ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް ޅ. ހިންނަވަރަށް ވަޑައިގަތުން (ފޮޓޯ/އެމްޑީޕީ)
ވޯޓު ހޯދަން ބަދިގެއަށް ވަދެ ކައްކާ، ކުނިކަހާ، ސާފުކޮށްދީ ނޫޅޭނަން: ރައީސް
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަރަށް ތަފާތު މަންޒަރުތައް ފެނިއްޖެ އެވެ. ވޯޓު ހޯދުމުގެ ނިޔަތުގައި ނަގާ ފޮޓޯތައް ގިނަ އެވެ. އޭގެ ތެރެއިން ރައްޔިތު މީހާ އަސްލު އުޅޭ ގޮތް ތަޖުރިބާކުރަން އެ މީހުންގެ މަސައްކަތްތަކުގައި ބައިވެރިވުން ހިމެނެ އެވެ. ދެން ސޯޝަލް މީޑިއާގައި އާންމުކޮށްލަނީ ފޮޓޯއެކެވެ.
ބައެއް ބޭފުޅުން ދަރު އުނދުން މަތީގައި ހާލުފޮޅި އަޅާތަނެވެ. ގޭދޭތެރެ ކުނި ކަހާ، މޮޕްލާ ތަނެވެ. ރަށްރަށުގައި ރިހާކުރު ކައްކާ، ރޮށި ފިހާތަނެވެ. ސައި ހޮޓާތަކަށް ވަދެ އަތުން މޮޑެގެން ކައިބޮއެ އުޅޭ ތަނެވެ.
Masterchef of Maldives #MVElection2023 pic.twitter.com/fXCszSAw3S
— humadh (@Humadh_) August 29, 2023
އެކަމަކު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްގޮތަކަށް ވެސް ގަބޫލުފުޅުކުރައްވާ ސިފައެއް ނޫނެވެ. އެމަނިކުފާނު ގަބޫލުކުރައްވަނީ އެފަދަ ކަންކަމުން ރައްޔިތުންނަށް 'އަސްލު' އޮޅުވާލެވޭ ކަމަށެވެ.
'ދައުރު'ގެ 'ރިޔާސީ ވާހަކަ' ޝޯގެ ހަތަރު ވަަނަ އެޕިސޯޑަށް ދެއްވި އިންޓަވިއުގައި ރައީސް ސޯލިހު ވިދާޅުވީ ކެމްޕޭންގެ ތެރޭގައި ވެސް އަދި އެނޫން ދުވަސްވަރެއްގައި ވެސް އެމަނިކުފާނު ދައްކަވާނީ އެމަނިކުފާނުގެ ހަގީގީ މިޒާޖު ކަމަށެވެ.
ރައީސް ސޯލިހު ހުންނަވަނީ ނުފޫޒު ގަދަ ބައެއް ބޭފުޅުންގެ 'އަތް ދަށު ވެފައި' ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން 'ދައުރު'ން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފެށުނީއްސުރެ މުޅި ހަޔާތް ވެސް ކުރިއަށް ގެންދެވީ އަމިއްލަވަންތަކަމާ އެކު އަދި އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ކަމަށެވެ. ދެން ދެއްވި ޔަގީންކަމަކީ އެމަނިކުފާނަށް އެކަހަލަ ބާރެއް އެއްވެސް މީހަކަށް ނުހިންގޭނެ ކަމެވެ.
"އަޅުގަނޑު ދަންނަ ހަމަ އެކަކު ވެސް ތިހެންނެއް ވިދާޅެއް ނުވާނެ. އަޅުގަނޑުގެ މައްޗަށް ތިފަދަ ނުފޫޒެއް ފޯރުވޭނެ ކަމަކަށެއް. އެނގިވަޑައިގަންނަވާނެ، 2018ގައި [އެމްޑީޕީގެ ރިޔާސީ] ޓިކެޓު [ލިބިގެން] އަޅުގަނޑު ދެއްކި ވާހަކައިގައި އިންނާނެ އެވާހަކަ ވަރަށް ސާފުކޮށް ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ކެމްޕޭންގައި ވެސް މި ގެންދަނީ އެގޮތަށް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު މީހުންނަށް އެނގެން. ބައެއް ބޭފުޅުން [އެބަ އުޅޭ] ގޮސް ބަދިގެއަށް ވަދެ ކައްކާ، އަނެއް ބަޔަކު ގޮސް ކުނިކަހާ، ސާފުކޮށް، މަގުމައްޗަށް ނުކުމެ ހެދުން. އެއީއަކީ އަސްލެއް ނޫން ދެއްތޯ އެ ބޭފުޅުންގެ."
ރައީސް ވިދާޅުވި ގޮތަށް، ސިޔާސީ މީހުން ދައްކާ އެ މަންޒަރުތަކަކީ ހަގީގަތެއް ނޫންކަން އާންމުން ވެސް ގަބޫލުކުރެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެއީ ވޯޓު ހޯދަން ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން 'ދައްކާލާ ދަޅައެކެ'ވެ. ނަމަވެސް އެކަމުގައި އޭގެ އަނެއް ކޮޅު ވެސް އޮވެ އެވެ. ރައްޔިތުން ކައިރިއަށް ގޮސް، އެމީހުންގެ އާންމު ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިނުވާ ސިޔާސީ ބޭފުޅުންނަކީ، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، 'ފޮނި' ނުވަތަ 'އަބުއި' މީހުންނެވެ.
‘ދައުރު’ގެ ‘ރިޔާސީ ވާހަކަ’ ޝޯގެ ހަތަރު ވަަނަ އެޕިސޯޑަށް ދެއްވި އިންޓަވިއުގައި ރައީސް ސޯލިހު ވިދާޅުވީ ކެމްޕޭންގެ ތެރޭގައި ވެސް އަދި އެނޫން ދުވަސްވަރެއްގައި ވެސް އެމަނިކުފާނު ދައްކަވާނީ އެމަނިކުފާނުގެ ހަގީގީ މިޒާޖު ކަމަށެވެ.
— Dhauru (@Dhaurunews) September 6, 2023
އިތުރަށް ކިޔާލަން: https://t.co/RxdToM71Yg pic.twitter.com/swBgyIM6w3
ރައީސް ވެސް އުޅުއްވަނީ އަބުއިކޮށް ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެގޮތަށް ސިފަކުރިޔަސް، ތަންތަނަށް ވަޑައިގެން، އާންމުކޮށް ނުކުރައްވާ ކަންކަން ދެއްކުންތެރިކަމުގެ ގޮތުން ކުރެއްވުމަކީ އެމަނިކުފާނުގެ މިޒާޖެއް ނޫން ކަމަށެވެ.
"އެއީ އަޅުގަނޑެއް ނޫނެއް ނޫންތޯ؟ ކޮންމެ ދުވަހަކު ގޮސް ވަދެ [ގޭގޭގައި އެގޮތަށް އުޅުން]. ދެން ބައެއް ފަހަރު ހުންނާނެ އަޅުގަނޑު އެކަން ކޮށްފައި. [އެކަމަކު] ގޭތެރެއަށް ވަދެ، ބަދިގެއަށް ވަދެ، ކައްކާ ހަދަން، މިއީކީ [އާންމުކޮށް] ކުރާނެ ކަމެއް ހެން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު ރައްޔިތުންނަށް އެނގެން. އެހެންވީމަ އެހެން މީހަކަށް ވެގެނެއް އުޅޭކަށް ބޭނުމެއް ނޫން. ރައްޔިތުން ވޯޓު ދެއްވަން ވާނީ އަޅުގަނޑަށް. އަޅުގަނޑަކީ ކާކުކަން އެނގިގެން. އަޅުގަނޑާ އެކީ ތިބީ ކޮން ބައެއް ކަން އެނގިގެން."