ކެމްޕޭނަށް ގާސިމް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ޖޭޕީ)

ވިޔާނުދާ ކަންކަން ކުރުމުން، 'ފިނިހަކަ ވެރިކަން' އަލުން ހޯދައިދޭކަށް ނޫޅެވޭނެ: ގާސިމް

ގާސިމް ވަނީ ކުރީގެ ރައީސް ނަޝީދާއި ޔާމީންގެ ވެރިކަމަށް ވެސް ފާޑުވިދާޅުވެފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި "ވިޔާނުދާ އަމަލުތައް" ހިންގާފައިވާ ކަމަށާއި، އެހެންވެ މި "ފިނިހަކަ ވެރިކަން" އިތުރު ދައުރަކަށް ހޯދައިދޭން ދެން ނޫޅެވޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމް މިހާރު ގެންދަވަނީ ކެމްޕޭނަށް ޅ. އަތޮޅަށް ދަތުރު ކުރައްްވަމުންނެވެ. އެގޮތުން، މިއަދު ޅ. ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ގާސިމް ވަނީ ވާހަކަދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކުރައްވައި ގާސިމް ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖެ ގެނެސް، ބޭތިއްބުމަކީ ގާނޫނާ ހިލާފު ކަމެއްކަން ސަރުކާރަށް މާ ރަނގަޅަށް ވެސް އެނގޭނެ ކަމަށެވެ.

"އެ މީހުންނަށް އެނގޭނެ އަކުރުން އަކުރަށް. އެ މީހުންނަށް އެނގޭޭނެ ދިވެހި ރައްޔިތުންގެ މަޖިލީހުން ފާސްވެގެން މެނުވީ [ބޭރުގެ ސިފައިން] ނުބޭޭތިއްބޭނެކަން،" މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނުނަސް ދެވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދެކޮޅު ހެއްދެވި ގާސިމް ވިދާޅުވީ ޅ. އަތޮޅަަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސް ސޯލިހުގެ ރަށް، ހިންނަވަރަށް ވަޑައިނުގަންވަނީ ވެސް ރައީސް ސޯލިހާ ގުޅޭ ގޮތުން އެފަދަ ވާހަކަތައް އެ މަނިކުފާނުގެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ދައްކަވަން ބޭނުން ނުވާތީ ކަމަށެވެ.

ގާސިމް ވިދާޅުވީ އެފަދަ ވާހަކަތައް އެ އާއިލާގެ ކުރިމަތީ ދެއްްކެވުމަކީ އޭނާގެ ހިތްޕުޅަށް ވެސް ފަސޭހަ ގޮތެއް ނޫން ކަމަށާއި، އެއީ އިންސާނީ އަހްލާގު ދަންނަ ގޮތެއް ވެސް ނޫން ކަމަށެވެ.

"އެެއްގޮތަކަށް ވެސް އެ ރަށް އެއީ ސެކަންޑް ކެޓަގަރީގެ ރަށަކަށް ހަދާފައި، އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވީތީ އެހެންވެގެން އެ މަނިކުފާނު ކުރައްވާފައި ހުރި ރަނގަޅު ކަންތައްތަކަށް ތައުރީފް ނުުކުރައްވާކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮންމެ މީހަކު ވެސް ކުރާ ރަނގަޅު ކަންތައްތަކަށް އޭނާ ތައުރީފު ކުރައްވާނެ ކަމަށާއި، ނަމަވެސް ވިޔާނުދާ އަމަލުތައް ކުރީމާ ދެ ވަނަ ފަހަރަށް ހޮވައިދޭން އޭނާ ނޫޅުއްވާނެ ކަމަށެވެ.

"އެ މަސައްކަތެއް އަޅުގަނޑުމެން ނުކުރާނަން،" ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދީފި ނަމަ، މިނިވަންކަމުގެ ވާހަކަ "ދައްކާނެ ވެސް ކަމެއް ނެތް"ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، މާޒީގެ ހަނދާންތައް އާ ކުރަައްވަމުން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް، "ވެރިކަމުގެ އެއްވެސް ކަހަލަ ތަޖުރިބާާއެއް ނެތް އެކްޓިވިސްޓެއް" ހޮވުމުން، ދެތިން އަހަރުގެ ތެރޭގައި ޖެހުނީ ވެރިކަން ދޫކޮށްލައްވަން ކަމަށެވެ.

އޭގެ ފަހުން، ޕީޕީއެމްގެ ވެރިކަމެއް ގެނައުމުން ކުރިމަތިވީ އަނިޔާވެރިކަން ކަމަށާއި އޭނާ ވެސް އޮންނަވަން ޖެހުނީ ޖަލުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ކުލުނެއް ނެތް. [އުމުރުން] 80 އަހަރުގެ ބޭބޭފުޅު [ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް]ގެ އިތުރުން، [މައުމޫންގެ] އަންހެން ދަރިފުޅުގެ ފިރިކަލުން ވެސް އޮންނެވީ ޖަލުގައި،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވި އެވެ.

އޭނާ ވަނީ، އަންނަ މަހުގެ 9ގައި އޮންނަ އިންތިހާބުގައި ވަރަށް ވިސްނުންތެރިކަމާ އެކު ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް