އަޒްލީން ޖޭޕީއަށް ސޮއިކުރުމަށް 26 އޮގަސްޓް 2019ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފައިލް ފޮޓޯ/ވަން އޮންލައިން)
މުއިއްޒުގެ ކެމްޕޭނުގައި ބައިވެރިވާން އަލީ އާރިފް އިސްތިއުފާދޭތީ އަޒްލީން ޖޭޕީގެ އެސްޖީއަކަށް ހަމަޖައްސައިފި
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމުގައި ހުންނެވި އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމުން، އެސްޖީގެ މަގާމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދު އައްޔަންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - 27 އޮގަސްޓު 2019 އިން ފެށިގެން އެސްޖީގެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ އަދި ހުށަހަޅުއްވާފައެއް ނުވެ އެވެ. ނަމަވެސް، އޭނާ މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ މަގާމުން އިސްތިއުފާ ދެއްވުމަށް މިއަދު އޭނާ ސިޓީ ހުށަހަޅުއްވާނެ އެވެ.
ނަމަވެސް، ގާސިމް، ޖޭޕީގެ އެސްޖީގެ މަގާމަށް އަޒްލީން އައްޔަންކުރައްވާފައިވާކަން ހާމަކުރައްވާފައި ވަނީ، ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގަ އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން އަލީ އާރިފް މިއަދު 'ދައުރު'އަށް ވިދާޅުވީ، އޭނާ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި މިއަދުގެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ހުށަހަޅުއްވަން ތައްޔާރުވެވަޑައިގެންފައި ވިޔަސް ޖޭޕީން ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ.
އޭނާ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވަނީ، އަލީ އާރިފް ވިދާޅުވި ގޮތުގައި، މި މަހުގެ 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގަންނަވަން ބޭނުންވާތީ އެވެ.
"ޖޭޕީން މި ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ނުވާއިރު، ޖޭޕީގެ އެސްޖީ ކަމުގައި ހުރެގެން އެ މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭތީ އިސްތިއުފާ މި ދެނީ. ލީޑަރު ގާސިމް އާއި އަޅުގަނޑާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް،" އަލީ އާރިފް ވިދާޅުވި އެވެ.
"އޭގެ ކުރިން އެ މަގާމަށް އަލަށް އައްޔަން ކުރައްވާ ބޭފުޅަކަށް އެ މަގާމު ހޭންޑްއޯވާ ކުރުމުގެ ކަންކަން އަޅުގަނޑު މި ދަނީ ކުރަމުން. މިކަންކަން ކުރެވެމުންދަނީ އަޅުގަނޑާއި ލީޑަރު ގާސިމާ ދެމެދު ވާހަކަދެކެވި، އަންޑަސްޓޭންޑިންއެއްގެ ދަށުން."
އެނގުން މުހިންމު - ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަކީ އަލީ އާރިފްގެ ދެބެއިންގެ ދެދަރި ކޮއްކޮ އެކެވެ. އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިވަނީ، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހެދުމަށް ޖޭޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނިކޮށެވެ.