ރިޔާސީ އިންތިހާބުގައި ވޯޓުލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވޯޓު މަރުކަޒުގައި (ފޮޓޯ/އެމްޑީޕީ)

ދެވަނަ ބުރަށް ތައްޔާރުވާން ފަށައިފިން؛ މަސައްކަތް ކުރަނީ ބަޔަކާ ބައިވެރިވާން: ރައީސް

އިންތިހާބު އެއް ބުރުން ނުނިމި އެމަނިކުފާނު ދެވަނައަށް ދިޔަ ނަތީޖާއާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ ކުރިން 'ވިސްނިފައި ނެތް ބައެއް ކަންތައްތައް' ހުރި ކަމަށް
10 ސެޕްޓެމްބަރު 2023
2

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވާން ފަށާފައިވާ ކަމަށާއި ދެވަނަ ބުރުގައި އިތުރު ޕާޓީތަކާ ގުޅެން ކުރެވެން ހުރި މަސައްކަތެއް ކުރައްވާނޭ ކަމަށް، އިއްޔެ ބޭއްވި ފުރަތަމަ ބުރުގައި ދެވަނައަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންތިހާބުގެ ވަގުތީ ނަތީޖާ ސާފުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އެމަނިކުފާނުގެ ރަސްމީ ކެމްޕޭން އޮފީސް ހުންނަ ޝައިންޓްރީ އިމާރާތުން ނުކުމެވަޑައިގެންނެވި ވަގުތު ބޭރުގައި ތިބި ނޫސްވެރިން ނަތީޖާއާ މެދު ސުވާލުކުރުމުން ރައީސް ވަނީ ކުރު ޖަވާބުތަކެއް ދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - ނަތީޖާއާ މެދު ޖުމްލަކޮށް ރައީސް ވިދާޅުވީ، ކުރިން "ވިސްނިފައި ނެތް ބައެއް ކަންތައްތައް" އެބަހުރި ކަމަށާއި ދެވަނަ ބުރަށް ނުކުންނަވާނީ އެ ކަންކަމަށް ތައްޔާރުވެގެން ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވައި ރައީސް ވިދާޅުވީ "ކޮންމެ ގޮތެއް ވިޔަސް ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ" ކަމަށެވެ. އެހެންކަމުން، އެކަމަށް ކުރަން ޖެހޭ މަސައްކަތެއް ކުރައްވާނޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ޕީޕީއެމްއިން ވެސް [ކޯލިޝަން ހަދަން] މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. އެހެންވީމާ އެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނީ،" ރައީސް ވިދާޅުވި އެވެ.

ދެވަނަ ބުރަކާ މެދު ކިހާ ވަރެއްގެ ޔަގީންކަމެއް އެބައޮތްތޯ 'ދައުރު' އިން ސުވާލުކުރުމުން ރައީސް ވިދާޅުވީ މަސައްކަތް ފަށައި އެކަމާ ދޭތެރޭ ވިސްނާނީ މާދަމާ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅުނުވެ ރައީސް ދެން އެ ސަރަހައްދުން ވަޑައިގެންނެވީ އެވެ. 

ފާހަގަކޮށްލެވޭ - މި މަހު 30ގައި ބާއްވާ ދެވަނަ ބުރުގައި އިތުރު ޕާޓީތަކާ ގުޅެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އިރު، އެމަނިކުފާނު ކެމްޕޭން ތެރޭގައި ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތީ އިންތިހާބު ދެވަނަ ބުރަކަށް ދިޔަނުދިނުމަށާއި އެއް ބުރުން އެމަނިކުފާނު ހޮވައިދިނުމަށެވެ. އަދި ދެވަނަ ބުރަކަށް ނުދާ ޕާޓީތަކުން މަސައްކަތް ކުރާނީ ސަރުކާރުން ހިއްސާއެއް ހޯދަން ކަމަށް ވިދާޅުވެ އެއީ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. 

އެނގުން މުހިންމު - 'ދައުރު' އަށް ލިބިފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި:

  • ފުރަތަމަ ބުރުން ކުރި ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ 100،959 ވޯޓް ހޯއްދަވާފައި؛ އެއީ ވޯޓްލީ މީހުންގެ %46.02

  • ރައީސް ސޯލިހަށް ދެވަނަ ލިބިވަޑައިގެންނެވީ 85،809 ވޯޓުން؛ އެއީ ވޯޓްލީ މީހުންގެ %39.12

  • ތިންވަނަ ހޯއްދެވީ ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު؛ އޭނާއަށް ލިބިވަޑައިގަތީ 15،453 ވޯޓް، %7.04 

ކޮމެންޓް (2)

ދިވެހިން

10 ސެޕްޓެމްބަރު 2023
އަދިވެސް ޣައްދާރުން ގެންނަންވީކީ ނޫން. ތިތާތިބި ޣައްދާރުން ބޭރުކުރޭ. ފަށާ އެމްޓީސީސީ ގެ އެމްޑީ އާޒިމް އިން. އޭނާގެ ސަބަބުން ގެއްލުނު ވޯޓުގެ ގުނާ ނުނިމޭނެ
0 0

އަޑިކޮންނަ

10 ސެޕްޓެމްބަރު 2023
ރޭގަ ހަވާއަރުވާ އުފާ ފާޅުކުރާތަނެއް ނުފެނުނު. ރައީސް ކިހިނެއްވީ ރައީސް އިއުލާނު ކުރެއްވީމެންނު ރޭގަ އޮންނާނި އުފާ ފާޅުކުރުން ކަމުގާ. ރއްޔިތުންނަށް އިތުރުފުޅުހައްދަވާ ރައީސެއް ބޭނުމެއްނޫން. ރޭގަ އެތާތިބިން ނުނިދާ އުފާ ފާޅުކުރާހިތުން. ދެންރައީސްގެ ފަހަތަކަށްނޭރޭނެ ތިހާ ބޮޑަށް އޮޅުވާލީމާ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް