ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންތިހާބުގައި ވޯޓުލުމަށް އިއްޔެ އިސްކަންދަރު ސްކޫލުގައި (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ނަޝީދުގެ ރުހުން ނުސީދާކޮށް މުއިއްޒަށް

އެ މަނިކުފާނު ވިދާޅުވީ، ހަރުކަށި ފިކުރަށް ޖާގަދީ އަދި އެ ގޮތަށް މިދިޔަ ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް
10 ސެޕްޓެމްބަރު 2023
1

ހަރުކަށި ފިކުރަށް، މި ފަސް އަހަރަށް ވުރެ ބޮޑަށް އިތުރަށް ޖާގަ ދޭނެ ބަޔަކު ދެން އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސް ޕާޓީގެ ބާނީ މުހައްމަދު ނަޝީދުގެ ރުހުން، ނުސީދާކޮށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ވޯޓުލުން އިއްޔެ ނިމިފައި ވާއިރު، ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓު މުއިއްޒެވެ. އޭނާއަށް %46 ވޯޓުލިބިވަޑައިގެންނެވި އިރު، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ %39 ވޯޓެވެ.

އެއާ އެކު، އެ ދެ ބޭފުޅުންނާ އެކު އިންތިހާބުގެ ދެ ވަނަ ބުރަކަށް މިހާރު ވަނީ ގޮސްފަ އެވެ. އަދި ގިނަ ބަޔަކު މިހާރު އިންތިޒާރުގައި ތިބީ، %7 ވޯޓާ އެކު، އިންތިހާބުގައި ތިން ވަނައަށް ކާމިޔާބު ހޯދި ނަޝީދުގެ ޑިމޮކްރެޓްސް އަރާނެ ކޮޅެއް ބެލުމަށެވެ.

މުއިއްޒާ ގުޅޭ ގޮތުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަދި ޑިމޮކްރެޓިކްސްގެ ސަޕޯޓަރުން ވެސް އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ، އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އެ މީހުން ގަބޫލު ކުރަނީ، ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފުގެ ތާއީދު މުއިއްޒަށް އޮތުމެވެ.

ނަމަވެސް، ނަޝީދު މިއަދު ވަނީ އެ ކަމުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އެ މަނިކުފާނު ވިދާޅުވީ، ހަރުކަށި ފިކުރަށް ޖާގަދީ އަދި އެ ގޮތަށް މިދިޔަ ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިއްޔެގެ އިންތިހާބުގައި އެމްޑީޕީއަށް އުއްމީދު ކުރިވަރުގެ ކާމިޔާބު ނުލިބުމާ އެކު، ބައެއް ސަޕޯޓަރުން ވަނީ ދެ ވަނަ ބުރުގައި، 'ކުރީގެ އެމްޑީޕީ'ގެ ގޮތަށް އެކުގައި މަސައްކަތް ކުރުމަށް އެދިފަ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ނަޝީދު ވެސް އަދި ރައީސް ވެސް ރަސްމީކޮށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ގުޅުން ހުރި ކަމެއް - އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހު ރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި ދެވަނަ ބުރުގައި އިތުރު ޕާޓީތަކާ ގުޅެން ކުރެވެން ހުރި މަސައްކަތެއް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ހާލި

10 ސެޕްޓެމްބަރު 2023
އަންނި ޖޭދޯމިވަނީ ބެސްޓްފޮރެންޑް ދެކެ، ރައީސްވީމަ؟
0 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް