ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، އުފާވެރި އަމާން ރާއްޖެ އެމްޑީޕީ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

އިންތިހާބު ބާތިލު ވާ ވަރަށް ބާތިލު ވޯޓު އެބަހުރި: މާރިޔާ

މާރިޔާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
13 ސެޕްޓެމްބަރު 2023
1

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުކޮށްފައިވާ ކަމަށާއި 'އިންތިހާބު ބާތިލު ކުރާ ވަރަށް ބާތިލު ވޯޓު އެބަހުރި' ކަމަށް، އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- އެއްބުރުން ކާމިޔާބު ކުރުމުގެ އުންމީދުގައި އެމްޑީޕީން ކުރިމަތިލި މި އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީ ބޮޑެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ މަދެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު:

  • ރައީސްއަށް ލިބިވަޑައިގެންނެވީ 86،161 ވޯޓު، އެއީ %39.05 ވޯޓް

  • މުއިއްޒަށް ލިބިވަޑައިގެންނެވީ 101،635 ވޯޓު، އެއީ %46.06 ވޯޓް

އިންތިހާބުގެ ފުރަތަމަ ބުރުގައި، އެކި ސަބަބުތަކާ ހުރެ 4،000 އަށް ވުރެ ގިނަ ވޯޓު ވަނީ ބާތިލު ކަމަށް ކަނޑައަޅައިފަ އެވެ.

ތަފްސީލު- އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތެރިންނާ އެކު 'ދަނޑިކޮށި' ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި، ކެމްޕޭނު މެނޭޖަރު މާރިޔާ ވަނީ އިންތިހާބުގެ އިންތިޒާމްތަކާއި އެހެން ކަންކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާގެ ވާހަކައިން ދޭހަވީ، އީސީއިން މާ ފަސޭހައިން ވޯޓު ބާތިލުކޮށްފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި 'މުސްކުޅިއަކު ވޯޓު ފާހަގަ ޖެހުނުކަން ލޮލަށް ނޭނގޭތީ ޔަގީންކޮށްލުމަށް އޭގެ މަތީގައި [ފާހަގަ ޖެހުމުން] ވެސް، ގަވައިދުތަން ނުދެއޭ ކިޔާފައި ވޯޓު ބާތިލު ކުރި' އެވެ.

އެއީ ސީދާ ހެޔޮފާހަގައެއްކަން އެނގޭއިރު ވެސް ބާތިލުކޮށްފައިވާކަން، ވަރަށް ނުރުހުންވެ ވަޑައިގެން މާރިޔާ ވިދާޅުވި އެވެ.

"އެހެންވިއްޔާ އެތަނުގައި އީސީގެ މެމްބަރު އިންނަވަންވީތޯ މޮޅު ފާހަގަ ޖަހަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަށް އެ ކަހަލަ ފާހަގަ ޖަހާކަށް ނޭނގެއޭ،" އޭނާ ވިދާޅުވި އެވެ.

ވޯޓުލުމުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ވެސް މާރިޔާ ވަނީ އީސީއަށް ވަރަށް ބޮޑަށް ފާޑުވިިދާޅުވެފަ އެވެ. އެގޮތުން:

  • އުމުރުން ދުވަސްވީ މީހުންނަށް ފުރޮޅުލީގޮނޑި ފަދަ ވަސީލަތެއް ލިބޭކަށް ނެތް، އިށީނދެގެން ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައެއް ނުވޭ

  • ކުރީގެ އިންތިހާބުތަކުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އަވަހަށް ވޯޓުލެވޭ ގޮތް ހަދައިދިން ނަމަވެސް މި ފަހަރު އެ ލުޔެއް ވެސް ނެތް

  • ކިޑްނީ ބައްޔާއި ނޭވާހިއްލާ ބަލީގެ މީހުން އެތައް ގަޑިއިރެއް ވާންދެން ކިޔޫގައި ތިބި؛ އެންމެ ފަހުން ގިނަ ބަޔަކު ވޯޯޓު ނުލެވިގެން ގެއަށް ދިޔަ

މާރިޔާ ވިދާޅުވީ މި މައްސަލަތައް ހިފައިގެން ސުޕްރީމް ކޯޓަށް ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން އެމްޑީޕީން ނުކުރާ ކަމަށެވެ.

"ސުޕްރީމް ކޯޓަށް ގޮސް [އިންތިހާބު] ބާތިލް ކުރާ ވަރަށް ބާތިލް ވޯޓު އެބައޮތޭ." އޭނާ ވިދާޅުވި އެވެ.

މާރިޔާ އެދިިވަޑައިގެންނެވީ އެކި ހުއްޖަތްތައް ނުދައްކައި، މި މަހުގެ 30 ވާ ދުވަހު އޮންނަ އިންތިހާބުގެ ދެ ވަނަ ބުރުގައި ވީހާ ވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށެވެ.

ކޮމެންޓް (1)

ތަކުރުފާނު

13 ސެޕްޓެމްބަރު 2023
އޮޅާލާ. ޑެސްޕަރޭޓް ވިޔަސް ތިޔައީ ބޮޑު ވަރު. ގިނަ ބަޔަކު ވޯޓް ނުލީ ކަލޭމެން 5 އަހަރު ވެރިކަން ކުރި ގޮތް ކަޑަވެގެން. ސޯލިހުގެ ފެންވަރެއް ނެތްކަން އެ މީހުންނަށް އެނގޭތީ. މޮޅު ވާހަކަ ނުދައްކައި، ފައިބާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް