ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓް ނަގަން އީސީއަށް އަންގަން މަޖިލީހުން ފާސްކޮށްފި

މަޖިލީހުން ފާސްކުރީ ނިޒާމީ ވޯޓު ނަގައިދިނުމަށް ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގޮތަށް
20 ސެޕްޓެމްބަރު 2023

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ 30ގެ ކުރިން ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ގަރާރު ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، ނިޒާމީ ވޯޓް ނަގަން ހުށަހަޅާފައި ވަނީ ނޮވެމްބަރު 30 ގައެވެ. ނަމަވެސް، އިއްޔެގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެ ގަރާރަށް ބަހުސްކުރައްވަމުން ހުށަހެޅުއްވީ ނޮވެމްބަރުގެ ބަދަލުގައި އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އިލްޔާސްގެ އިސްލާހާ އެކު، މަޖިލީހުގެ ވެބްސައިޓުގައި ގަރާރު އޮތީ ގަލަމުން "ނޮވެމްބަރު" ކަނޑާލުމަށް ފަހު "އޮކްޓޯބަރު" ލިޔެ އިސްލާހުކޮށްފަ އެވެ.

އެކަމަކު އިލްޔާސް ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލުން ފާސްކުރީ، މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއަށް ހުށަހެޅުމަށެވެ.

ތަފްސީލް - އެންމެ ފުރަތަމަ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު އެ ގަރާރު ފާސްކުރީ، އިލްޔާސް ހުށަހެޅުއްވި އިސްލާހަކާ އެކު އެވެ. އިލްޔާސް އެ ގަރާރަށް ހުށަހެޅުއްވި އިސްލާހަކީ އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.

އެ އިސްލާހާ އެކު ކޮމިޓީން ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

އޭގެ އިރުކޮޅެއް ފަހުން:

  • މަޖިލިސް މެދުކަނޑާލުމަށް ފަހު، ކޮމިޓީން އެ ގަރާރު ފާސްކުރި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލުމުން އެއްވެސް މެމްބަރަކު ބަހުސެއް ނުކުރެއްވި

  • އެހެންވެ، ދިޔައީ ސީދާ ވޯޓަށް

  • ކޮމިޓީން އެ ގަރާރު ފާސްކުރި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުން ވަނީ ގަރާރު ފާސްކޮށްފައި

  • މި ގަރާރު މަޖިލީހުގެ ތަޅުމުން ފާސްކުރުމުން، ނިޒާމީ ވޯޓު ނެގުމަށް އަންގާނީ އިލެކްޝަންސް ކޮމިޝަނަށް އަންްގާނީ މަޖިލީހުން

އެނގުން މުހިންމު - މަޖިލީހުން މި ގަރާރު މިއަދު ފާސްކުރި އިރު، ރައީސް އިބްރާހީމް މުއްމަދު ސޯލިހު ގަބޫލުކުރައްވާ ގޮތުގައި:

  • ނިޒާމީ ވޯޓު ނެގޭނީ، މަޖިލީހުގެ ޖުމްލަ 87 މެންބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައިގެ ނުވަތަ 66 މެންބަރުންގެ ވޯޓާ އެކު ފާސްކުރުމަށް ފަހު ތަސްދީގުކުރުމަށް އެ މަނިކުފާނަށް ފޮނުވުމުން، އެ މަނިކުފާނު އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަތުމުން

  • އެގޮތަށް ފާސްކޮށް މަޖިލީހުން ފޮނުވައިފި ނަމަ، އިލްޔާސްގެ ގަރާރުގައިވާ ގޮތަށް، އަންނަ މަހުގެ 30ގެ ކުރިން އެ ވޯޓު ނެގުމަށް، މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި

ފާހަގަކޮށްލެވޭ ކަމެއް - ރައީސް އެ ގޮތަށް ގަބޫލުކުރެއްވި ނަމަވެސް، ރައްޔިތުންނާ ގުޅޭ މުހިއްމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމަށް ނިންމުމުގެ ބާރު ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން މަޖިލީހަށް ވެސް ލިބިދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް