ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ލ. ގަމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން (ފޮޓޯ/ޖޭޕީ)

އިންޑިއާގެ ދާހިލީ ކަންކަމާ ގައުމަކުން ބެހޭ ނަމަ އިންޑިއާ ވެސް ނުރުހޭނެ: ގާސިމް

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ އިންޑިއާއާ މެދު ހިތްހަމަނުޖެހެނީ ރާއްޖޭގެ ސިޔާސީ ކަންކަމާ ބެހޭތީ ކަމަށް

އިންޑިއާއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވަނީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާތީ ކަމަށާއި އިންޑިއާގެ ދާހިލީ ކަންކަމާ އެހެން ގައުމަކުން ބެހޭ ނަމަ އިންޑިއާ އިން ވެސް ހިތްހަމަނުޖެހޭނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ ގާސިމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިންނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލް - ގާސިމް ވިދާޅުވީ ވެރިކަމަށް އަންނަން ބައެއް ސިޔާސީ ޕާޓީތަކުން އަމަލުކުރަނީ ވަރަށް ހަޑިހުތުރުކޮށް ކަމަށެވެ. އެގޮތުން އެމްޑީޕީން އަބަދުވެސް އިންތިހާބަށް ފައިނޭންސް ހޯދަނީ އަވަށްޓެރި އިންޑިއާއިން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އިންޑިއާއާ ދެމެދު އެއްވެސް ކަހަލަ މައްސަލައެއް އޮތީކީ ނޫން. އެކަމަކު އިންޑިއާ އަބަދުވެސް އަޅުގަނޑުމެންގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، އިޖުތިމާއީ ކަންކަމުގެ ތެރެއަށް ވަދެ، އެ މީހުންގެ ބާރުގެ ދަށުގައި އަޅުގަނޑުމެންގެ ދާހިލީ ކަންކަން، ހާރިޖީ ކަންކަން ބާއްވަން ވަރަށް ބޮޑަށް ބޭނުންވެގެން މަސައްކަތް ކުރާކަން އަޅުގަނޑުމެންނަށް އެނގޭ. މި ހަގީގަތް އަޅުގަނޑުމެން ދަންނަން ވަރަށް ސާފުކޮށް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމާ ދެކޮޅުވެރިވަނީ ރާއްޖެއަކީ މިނިވަން، މުސްތަގިއްލު ގައުމަކަށް ވާތީ ކަމަށެވެ. އިންޑިއާގެ މިނިވަންކަން އެ ގައުމުން ބޭނުންވާ ފަދައިން، ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ރާއްޖޭގެ މިނިވަންކަން މި ގައުމުން ވެސް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންޑިއާއަށް ގޮތް ކިޔާނެ އެހެން ގައުމެއް އޮތް ކަމަށް ވާ ނަމަ، އެމީހުންގެ ދާހިލީ ނުވަތަ ސިޔާސީ ކަންކަމުގެ ތެރެއަށް [އެހެން ގައުމަކުން] އަތް ބާނާ ނަމަ ކިހިނެއްތޯ ހަދާނީ؟" ގާސިމް ސުވާލު ކުރެއްވި އެވެ.

މިސާލެއްގެ ގޮތުން ނެންގެވީ، ޕާކިސްތާނާއި، ކަޝްމީރުގެ މައްސަލަ އެވެ. އެ މައްސަލާގައި އިންޑިއާއިން ކަންތައް ކުރަމުންދާ ގޮތް ފެންނަ ކަން ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ރާއްޖެ އޮތީ އަބަދުވެސް އިންޑިއާއާ ވަރަށް ގާތުގައި ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް އަންނަ މީހަކާއި، އިންޑިއާގެ ވެރިން ވެސް އެކަން ދަންނަން ޖެހޭ ކަމަށެވެ. 

އެނގުން މުހިންމު - ޕާކިސްތާނާއި އިންޑިއާއާ މެދު ހަމަނުޖެހުން އުފެދިފައި ވަނީ، ކަޝްމީރުގެ މައްސަލާގަ އެވެ. އިންޑިއާ އާއި ޕާކިސްތާނުން ވެސް މުޅި ކަޝްމީރު ހޯދަން ބޭނުންވެ އެވެ. 

ކަޝްމީރުގެ ޖަންމޫ ކަޝްމީރު އިންޑިއާއިން ކޮންޓްރޯލް ކުރާއިރު އާޒާދެ ކަޝްމީރު ކޮންޓްރޯލް ކުރަނީ ޕާކިސްތާނެވެ. 

ކަޝްމީރުގެ މައްސަލަ ހައްލުކުރަން، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ވެސް ވަނީ ކަޝްމީރުގެ މުސްތަގްބަލް ކަނޑައެޅުމުގެ ހައްގު އޮންނަން ޖެހޭނީ އެތަނުގެ ރައްޔިތުންނަށް ކަމަށެވެ. އެކަމަކު މި ގަރާރަށް އަމަލުކުރަން އިންޑިއާއިން ދަނީ ދެކޮޅު ހަދަމުންނެވެ. 

ކޮމެންޓް (1)

ތެފައާސާ.

7 ސެޕްޓެމްބަރު 2023
ތި ނެރޭޓިވް މިހާރު ނުހިނގައެއްނޫންތޯ؟ އަލީ ހުސޭންމެން މަނިކުފާނުގެ ކަންފަތްދޮށުގައި ތާއަބަދު ތިޔަ ލަވައެއް ކިޔައި ޗަވިއަނި އަތޮޅު ޗާގޯސްވެސް އިންޑިއާއަށް ވިއްކާލީއޭ ކިޔައިގެން ތި ޖައްސާ އެތި މާކަގިނަބަޔަކު ބަލައިނުގަނޭނޫންތޯ؟ މި ޒަމާނުގައި ވަރަށް ގިނަމީހުންނަށް ވަރަށް ގިނަކަންކަން ވަރަށް ރަނގަޅަށް އެނގޭނޫންތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް