އައްޑޫ މީދުއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

ހުޅުދޫ އާއި މީދުއަށް އިތުރު އިދާރީ ބާރުތައް ދޭން ޖެހޭ: ރައީސް

ރައީސް ވިދާޅުވީ އެކަމަށްޓަކާ ގާނޫނުތަކަށް ބަދަލު ގެނެސްގެން ބާރުތައް ދޭނެ ކަމަށް
7 ސެޕްޓެމްބަރު 2023

ލާމަރުކަޒީ ނިޒާމު ފައްކާކޮށް ބާރުތައް ދޫކޮށްލުމަކީ ކުރަމުން އަންނަ ކަމެއް ކަމަށާއި، އައްޑޫގައި ވަކިން އޮންނަ ހުޅުދޫ އާއި މީދުއަށް އިތުރު އިދާރީ ބާރުތައް ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މީދުއަށް ވަޑައިގެން ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޓީ ކައުންސިލްތަކުގެ މަރުކަޒީ ބައެއް ބާރުތައް އެ ސިޓީއެއްގައި އެހެން ރަށްރަށަށް ދޫކޮށްލުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ބުނީ ކީކޭ؟ - "ހާއްސަކޮށް، އައްޑޫ ސިޓީގައި ވަކިން މި އޮތް ދެ ރަށަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި މިއަށް ވުރެ ލާމަރުކަޒީ އަޅުގަނޑުމެން ކުރަން އެބަ ޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކެމްޕޭނުގައި ރައީސް ސޯލިހު އައްޑޫ މީދުއަށް ވަޑައިގަތުން. (ފޮޓޯ/އެމްޑީޕީ)

މީދޫ އާއި ހުޅުދު އަކީ  އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ ވަކިން އޮންނަ ދެ ރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިދާރީ، ސިއްހީ އަދި ތައުލީމީ ދާއިރާގެ ހިދުމަތްތައް އެ ދެ ރަށުން މިހާރަށް ވުރެ ރަނގަޅަށް ލިބެން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން ވެސް އެ ކަންތައް ކުރަން ޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކުރިއަށް މި އޮތް ދައުރު ތެރޭގައި އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް މި ފައްކާ ކުރާ ނިޒާމުގެ ތެރެއިން މިފަދަ ބާރުތައް ސިޓީ ކައުންސިލްތަކުން ރަށްރަށާ ހިސާބަށް، މި ގޮތަށް ގިނަ ރަށްތައް އެކުވެގެން އުފެދިފައި ހުންނަ ސިޓީ ކައުންސިލްތަކުން ދޫކޮށްލެވޭނެ. އެއީ އެއްވެސް އިޝޫއެއް [މައްސަލައެއް] ނޫން،" ރައީސް ވިދާޅުވި އެވެ.

"އަނެއްކާވެސް ފެންނާނީ އައްޑޫ ސިޓީ މީދޫ، ހުޅުދޫ ވެސް މާ ފައްކާވެ، މާ އުފާވެރިކޮށް އޮއްވާ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް