ ތެރޭގައި ކުއްލި ގޮތަކަށް ވަކިވުމުން މުޅި ރަށަށް ވެސް ލިބިފައިވަނީ ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެންމެން ވެސް، ހައިރާންވެ، ދެރަވެގެން އެ ވާހަކަ ދައްކަމުން ދާ ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް