ޔާމީންގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި ލަސްވަމުންދާތީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕް މިއަދު ހައިކޯޓުގައި(ފޮޓޯ/ޕީޕީއެމް)
ޔާމީންގެ މައްސަލާގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީ އަށް ވަޑައިގަންނަވާ ވާހަކަ ކޯޓުން ދޮގުކޮށްފި
ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލަމުންދާ ހައި ކޯޓު ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީ ނަންގަވާތީ، އިސްތިއުނާފީ އަޑުއެހުންތައް އަނެއްކާ ވެސް މަޑުޖެހިފައިވާ ކަމަށް ބުނެ، ޕީޕީއެމް-ޕީއެްންސީން މިއަދު ދެއްކި ވާހަކަ ހައިކޯޓުން ދޮގުކޮށްފި އެވެ.
ބުނީ ކީކޭ؟ ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު 'ދައުރު' އަށް ވިދާޅުވީ އެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަކަށް ނުދާ ކަމަށާއި އެފަދަ ގޮތަކަށް ހައި ކޯޓުން މައުލޫމާތު ދީފައި ވެސް ނުވާނެ ކަމަށެވެ.
ވީ ކިހިނެއް؟ މި މައްސަލަ ހައި ކޯޓުގައި ކުރިއަށްދާތާ ގާތްގަނޑަކަށް ހަތް މަސް ވަރު ވެފައިވާ އިރު، ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން މިދިޔަ ޖުލައި މަސްތެރޭ އަޑުއެހުންތައް މަޑުޖެހުނެވެ.
އޭގެ ފަހުން މިދިޔަ މަހު އަލުން އަޑުއެހުންތައް ފެށި ފަހުން، އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އަޑުއެހުމެއް ނުބާއްވާތާ އަނެއްކާ ވެސް ގިނަ ދުވަސްތަކެއް ވަމުންދާ ކަމަށް ބުނެ، އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕުން މިއަދު ވަނީ ހައި ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކޮށްފަ އެވެ.
ތަފްސީލް - ހައިކޯޓަށް ވަޑައިގަތުމަށް ފަހު ނިކުމެވަޑައިގެން މީޑިއާ އާ ބައްދަލުކުރައްވައި، އެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ތިން ހަފްތާއަށް ވެސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކުރުމުގެ ވިސްނުމެއް ކޯޓުގެ ނެތް ކަމަށެވެ.
"ސަބަބަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބުން ގޮތުގައި ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު [މިމަހު] 23 އިން ފެށިގެން އެބަ ޗުއްޓީ ނަންގަވާ. އަނެއްކާ މިހާރު މި ލިބުނު މައުލޫމާތަކީ [މިމަހުގެ] 25 އިން ފެށިގެން ހައި ކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި އެބަ ވަޑައިގަންނަވައޭ. އެހެންވީމާ އޭގެ މާނައަކީ މި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމާ ހަމަޔަށް އަދި ނެތޭ ރައީސް ޔާމީންގެ އަޑުއެހުމެއް ތާވަލު ކުރުމަށް ރާވައިފަ އެއް،" އަބްދުރަހީމް ވިދާޅުވި އެވެ.
ހައިކޯޓުގެ ބަސް - މި ވާހަކަތައް ދޮގުކޮށް، ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން މިއަދު 'ދައުރު' އަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފަނޑިޔާރަކު ޗުއްޓީއަކަށްދާ ކަމަށް މައުލޫމާތު ދީފައި ނުވާނެ ކަމަށެވެ.
"[ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން] މައުލޫމާތު ސާފުކުރަން އައުމުން ދަންނަވާފައިވާނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު މިމަހުގެ 23 އިން 25އަށް ރަސްމީ ދަތުރުފުޅެއްގައި މާލެއިން ފުރާވަޑައިގަންނަވާތީ، އެ ދޭތެރޭގައި އަޑުއެހުމެއް ތާވަލު ކުރެވިފައި ނުވާ ކަމަށް." އަމީން ވިދާޅުވި އެވެ.
އެމައްސަލާގައި އަޑުއެހުމެއް ބޭއްވުމަށް އަދި ތާވަލު ކުރެވިފައި ނުވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމަކު އެއީ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ނޫން ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ:
-
ފަނޑިޔާރު މުހައްމަދު ސަލީމް
-
ފަނޑިޔާރު ހަސަން ޝަފީއު
-
ފަނޑިޔާރު ހުޒައިފާ މުހައްމަދު
އެނގުން މުހިންމު - ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް މިދިޔަ 25 ޑިސެމްބަރުގައި އިއްވި، 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރީ މިއަހަރުގެ 21 ފެބްރުއަރީގަ އެވެ. އޭގެފަހުން:
-
15 މާޗު 2023؛ އިސްތިއުނާފީ ފޯމުގައި އިސްލާހުކުރަން ހުރި ކަންކަން ހުރުމުން އަލުން މައްސަލަ ހުށަހެޅި
-
7 ޖޫން 2023؛ މައްސަލަ ހުށަހަޅާފަ އޮންނަތާ ގާތްގަނޑަކަށް ތިން މަސް ފަހުން ކޯޓުގައި އަޑުއެހުންތައް ފެށި
-
އޭގެ ފަހުން މި މައްސަލާގައި ތިން އަޑުއެހުން ބޭއްވުމަށް ފަހު ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން މިދިޔަ ޖުލައި މަސްތެރޭ އަޑުއެހުންތައް މަޑުޖެހުނު
-
16 އޮގަސްޓު 2023؛ އަޑުއެހުންތައް އަލުން ފެށުނު؛ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 6ގައި