ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެންބިލަބޮންގް ސްކޫލް ހޯލުގައި ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ދައުރު ޕޯލް: ގިނަ ބަޔަކު ބުނީ ބަހުސްއިން މޮޅުވީ ރައީސް ސޯލިހް ކަމަށް
ރިޔާސީ އިންތިހާބަށް ދެން ހަތަރު ދުވަސް ބާކީ އޮތްއިރު، ސަންގު ޓީވީއިން އިންތިޒާމްކޮށްގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ބަހުސްގައި ގައުމީ މައްސަލަތަކާ މެދު ކެންޑިޑޭޓުންގެ ސިޔާސަތުތައް ރައްޔިތުންނަށް ސީދާ ހުށަހެޅުއްވި އެވެ. ކޮންމެ ކެންޑިޑޭޓެއްގެ ސަޕޯޓަރުން ވެސް ބުނީ ރިޔާސީ ބަހުސްގައި ކުރި ހޯއްދަވައި މޮޅުވީ އެ މީހުންގެ ކެންޑިޑޭޓް ކަމަށެވެ.
ބަހުސަށް ފަހު އާންމުންގެ ތަފާތު އެކި ޝުއޫރުތައް ކޮންމެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން އޮތުމުން، މި ފަހަރުގެ ދައުރު ޕޯލް ހާއްސަކުރީ 'ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި އެންމެ ރަނގަޅު ވާހަކަ ދެއްކެވީ ކޮން ކެންޑިޑޭޓެއް؟' ކަމާ މެދު އެވެ. ބަހުސް ނިމުމާ އެކު، މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އިއްޔެ ހަވީރު 3ގެ ނިޔަލަށް އާންމުންގެ ހިޔާލަށް ހުޅުވާލާފައި އޮތް ޕޯލްގައި 1،999 ވޯޓް ލާފައިވެ އެވެ.
އެ ޕޯލްގެ ނަތީޖާއިން ދައްކާ ގޮތުގައި:
-
1،059 މީހުން ނުވަތަ %53 މީހުން ބުނީ ބަހުސްގައި އެންމެ ރަނގަޅަށް ވާހަކަ ދެއްކެވީ ރައީސް ސޯލިހު ކަމަށް
-
ދެ ވަނައަށް އެންމެ ރަނގަަޅަށް ވާހަކަ ދެއްކެވި ކަމަށް، ވޯޓްލީ މީހުން ބުނީ، އަމިއްލަ ގޮތުން ވާދަކުރައްވާ، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން؛ އޭނާއަށް ވޯޓްލީ %18 މީހުން ނުވަތަ ވޯޓްގައި ބައިވެރިވި 359 މީހުން
-
ތިން ވަނަ ހޯއްދެވީ އިދިކޮޅު ކޯލިޝަން، ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު؛ އޭނާ ރަނގަޅަށް ވާހަކަ ދެއްކެވި ކަމަށް ބުނީ %10 މީހުން
މީގެ އިތުރަށް، ދެން ތިއްބެވި ކެންޑިޑޭޓުންނަށް ވޯޓް ލިބިވަޑައިގެންނެވި ނިސްބަތަކީ:
-
ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރަށް ލިބިވަޑައިގަތީ، ކޮންމެ ބޭފުޅަކަށް %6
-
އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލްއަށް ލިބިވަޑައިގަތީ %1
-
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވޭ
ސަންގު ޓީވީ އާއި ޕީއެސްއެމް އަދި ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ކެންޑިޑޭޓުންނަށް ސުވާލުތައް އަމާޒުކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދާއި ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތާއި ސިއްހީ ދާއިރާ އާއި އިޖުތިމާއީ ދާއިރާއަށެވެ. އެ ކަންތައްތަކުގެ ތެރެއިން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ދަރަނީގެ މައްސަލަ އާއި ބޯހިޔާވަހި ކަމުގެ މައްސަލަ އަދި އިންޑިއާގެ ނުފޫޒު ރާއްޖެއަށް ގަދަވެފައިވާ ކަމަށް ބުނާ މައްސަލަ އަށެވެ.
ކޮމެންޓް (2)
ޜައްޒާގު
ތެފައާސާ.