ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޕީއެލްގެ މުވައްޒަފުންނަށް ފްލެޓު ވިއްކަން އެޅި ޓަވަރުތައް

އެމްޕީއެލް

އެމްޕީއެލް ފްލެޓުތަކުގެ ކުލި ކުޑަކޮށް، ފައިސާ ދައްކަން 25 އަހަރު

މި އަހަރުގެ ނިޔަލަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް އެމްޕީއެލްއިން ނިންމާފައި ވާއިރު، މި މަހުގެ މެދެއްހާ ހިސާބުގައި ފްލެޓު ގަތް މުވައްޒަފުންނަށް އެ ތަނުގައި ދިރިއުޅެން ފެށޭނެ ކަމަށް އެ ކުންފުނިން ލަފާކުރޭ
4 ސެޕްޓެމްބަރު 2023

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ މުވައްޒަފުންނަށް ވިއްކަން ހަދާ ފްލެޓުތަކުގެ ކުލި ކުޑަކޮށް، ކުލި ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްދީފި އެވެ.

އެނގުން މުހިއްމު - ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކޮށްގެން އެމްޕީއެލް އިން ވަނީ 15 ބުރީގެ ތިން ޓަވަރު އަޅާފަ އެވެ. އެ ޓަވަރުތަކުގައި 534 އެޕާޓްމެންޓް ހުރެ އެވެ. އެއީ:

  • އެއް ކޮޓަރީގެ 204 އެޕާޓްމެންޓް

  • ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ ގޮތަށް 330 އެޕާޓްމަންޓް

އެމްޕީއެލްއިން އަޅަފައިވާ 1 ކޮޓަރީގެ އެޕާޓްމެންޓެއްގެ ސިޓިން ރޫމް

ވީ ކިހިނެއް؟ - އެމްޕީއެލް ފްލެޓުތަކަށް މީގެ ކުރިން ކުލި ދައްކައި ހަލާސްކުރަން ދީފައިވަނީ 20 އަހަރުގެ މުއްދަތެކެވެ. އެ މުއްދަތު 25 އަހަރަށް އިތުރުކޮށް، މަހު ކުލި ވެސް ކުޑަކުރަން ނިންމިކަން އެ ކުންފުނިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފަ އެވެ.

ތަފްސީލު - އެމްޕީއެލް ފްލެޓުތަކުގެ ކުއްޔަށް ގެނައި ބަދަލުތަކަކީ:

ޑައުންޕޭމަންޓް އޮޕްޝަން 1

  • އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ) - ފުރަތަމަ ފަސް އަހަރު، ކޮންމެ މަހަކު 3،740ރ. އަދި ބާކީ 20 އަހަރު ކޮންމެ މަހަކަށް 4،061ރ.

  • އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް ބީ) - ފުރަތަމަ ފަސް އަހަރު، ކޮންމެ މަހަކު 3،873ރ. އަދި ބާކީ 20 އަހަރު ކޮންމެ މަހަކަށް 4،204ރ.

  • 2+1  އެޕާޓްމަންޓް (ޓައިޕް އޭ) - ފުރަތަމަ ފަސް އަހަރު، ކޮންމެ މަހަކު 7،015ރ. އަދި ބާކީ 20 އަހަރު ކޮންމެ މަހަކަށް 8،074ރ.

  • 2+1 އެޕާޓްމަންޓް (ޓައިޕް ބީ) - ފުރަތަމަ ފަސް އަހަރު، ކޮންމެ މަހަކު 7،183ރ. އަދި ބާކީ 20 އަހަރު ކޮންމެ މަހަކަށް 8،260ރ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުތައް.

އެމްޕީއެލްއިން ބުނީ އެހެން އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކި މުވައްޒަފުންނަށް ވެސް ފްލެޓަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، މަހު ކުލި ކުޑަކޮށްދޭނެ ކަމަށެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލެއް އެ ކުންފުނިން ނުދެ އެވެ.

އޭގެ އިތުރަށް އެމްޕީއެލްއިން ބުނީ އެހެން އޮޕްޝަންތަކުން ޑައުންޕޭމަންޓް ދެއްކި މުވައްޒަފުންނަށް އޮޕްޝަން އެކަކަށް ބަދަލުވާން ދެ އަހަރުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ހަމަކުރާ މުވައްޒަފުންނަށް، އެމްޕީއެލްއިން ބުނި ގޮތުގައި އޮޕްޝަން އެކެއްގެ ލުއިތައް ލިބޭނެ އެވެ.

އެމްޕީއެލް ޓަވަރުތަކުގެ މަސައްކަތް

  • ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށީ 1 އޮގަސްޓުގައި

  • މިހާރު ތިން ޓަވަރެއްގައިި ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތައް އަންނަނީ ކުރަމުން

  • މަސައްކަތްތައް ނިމުމުން ސެޕްޓެމްބަރުގެ މެދެއްހާ ހިސާބުގައި އެ ފްލެޓުތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެ ކަމަށް އެމްޕީއެލްއިން ލަފާކުރޭ

  • އެމްޕީއެލްއިން ނިންމާފައިވަނީ ފްލެޓުތަކުގައި މުވައްޒަފުން ދިރިއުޅެން ފަށާ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް އެއްވެސް ކުއްޔެއް ނުނެގުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް