ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ސަރުކާރުގެ ރަސްމިއްޔާތެއްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އަބްދުﷲ ޝަމާލް

އިިންޑިއާގެ އުޅަނދުތައް ދުއްވަނީ ދިވެހި ސިފައިންގެ ބާރު ހިނގާ ގޮތަށް: ޝަމާލް

އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާނެ އެއްވެސް ކަމަށް ދިވެހި ސިފައިން ޖާގައެއް ނުދޭނެ ކަމަށް

އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ 'ހިއުމެނިޓޭރިއަން މަސައްކަތްތަކަށް' ކަމަށާއި އެއިން ކޮންމެ އުޅަނދެއް ދުއްވަނީ ދިވެހި ސިފައިންގެ ބާރު ހިނގާ ގޮތަކަށް ކަމަށް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް މިރޭ ވިދާޅުވެއްޖެ އެވެ. އޭގެ އިތުރުން، ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް އަސްކަރީ އެއްވެސް މަރުކަޒެއް ވެސް ރާއްޖޭގައި ނުހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަމާޒު ކުރި އެންމެ ބޮޑު ފާޑުކިޔުމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އާއި އެ ގައުމާ އެކު ހަދާފައިވާ 'ސިއްރު އަސްކަރީ އެއްބަސްވުންތަކު'ގެ މައްސަލަ އެވެ. އެގޮތުން:

  • އެ ތުހުމަތުތަކަކީ ދޮގެއް ކަމަށް އެކި މަރުހަލާތަކުގައި ސަރުކާރުން ދިޔައީ ބުނަމުން

  • ރިޔާސީ އިންތިހާބުގައި 15،000 ވޯޓުގެ ފަރަގާ އެކު އެއްވަނަ އިދިކޮޅު ކެންޑިޑޭޓު ހޯއްދެވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އެއްހާ ވޯޓް. ރައީސް މިއަދު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ދަށްވީ، އިދިކޮޅުން ދޮގު ވާހަކަތައް ދެއްކުމުގެ ސަބަބުން ކަމަށާއި ހާއްސަކޮށް އިންޑިއާގެ ނުފޫޒު މި ސަރުކާރަށް އޮތް ކަމަަށް ބުނެ ކުރި ތުހުމަތު

  • ކުރިއަށް ހުރި ދުވަސްތަކުގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ހާމަ ކުރެވެން ހުރި ކަންކަން ހާމަކުރައްވާނެ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވަފައި

އެއާ އެކު މިއަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި ވީޑިއޯ މެސެއްޖެއްގައި ޝަމާލް ވަނީ އިންޑިއާއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

ތަފްސީލު - މިރޭ 7 ޖެހި އިރު ޕީއެސްއެމް އިން ދެއްކި ހަތް މިނެޓުގެ އެ އިންޓަވިއުގައި ވާހަކަ ފައްޓަވަމުން ޝަމާލް ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ވެސް އޮންނަ ހާރިޖީ އަދި ދިފާއީ ސިޔާސަތުގެ ދަށުން ބޭރުގެ އެކި ގައުމުތަކުގެ އަސްކަރިއްޔާއާ ގުޅިގެން ތަމްރީން ހަރަކާތްތަކާއި ޖޮއިންޓް އޮޕަރޭޝަންތައް ހިންގާ ކަމަށެވެ. އޭގެ ބޭނުމަކީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުން ކަމަށް ފާހަގަކުރެއްވި އެވެ.

އެއަށް ފަހު، މުޅި އިންޓަވިއުގައި ވެސް ދެއްކެވީ، ރާއްޖޭގައި އަސްކަރިއްޔާ އާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު އޮތް 'ގާތް' ގުޅުންތަކުގެ ވާހަކަ އެވެ. އަދި އެ ގައުމުން ރާއްޖެއަށް ދީފައިވާ ކަމަށް ބުނާ އަސްކަރީ  އުޅަނދުތަކާ ގުޅޭ ގޮތުން ޝަމާލް ވާހަކަ ދެއްކެވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އިންޑިއާގެ ކޯސްް ގާޑުގެ ހެލިކަޕްޓަރެއް ފުރަތަމަ ފަހަރަށް ރާއްޖެ ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ސަރުކާރުގެ އެދުމުގެ މަތިން 2011ގައި؛ ސ. ގަމަށް ގެނައި އެ ހެލިކަޕްޓަރުގެ މައިގަނޑު ބޭނުމަކީ، ބަލި މީހުން އުފުލުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމާއި ހޯދުން ފަދަ ހިއުމެނިޓޭރިއަން މަސައްކަތް ކުރުން

  • އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ނޭވީ ހެލިކަޕްޓަރެއް ގެނެވުނު؛ އެ ހެލިކަޕްޓަރު އޮޕަރޭޓް ކުރަނީ ލ. ކައްދޫގައި

  • ދެން ރައީސް ސޯލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރު އިންޑިއާގެ ޑޯނިއާ މަތިން ބޯޓެއް ގެެނައި

"މި ތިން އުޅަނދު އެކި އަހަރުތަކެއްގެ މަތިން ގެނެވިފައި މިއޮތީ. ދެން އޮންނަ އިރު، ފާހަގަކޮށްލަން ބޭނުން، އަޅުގަނޑުމެން ސިފައިންގެ ރިކުއެސްޓަށް، ސިފައިންނާ ގުޅިގެން މި ހަރަކާތްތައް ހިންގެނީ. ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ދަށުން،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަނީ

އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ތިން އުޅަނދުގައި ވެސް ވަރަށް ގިނަ ބަލި މީހުން މިހާތަނަށް ވަނީ އުފުލައިފަ އެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އެ އުޅަނދުގެ އެހީތެރިކަން ހޯދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދެން އެހެން ނަަމަވެސް، މި ހަރަކާތްތަކަކީ ސިފައިންގެ ބެލުމުގެ ދަށުން، ސިފައިންގެ ކޮންޓްރޯލް އޮވެގެން ހިންގޭ ހަރަކާތްތަކެއް،" ތަކުރާރުކޮށް ޝަމާލް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ:

  • ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، ސެޕްޓެމްބަރު 2012ގައި ސެނެހިޔާ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމަށް 'މިލިޓަރީ އެކި އެކި ދާއިރާތަކުގެ ސްޕްޝަލައިޒްޑް ޑޮކްޓަރުން' ދަނީ އެތަނުގައި މަސައްކަތް ކުރަމުން ކަމަށް

  • ފަސްހަ ޑޮކްޓަރުން ދަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން؛ އެއީ، ސީދާ އިންޑިއާގެ ސިފައިންގެ ޑޮކްޓަރުން ކަމަށް ވިދާޅެއް ނުވޭ

ސެނެހިޔާގެ މިލިޓަރީ ހޮސްޕިޓަލް: އެ ތަނުގައި ހައެއްކަ 'މިލިޓަރީ ޑޮކްޓަރުން' ހަރަކާތްތެރިވަމުންދާ ކަމަށް ޝަމާލް ވިދާޅުވި (ފައިލް ފޮޓޯ)

އެ އިންޓަވިއުގައި ޝަމާލް ދެން ރައްދު ދެއްވީ އުތުރު ތިލަފަޅުގައި ސިއްރު އެއްބަސްވުމެއްގެ ދަށުން، އިންޑިއާއާ ހަވާލުކޮށްގެން ހަދާ އަސްކަރީ ބަނދަރާ ގުޅޭ ގޮތުންނެވެ. އެތަނަކީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ތަނެއް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ކުރާ ތުހުމަތު ޝަމާލް ދޮގުކުރެއްވި އެވެ.

"އެއަށް ދެން އަޅުގަނޑު ސިފައިންގެ ފަރާތުން ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެކަން،" ޝަމާލް ވިދާޅުވި އެވެ.

އެގޮތަށް ބޭރު ބައެއްގެ ބާރު ހިންގާ ގޮތަށް އެއްވެސް އަސްކަރީ މަރުކަޒެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި މުސްތަގުބަލުގައި ވެސް ދިވެހި ސިފައިން އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ  ތަކުރާރުކޮށް ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް ބޭރު ގައުމެއްގެ އަސްކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ނުވަތަ ބޭރު ގައުމެއްގެ ބަޔަކު ސިފައިންގެ ކޮންޓްރޯލެއް ނެތި އޮޕަރޭޓް ކުރާ ފެސިލިޓީއެއް ރާއްޖޭގައި ނެތް ކަން އަޅުގަނޑު ފާހަގަކުރަން،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލްގެ ވީޑިއޯ މެސެޖް

އުތުރު ތިލަފަޅު އަސްކަރީ ބަނދަރާ ގުޅޭ ގޮތުން ޝަމާލް ވިދާޅުވީ:

  • އެ ބަނދަރާ ގުޅޭ މައުލޫމާތު ދިވެހި ސިފައިންގެ ފަރާތުން މީޑިއާ އަށާއި މަޖިލީހަށް އެކި ފަހަރު މަތިން ހިއްސާކޮށްފައި ވާނެ ކަމަށް

  • އެ ބަނދަރަކީ، ސިފައިންގެ އުޅަނދު އެޅުމަށާއި މަރާމާތުގެ މަސައްކަތް ކުރުމަށް ހިންގާ މަޝްރޫއުއެއް

  • އެ ބަނދަރާއި އެތަނުގައި ގާއިމްކުރާ ހުރިހާ ވަސީލަތަކީ ވެސް ހަމަ ދިވެހި ދައުލަތުގެ މިލްކެއް

"ދިވެހި ސިފައިންނަކީ، އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިގުލާލު ނެގެހެއްޓުމުގައި ސާބިތުކަންމަތީ މަސައްކަތް ކުރާ ބައެއް. އަޅުގަނޑުމެންގެ މައިގަނޑު މިޝަން. އެގޮތުގައި ސިފައިން ދެމިތިބޭނެ،" ދައުލަތުގެ މީޑިއާއަށް ދެއްވި ވީޑިއޯ މެސެޖް ނިންމާލައްވަމުން ޝަމާލް ވިދާޅުވި އެވެ.

"ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ބުރޫއަރާ ފަދަ ކަމެއް ކުރާކަށް ސިފައިންގެ އެއްވެސް މީހަކު އެ ފުރުސަތު ނުދޭނެ. ދީގެން ވެސް ނުވާނެ."

އޭނާ ވިދާޅުވީ؛

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިމަގުގައި ވެސް އެފަދަ ފުރުސަތެއް އެއްވެސް ބަޔަކު ނުދޭނެ

ވަކިން ހާއްސަކޮށް ބޭރު ގައުމެއްގެ އަސްކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ނުވަތަ ބޭރު ގައުމެއްގެ ބަޔަކު ސިފައިންގެ ކޮންޓްރޯލެއް ނެތި އޮޕަރޭޓް ކުރާ ފެސިލިޓީއެއް ރާއްޖޭގައި ނެތް ކަން އަޅުގަނޑު ފާހަގަކުރަން

ކޮމެންޓް (1)

މުންޖިޗޭ

12 ސެޕްޓެމްބަރު 2023
ރަންކޮޅާ ދޫންޏާ، ތިޔަހެން ދޮގުތައް ހެދީމަ ޖެހެނީ އެދޮގު ފޮރުވަން ހާސްދޮގު ހަދަން، ރައްޔިތުން ޙުކުމް އިއްވީމަ ދެން ދޮގުތައް ހަދާނެ ކަމެއްނެތް، ޙަޤީޤަތް ހާމަކުރަން ފުރުޞަތު ލިބުނު، އެކަމަކު އޭރު ބެލީ އިންޑިޔާއިން ލިބޭ ހަދިޔާ ފޮށިތައް އައުން ހުއްޓިދާނެތީ ސިއްރުކޮށްގެން ތިބެން، މިފަހަރު ޖެހޭނީ ބޮޑު ލަދެއްގައި ބެދެން، ނިކަން ރައްޔިތުންނަށް ހަރާންކޯރު ވެފައި ސަލާމަތަކުން ނުތިބެވޭނެ، ދިވެހިންގެ މިނިވަންކަމަށް ބުރޫއަރުވާލާފައި ސަލާމަތެއް ނުވެވޭނެ، ޤާނޫނު އަރާހަމަކުރާނެ، ކުރިކަންތަކުގެ އަގުއަދާކުރަންޖެހޭނެކަން ކަށަވަރު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް