އެމްޑީޕީގެ ކެމްޕޭނުގައި ގަލޮޅު ކަންމަތީ ޖަލްސާގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ/ އެމްޑީޕީ

އިދިކޮޅުގެ ތާއީދު ވެސް އެބަލިބޭ؛ ދެ ވަނަ ބުރު ފަސޭހަ ވާނެ: ރައީސް

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރު ޖޭޕީގެ ގިނަ މެމްބަރުންތަކެއް އެ މަނިކުފާނާ ގުޅޭނެ ކަމަށް
21 ސެޕްޓެމްބަރު 2023

އިދިކޮޅު ޕާޓީތަކުގެ ތާއީދު ވެސް ލިބެމުން އަންނަ ކަމަށާއި އެހެންވެ، މި މަހު 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، އެމްޑީޕީއަށް ކާމިޔާބުކުރަން ފަސޭހަ ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން، އުއްމީދު ކުރި ފަދަ ނަތީޖާއެއް، ސަރުކާރު ހިންގާ ޕާޓީއަކަށް ނުނެރެވުނެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒާއެކު ދެ ވަނަ ބުރަކަށް ދިޔުމާއެކު އެމްޑީޕީން ވަނީ، މިވީ ދުވަސްތަކުގައި އެހެން ޕާޓީތަކުގެ ތާއީދު ހޯދުމަށް މަސައްކަތްކޮށްފަ އެވެ.

ދެ ވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް، އިންތިހާބުގައި %7 ހޯދި ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނާއެކު ވެސް ވާހަކަތައް ދެކެވުނެވެ. އެކަމަކު ރަސްމީކޮށް ދެކެވުނު އެ ވާހަކަތަކުން ކުރިއެރުމެއް ނުލިބި، ޑިމޮކްރެޓްސް އާއި ޖޭޕީ އަދި ފާރިސް ވެސް ނިންމީ އެއްވެސް ބަޔަކަށް ތާއީދު ނުކުރުމަށެވެ.

ތަފްސީލު - އިންތިހާބުގެ ކެމްޕޭންގެ ތެރެއިން މާލޭގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، ނޫސްވެރިއަކު ވެސް ވަނީ މިކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެޓްސްގެ ތާއީދު ލިބުން ނަމަ، އަދި އެހެން ޕާޓީތަކުގެ ތާއީދު ލިބުން ނަމަ، އިންތިހާބު ކާމިޔާބު ކުރުމަށް މިއަށް ވުރެ ފަސޭހަ ވާނެ ކަމަށެވެ. އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތުން، ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެންމެންގެ ވެސް ތާއީދު މިދަނީ ލިބެމުން. މިއީ ދެ ވަނަ ބުރު ކާމިޔާބު ކުރުމަށް ފަސޭހަވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް، ޖޭޕީ އިން ރަސްމީކޮށް ނިންމި ނަމަވެސް އެ ޕާޓީގައި އިސްކޮށް އުޅޭ ގިނަ ބަޔަކު މިހާރު ދަނީ އެ މަނިކުފާނާ އެކު ހުރިކަން ހާމަކުރަމުންނެވެ.

ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައި އެކަން އިއުލާންކޮށްފައިވަނީ:

  • ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު، ރިޔާޒް ރަޝީދު

  • ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު (ބޮކި ސައީދު)

  • ޖޭޕީގެ އިސް ތަރުޖަމާން އަދި ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި މި ފަދަ އިތުރު ބޭފުޅުންތަކެއް ފެންނާނެ ކަމަށާއި އެކަން ވެގެންދާނީ، އިންތިހާބު ކުރުމަށް އެޅިގެންދާ ފާލަމަކަށް ކަމަށެވެ.

"ޖޭޕީ ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތީ އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރާ ގޮތަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކެމްޕޭންގެ ހަރަކާތްތައް މި ހަފުތާ މާލޭގައި ކުރިއަށް ގެންދެވުމަށް ފަހު، އަންނަ ހަފުތާގައި ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް