ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ނިންމަވާލެއްވުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޖުމްހޫރީ ޕާޓީ

ގާސިމް އެދިވަޑައިގަތީ ހަމަނުޖެހުމަކާ ނުލައި ސުލަވެރިކަމާއެކު ވޯޓް ނިންމާލަން

8 ސެޕްޓެމްބަރު 2023

ހަމަނުޖެހުމަކާ ނުލައި، ސުލަވެރިކަމާއެކު ހެނދުނު، ހެނދުނާ ގޮސް ވޯޓު އަޅާ ކާމިޔާބު ކޮށްދިނުމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ އާޓިފިޝަލް ބީޗު ސްޓޭޖާއި ހެންވޭރު ދަނޑާމެދު މަޖީދީމަގުން މިއަދު ހަވީރު ފެށި ހިނގާލުން މިހާރު ޖޭޕީން ވަނީ ނިންމާލާފަ އެވެ.

ތަފްސީލް - ޖޭޕީގެ ހިނގާލުން ނިންމާލުމަށް އެޕާޓީގެ ކެންޑިޑޭޓު ގާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުރިމަތިލާގެން ހުރީ ޖޭޕީއަށް ވެރިކަން ކޮށްދޭން ނޫންކަމަށާއި، ހުންނެވީ ގައުމަށް ވެރިކަން ކޮށްދޭން ކަމަށެވެ.

ރާއްޖޭގައި ބޭރު ސިފައިން ތިބުމާއި، ކަނޑު ވިއްކާލުމުގެ މައްސަލާގަ އާއި، އިލެކްޝަން ކޮމިޝަނުގައި މަރު ތަޅު އެޅުވިފައި އޮތް މައްސަލާގައިވެސް ކަންބޮޑުވުން ފާޅުކުރައްވާ، ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ބައެއް ވައުދުތަކުގެ ވާހަކަވެސް ވިދާޅުވެ ދެއްވި އެވެ. އެގޮތުން ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ސިއްހީ ދާއީރާ އޮންނާނީ ޖަރުމަނުގެ ސްޓޭންޑަޑަށް ކަމަށާއި، ގެންނާނީ ވެސް ޖަރުމަނުގެ ބޭސް ކަމަށް ވިދާޅުވި އެވެ. އަދި ފުށި ދިއްގަރުފަޅު ހިއްކާ ތަރައްގީކުރާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ނުހޯދިގެން އުޅޭ މަރުތަކުގެ ހަގީގަތް ވެސް ހޯދަދޭނެ ކަމަށާއި ނުހޯދިގެން އުޅޭ އެމްއެމްޕީއާރްސީގެ ފައިސާ ވެސް ހޯއްދަވައި ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ކަންކަން ހިލޭ ކޮށްދޭނަމޭ ބުނާތީ ކިޔާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، ކަންކަން ކުރަން އެނގޭނީ އެކަންކަން ކުރަން ދަންނަ މީހަކަށް ކަމަށާއި ތަނަކުން އަންނަ 'ސޯލިހަކަށް' 'ލޯލަކަށް، 'މަރުމޯލަކަށް' ކަންކަން ކޮށްދެންވީ ގޮތް ނޭނގޭނެ ކަމަށެވެ.

'މިއީ އެންމެ ފަހު ބަސް ކަމަށް ވެދާނެ، އާ މީހަކަށް ވޯޓު ދީ'

ގާސިމް ވިދާޅުވީ މިއަދުން ފެށިގެން މާދަމާ އާ ހަމަޔަށް ވެސް ވޯޓުގެ މުޅި ނަތީޖާ ބަދަލުކޮށްލުމަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ނޫން ކަމަށެވެ. ދިވެހިންނަށް ޕީޕީއެމް އަދި އެމްޑީޕީ ވެސް ޓެސްޓު ކުރެވިފައި އޮންނާނެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުގައި މިހާރު ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ އާ ބޭފުޅަކު ހޮއްވެވުން ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާ އެ ވާހަކަތައް ދައްކަވަނީ ގައުމަށް ހެޔޮ އެދިވަޑައިގެން ކަމަށާއި މިއީ އޭނާ އަށް އެ ވާހަކަ ދެއްކެވުމަށް ލިބިވަޑައިގަންނަވާ އެންމެ ފަހު ފުރުސަތު އަދި ފަހު ބަސް ކަމަށް ވެސް ވެދާނެ ކަމަށެވެ.

"މިއީ އަޅުގަނޑުގެ އެންމެ ފަހު ފަހަރަށް ވެސް ވެދާނެ މިވާހަކަތައް ތިޔަ ބޭފުޅުންނާ ދައްކަން އަޅުގަނޑަށް ލިބޭ. އަޅުގަނޑުގެ އުމުރުން 73 އަހަރު. އެހެންވީމާ އަޅުގަނޑުމެން އެވްރެޖް އުމުރުތަކަކީ 70 އާއި 80ގައި އުޅެނީ. އަޅުގަނޑަކީ އަރާމެއް ނެތި މަސައްކަތް ކުރަމުން އާ މީހެއް،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ނިންމަވާލެއްވުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގާސިމްގެ ވާހަކަފުޅު ނިންމާލައްވަމުން އެދިވަޑައިގަތީ މާދަމާ ހެނދުނު ހެނދުނާ ނިކުމެ ސުލުހަ ވެރިކަމާ އެކު ހަމަ ނުޖެހުމެއް ނުހިންގައި ވޯޓު އަޅައި ނިންމާލުމަށެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި ޖޭޕީގެ ހިނގާލުން ދާދި ދެންމެ އަކު ނިންމާލީ، ހާއްސަ ދުއާ އަކާ އެކު، ގައުމީ ސަލާމުން ނެވެ.

"ހެނދުނު ހެނދުނާ ނިކުމެވަޑާގެން ރީތިކޮށް، ރިވެތި އަހުލާގުގައި ދާގޮތަށް ގޮސް ވޯޓު އަޅާ ނިންމާލަންވީ. އެއްވެސް ކަހަލަ ވިޔާ ނުދާ ކަމެއް ހިންގާނެ ކަމެއް ނެތް. ދީފަ ހުރި ލާރިއަކަށް ވޯޓު ދޭކަށް ނުޖެހޭނެ." ގާސިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް