އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވާހަކަދައްކަވަނީ. (ފޮޓޯ/ޖޭޕީ)

ޖުމްހޫރީ ޕާޓީ

މިން އެޅިޔަސް ކައިރިކުރެވޭ ވަރުގެ ކެންޑިޑޭޓަކު ވެސް ނެތް: ގާސިމް

ވެރިކަމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންގި ނަމަ، އައްޑުއަށް "ރޯޝަނީކަން" ގެނެސްދެއްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތް
3 ސެޕްޓެމްބަރު 2023

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްއާ ގާތަށް ވެސް ގާބިލު ކެންޑިޑޭޓަކު ނެތް ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ. ގާސިމް ސިފަކުރެއްވި ގާތުގައި، އޭނާގެ ކައިރީގައި "ފަތިގަނޑު ފިރުކާލެވޭނެ" އެއްވެސް ކެންޑިޑޭޓަކު ނެތެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ޖޭޕީން ކުރަމުން އަންނަ ކެމްޕެއިންގައި ގާސިމް ވަނީ މިއަދު އައްޑުއަށް ވަޑައިގެންފަ އެވެ. މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ، ކެންޑިޑޭޓުންގެ ތެދުވެރިކަމާއި ވަފާތެރިކަމާއި ތައުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހު ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - ގާސިމް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި އެފަދަ ކެންޑިޑޭޓަކަށް ހުންނެވީ އޭނާ ކަމަށާއި، ދެން މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި "ފަތިގަނޑު ފިރުކާލެވޭނެ" މީހަކު ވެސް ނެތް ކަމަށެވެ.

މީގެ ކުރިން ދެ އިންތިހާބެއްގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަލައްވަން ޖެހިވަޑައިގެންނެވި ގާސިމް މިރޭ ވެސް ވަނީ، އޭނާއަށް ވޯޓުދީ، ވެރިކަން ކުރެއްވުމުގެ ފުރުސަތު ދިނުމަށް "އާދޭސް ދަންނަވާފަ" އެވެ.

އޭގެ އިތުރުން، ބޮޑު ދެ ޕާޓީ ކަމަށްވާ، މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އާއި މައި އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ވެސް ގާސިމް ފާޑުވިދާޅުވި އެވެ.

"މި ދެ ޕާޓީ ވެސް މި އޮތީ ބޮޑު ތަނުން ފެއިލްވެފައި. ރާއްޖޭގެ ރައްޔިތުން ވޯޓު ދޭނެ ކަމެއް ނެތް އެ މީހުންނަކަށް، އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކަށް ވެސް، ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވެސް. އެއީ އުރަތްޕަތެއް ނެތޭ އިނގޭތޯ އެ ކެންޑިޑޭޓުންގެ. ވަރަށް ސާފުކޮށް މި ދެންނެވީ. އަދި އެހެން ކެންޑިޑޭޓެއް ވެސް ނެތް، އަޅުގަނޑާ އެކު ފަތިގަނޑު ފިރުކާލެވޭނެ ހަމަ އެކަކު ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުން:

  • އޭނާ ވިޔަފާރި ފެއްޓެވީ އެންމެ 2000 ޑޮލަރުން

  • އޭގެ 12 އަހަރު ފަހުން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ވިޔަފާރީގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި

  • 1986 ފަހު ކޮޅުގައި ޓޫރިޒަމް ދާއިރާއަށް ވަދެ، 2011 ވަނަ އަހަރު ޓޫރިޒަމްގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި

  • ދިވެހި ދައުލަތަށް ތަފާތު ރޮނގުތަކުން ހިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގެންފައިވޭ

  • ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ދައުލަތުގެ އިއްޒަތް ލިބިވަޑައިގެންނެވި

  • އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ރޮނގުން ވެސް އޭނާއަށް ވަނީ އެންމެ މަތީ ޝަރަފު ލިބިވަޑައިގެންފައި

  • އޮނަރަރީ ޕީއެޗްޑީގެ ލަގަބާއި ޝަރަފު ވެސް އޭނާގެ އަތުގައި އެބައޮތް

އައްޑޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ޖޭޕީ)

އިންތިހާބުގެ ނަތީޖާ ބަދަލުކުރަން މީހުންނަށް ރިޝްވަތު "އަޅަމުންދާ" ކަމަށް ވެސް ގާސިމް ތުހުމަތުކުރެއްވި އެވެ. "ޑޮލަރު އަޅައިފި ނަމަ ހިއްޕެވުމަށް" އިލްތިމާސް ކުރެއްވުމަށް ފަހު، ގާސިމް ވަނީ ފައިސާއަށް ވޯޓު ނުވިއްކުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ގާސިމް ވިދާޅުވީ، އޭނާ ނުކުމެ ހުންނެވީ، އިސްލާމް ދީނާއި ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ. ވެރިކަމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންގި ނަމަ، އައްޑުއަށް "ރޯޝަނީކަން" ގެނެސްދެއްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ.

"މި ތާނގައި ނާތަހުޒީބު އަމަލުތައް ހިންގާފައި މުޑުދާރުވެގެން ދާ ތަން ފެނުނީމަ، ނުކުމެ މި ހުރީ. އެހެން ނޫން ނަމަ، ބޭނުމެއް ނޫން 73 އަހަރުވީމާ ނުކުމެ މި ސަކަރާތް ޖަހާކަށް،" ގާސިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް