ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ގދ. ތިނަދޫގައި ޖަލްސާއަކަށް ވަޑައިގަންނަވަނީ (ފޮޓޯ/ޖޭޕީ)

ޖުމްހޫރީ ޕާޓީ

ތިނަދޫ މާލެއަށް ވުރެ މާ ފުރިހަމައަށް ތަރައްގީކޮށްދޭނަން: ގާސިމް

ތަރައްގީކުރުމަށް އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ރާއްޖޭގެ 7 ސަރަހައްދުގެ ތެރޭގައި ތިނަދޫ ހިމެނޭކަން ގާސިމް ފާހަގަކުރެއްވި
6 ސެޕްޓެމްބަރު 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިކަމެއްގައި ގދ. ތިނަދޫ މާލެއާ އެއް ފެންވަރަކަށް ނުވަތަ އެއަށް ވުރެ ފުރިހަމައަށް ތަރައްގީކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ ގާސިމް މިހެން ވިދާޅުވީ، ތިނަދޫގައި މިހާރު ބާއްވަމުންދާ އޭނާގެ ކެމްޕެއިން ޖަލްސާގައި، ތިނަދޫގެ ތަރައްގީއަށް ޖޭޕީގެ ވެރިކަމެއްގައި ކުރަން ރާވާފައިވާ ކަންކަން ސާފުކޮށްދެއްވަމުންނެވެ. 

ތަފްސީލް - މާލެއާ އެއް ފެންވަރަށް ނުވަތަ އެއަށް ވުރެ ރަނގަޅަށް ރާއްޖޭގެ ހަތް ސަރަހައްދެއް ތަރައްގީކުރުން އޭނާގެ މެނިފެސްޓޯގައި ހިމެނޭ އިރު އޭގެ ތެރެއިން އެއް ތަނަކީ ތިނަދޫކަން ގާސިމް ފާހަގަކުރެއްވި އެވެ.

"މި ތިނަދޫ ސިޓީ އަކީ އިރާދަކުރެއްވިއްޔާ އޭގެ އެއް ތަން. ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު [މި ޖަލްސާގައި] ވާހަކަދައްކަވަމުން ވިދާޅުވި [ތިނަދޫ އިން އެދޭ ކަންކަމުގެ ލިސްޓު] އެއީ އެހާ ގިނަ، ދިގު ލިސްޓެއް ނޫން ކަމަށް،" ގާސިމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބިނާކުރަން ބޭނުންވަނީ މާލެއަށް ވުރެ މާ ފުރިހަމައަށް މިތަން. މާގިނަ ހިދުމަތްތައް ލިބޭ ގޮތަށް. މާ ގިނައިން. މާ މޮޅަށް. އެހެންވީމާ ޖިހާދުގެ ލިސްޓުގައި އެވާ ކަންކަން ފުރިހަމަ ކޮށްދޭނަން." 

ގާސިމް މިއަދު ތިނަދޫއަށް ވަޑައިގަތުމުން މަރުހަބާކިޔަނީ (ފޮޓޯ/ޖޭޕީ)

ތިނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޖިހާދު މި ޖަލްސާގައި، އެ ރަށުގެ އެކި ގޭގެއަށް ގޮސް އެއްކުރި މައުލޫމާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، ތިނަދޫ ރައްޔިތުން އެދޭ ކަންކަމުގެ އެ ލިސްޓު އިއްވެވުމަށް ފަހު ވިދާޅުވީ "ތިނަދޫ ސިޓީއަކީ ދެވަނަ މާލެ ސިޓީ" ކަމަށެވެ. އަދި ޖޭޕީގެ ވެރިކަމެއްގައި ތިނަދޫ ތަރައްގީކުރާނީ މާލެއަށް ވުރެ ފުރިހަމައަށް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މާލެއާ އެއް ފެންވަރަށް [ތިނަދޫ] ތަރައްގީކުރާނަން. ތިނަދޫ ވާނީ ރާއްޖެތެރޭގައި އޮންނަ ދެވަނަ މާލެއަށް،" ޖިހާދު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި މިދިޔަ ބުދަ ދުވަހު ތިނަދުއަށް ވަޑައިގެން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ވަނީ ދެއްވައިފަ އެވެ. 

ގުޅުންހުރި - ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން އިރު ރަށުގައި ތަރައްގީގެ ކުޑަ މިންވަރެއް ވެސް ނެތް ކަމަށާއި "ބޭސް ސިޓީގެ ގޮތުގައި" ސިޓީގެ ދަރަޖަ ދޭ ކަމަށް ވިދާޅުވެ މިފަހުން ގާސިމް ސަރުކާރަށް ފާޑުވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް