ޖުމްހޫރީ ޕާޓީގެ ކައުންސިން ބައްދަލުވުމަށްފަހު ލީޑަރު ގާސިމް އިބްރާހިމް މީޑިއާ ތަކާ ބައްދަލުކުރައްވަނީ.(ފޮޓޯ/ހުސައިން ސުނޭން)

ޖޭޕީން ވަކި ކޮޅަކަށް ތާއީދު ނުކުރިޔަސް، މެމްބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރެވޭނެ: ގާސިމް

ގާސިމް ވިދާޅުވީ އެމީހަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ ކޮންމެ މެމްބަރަަކަށް ލިބިގެންވާ ހައްގެއް ކަމަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ކޮޅަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ނިންމާފައި ވިޔަސް، އެ ޕާޓީގެ މެމްބަރުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކޮށް، ވޯޓު ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު، ދެވަނަ ބުރަށް ދިޔަ ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީއާ އެކު އެ ޕާޓީން ވަނީ ކޯލިޝަން މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަަމަކު، އިއްޔެ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ފާސްކޮށްފައިވަނީ އެއްވެސް ޕާޓީއެއްގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ނުކޮށް، ވަކި ކޮޅަކަށް ތާއީދު ނުކުރާ ބައެއްގެ ގޮތުގައި ޖޭޕީ އޮތުމަށެވެ.

އެ ޕާޓީގެ އާންމު މެމްބަރުންނަށް އެޑްރެސްކޮށް ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށް ވެސް އޮންނާނެ ކަމަށެވެ.

ތަފްސީލް - އެ ބަޔާނުގައި ގާސިމް ވިދާޅުވި ގޮތުގައި ވަކި ކޮޅަކަށް ތާއީދު ނުކުރާ ބައެއްގެ ގޮތުގައި ޖޭޕީން އޮތުމަށް ޖޭޕީ ކައުންސިލުން އިއްޔެ ނިންމި ނިންމުމުގެ ސަބަބުން މެންބަރުންގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ކަމަށް ފެނެ އެވެ. 

"[މިހެންވެ]، ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާ ޤާނޫނީ ހައްގެއް ކަމުގައި އަޅުގަނޑު ދެކޭތީ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ،" އެކްސްގައި ގާސިމް އާންމުކުރެއްވި ބަޔާނުގައި ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީގެ ކައުންސިން އިއްޔެ ބައްދަލުވުމަށް ފަހު، ލީޑަރު ގާސިމް އިބްރާހިމް މީޑިއާތަކާ ބައްދަލުކުރައްވަނީ (ފޮޓޯ/ހުސައިން ސުނޭން)

ފާހަގަކޮށްލެވޭ ކަމެއް - ގާސިމް ބަޔާން ނެރުއްވި އިރު ޖޭޕީގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމުގައި ހުންނެވި އަލީ އާރިފް ވަނީ ޕީއެންސީ-ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭން ކޮށްދެއްވަން އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. 

ކެލާ ދާއިރާގެ ކުރީގެ މެމްބަރު އާރިފް މިއަދު 'ދައުރު' އަށް ވިދާޅުވި ގޮތުން، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދުކޮށް،  ކެމްޕެއިންތަކުގައި ހަރަކާތްތެރިވާން ބޭނުންވާތީ އެވެ. ޖޭޕީން ވަކިކޮޅަކަށް ނާރަން ނިންމާފައިވަނިކޮށް، އެ ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން އެކަން ކުރެއްވުމަަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެެސް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ވަޑައިގެންނެވި އިދިކޮޅު ކެންޑިޑޭޓު މުއިއްޒަކީ، އާރިފްގެ ދެބެއިންގެ ދެދަރި ކޮއްކޮއެކެވެ.

ކޮމެންޓް (1)

ކޮއްޔަ

18 ސެޕްޓެމްބަރު 2023
ޖޭޕީގެ 17،000 މެމްބަރުން ވޯޓްލީ ވާދަވެރި ކެންޑީޑޭޓުންނަށް، ދެން ބާކީތިބި 5،000 މެމްބަރުން ވޯޓްލާންވީ ކެންޑިޑޭޓް އަކު ޖޭޕީގެ ލީޑަރު ބުނެދޭން ޖެހޭކަމަކަށް އަޅުގަނޑު ނުދެކެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް