އެމްޑީޕީގެ މެނިފެސްޓޯގެ ފަހު ބައި 'އިގްތިސާދީ ބޮޑު ބަދަލު' އިފްތިތާހުކުރުން ބޭއްވި 'ޒަމާނަކުން އައި ޒަމާނެކޭ' ކެމްޕޭން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިންތިހާބު 2 ވަނަ ބުރަކަށް ގެންދަން ނަމަނަމަ ފުރުސަތު ނުދޭތި: ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ބައެއް ކެންޑިޑޭޓުންގެ އަމާޒަކީ އަމިއްލަ ފައިދާއަކަށްޓަކައި އިންތިހާބުު ދެ ވަނަ ބުރަކަށް ދިގު ދަންމާލުން ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ރިޔާސީ ކެންޑިޑޭޓުން ހަމައެކަނި މަސައްކަތް ކުރައްވަނީ އިންތިހާބު 2 ވަނަ ބުރަކަށް ގެންދިއުމަށް ކަމަށާއި އެ ފުރުސަތު ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންގެ ފަރާތުން މިރޭ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ މެނިފެސްޓޯގެ ފަހު ބައި 'އިގްތިސާދީ ބޮޑު ބަދަލު' އިފްތިތާހު ކުރަން މިރޭ މާލޭ ސޯޝަލް ސެންޓަރުގައި ހާއްސަ ކެމްޕޭން ހަރަކާތެއް ވަނީ ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވަކިވަކިން ކޮންމެ މީހެއްގެ ވޯޓަކީ ވެސް ވަރަށް މުހިންމު ވޯޓަކަށް ވާނެ ކަމަށެވެ. އެއް ސަބަބަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި މާޒީގައި އެމްޑީޕީން ނޫން ސަރުކާރުތަކުގައި ތަޖުރިބާކުރި އަނިޔާވެރިކަމަށް އަނބުރާ ނުދިއުމެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައެއް ފަރާތްތަކުން އިންތިހާބަށް ނިކުމެ ތިބީ ރައްޔިތުންނަށް ހިދުމަތް ކުރުމަކަށް ނޫނެވެ. ނަމަވެސް އެ މީހުންގެ އޮތީ އަމިއްލަ އެދުން ކަމަށާއި ބޭނުން ވަނީ ދެ ވަނަ ބުރަކަށް ގޮސްގެން ބަޔަކާ އެކު ކޯލިޝަން ހަދައި އަމިއްލަ މަންފާތަކެއް ހޯދުން ކަމަށެވެ. އެކަމަށް ފުރުސަތު ނުދޭން ރައީސް އާދޭހާ އެކު ތަކުރާރުކޮށް މިރޭ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މީގެ ތެރޭގައި ކަނޑައެޅިގެން، ކަނޑައެޅިގެން އަމިއްލަ ފައިދާ އާއި މަންފާއަށްޓަކައި ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުން އެބަތިއްބެވި. ހަމައެކަނި ބޭނުންވަނީ އިންތިހާބު 2 ވަނަ ބުރަކަށް ގެންދެވޭތޯ ބެލުން. ކޮންމެވެސް ބަޔަކާ އެކީ ކޯލިޝަން ހަދައިގެން ތިމަންނާއަށް ލިބެން އޮތީ ކޯއްޗެއްތޯ ބެލުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ނަމަނަމަ އެ ފުރުސަތު ނުދެއްވައްޗޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން ނިންމާނީ އެއް ބުރުން."

އެމްޑީޕީގެ މެނިފެސްޓޯގެ ފަހު ބައި 'އިގްތިސާދީ ބޮޑު ބަދަލު' އިފްތިތާހުކުރުން ބޭއްވި 'ޒަމާނަކުން އައި ޒަމާނެކޭ' ކެމްޕޭން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލު - ރައީސް ސޯލިހު ވިދާޅުވީ މިއީ އެންމެ ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބެއް ކާމިޔާބުކުރާ ފަހަރަށް ވާނެ ކަމަށެވެ.

"އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ މުޅި މާލެއިން ވެސް މިހާރު. އައްޑޫ ސިޓީން ވެސް އެބަފެނޭ. ކުޅުދުއްފުށި ސިޓީވެސް ބަދަލުވެއްޖެ. އެކީގައި އަޅާ ނިމިއްޖެ،" އެމަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ އަތޮޅުތަކެއް، އަތޮޅުތަކަށް ފަހު އަތޮޅެއް، އަތޮޅަކަށް ފަހު އަތޮޅެއް ބުރަވަމުން އަންނަނީ މި އަތަށް."

އެމްޑީޕީގެ މެނިފެސްޓޯގެ ފަހު ބައި 'އިގްތިސާދީ ބޮޑު ބަދަލު' އިފްތިތާހުކުރުން ބޭއްވި 'ޒަމާނަކުން އައި ޒަމާނެކޭ' ކެމްޕޭން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެނގުން މުހިންމު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ؛

  • 1-

    އުމަރު ނަސީރު (އަމިއްލަ)

  • 2-

    ހަސަން ޒަމީލް (އަމިއްލަ)

  • 3-

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ)

  • 4-

    ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)

  • 5-

    ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)

  • 6-

    އަހްމަދު ފާރިސް މައުމޫން (އަމިއްލަ)

  • 7-

    އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)

  • 8-

    މުހައްމަދު ނާޒިމް (އެމްއެންޕީ)

ކޮމެންޓް (1)

ޢަލީ

26 އޯގަސްޓު 2023
އާދެ، އާދެ. ރައިސް ވިދާޅުވިގޮތަށް އެއް ބުރުން މިކަން ނިންމައިދޭނީ އެކަމަކު މުޢިޒް އަށް އިން ޝާ ﷲ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް