ސެޕްޓެމްބަރު 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިލެކްޝަންސްގެ އޮފިޝަލުން ވޯޓު ކަރުދާސް ގުނަނީ (ފައިލް ފޮޓޯ/ ޓެލެގްރާފް)

ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވުން މޫސުން ގޯސްވުމުގެ ސަބަބުން 1 ދުވަސް ލަސްވެއްޖެ

ވޯޓުލާ ތަކެތި އުތުރުގެ އަތޮޅުތަކަށް މިއަދު ފޮނުވަން ހަމަޖެހިފައިވީ ނަމަވެސް، އެކަން މާދަމާއަށް ވަނީ ލަސްކޮށްފައި
29 އޯގަސްޓު 2023

އުތުރުގެ އަތޮޅުތަކަށް މިއަދު ފޮނުވަން ނިންމާފައިވާ ވޯޓުލާ ތަކެތި މޫސުން ގޯސް ވުމުގެ ސަބަބުން ނުފޮނުވުނު ނަމަވެސް، މާދަމާ ފަތިހު އެ ތަކެތި ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިއްޔެ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން:

  • އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗެކްކޮށް، ބަންދުކުރުމުގެ ހުރިހާ ކަމެއް ނިމި، އަތޮޅުތަކަށް ސެކިއުރިޓީ ސާމާނު ފޮނުވުމުގެ މަސައްކަތްތައް މިއަދު ފަށާނެ

  • އުތުރުގެ އަތޮޅުތަކަށް މިއަދު ތަކެތި ފޮނުވުމަށް ފަހު، ދެކުނުގެ އަތޮޅުތަކަށް ތަކެތި ފޮނުވަން ފަށާނީ މާދަމާ

ބުނީ ކީކޭ؟ - ނަމަވެސް، މޫސުން ގޯސްވެ، އުތުރުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައިވާތީ، މިއަދު ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ނިންމާފައިވާ ތަކެތި ފޮނުވޭ ގޮތެއް ނުވި އެވެ.

"ލޯންޗުތަކަށް ބަރުކުރި ހުރިހާ ސާމާނެއް އަނބުރާ އީސީއަށް މިހާރު ވަނީ ގެނެވިފައި،" ހަބީބް މިއަދު ޓުވީޓް ކުރައްވާފައިވެ އެވެ.

އެއް ދުވަހުގެ ލަސްކަމެއް ކުރިމަތިވިޔަސް، އިންތިހާބަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަމުން ހަބީބް 'ދައުރު'އަށް ވިދާޅުވީ މާދަމާ އިން ފެށިގެން ޝެޑިއުލްއާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން:

  • މާދަމާ ފަތިހު އުތުރުގެ އަތޮޅުތަކަށް ވޯޓުލާ ތަކެތި ފޮނުވުމަށް ފަހު، ބުރާސްފަތި ދުވަހުގެ ފަތިހު ދެކުނުގެ އަތޮޅުތަކަށް ތަކެތި ފޮނުވާނެ

  • އަތޮޅުތަކަށް ފޮނުވަން ޖެހޭ ހުރިހާ އެއްޗެއް ބުރާސްފަތި ދުވަހު ފޮނުވައި ނިންމޭނެ

އެނގުން މުހިއްމު - އީސީން ބުނެފައިވާ ގޮތުގައި، އަތޮޅުތަކަށް ފޮނުވާ ތަކެތި ހަވާލު ކުރާނީ ސިޓީ ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާތަކާ އެވެ. ވަކި ވަކި ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކާ ތަކެތި ހަވާލުކުރަން ހަމަޖެހިފައިވަނީ ވޯޓު ލުމުގެ ތިން ދުވަސް ކުރިން، އަންނަ މަހުގެ 6ގަ އެވެ.

"ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ހިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި. އަދި އެކަން އެ ގޮތުގެ މަތިން ކުރިއަށް އެބަދޭ،" ހަބީބް ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް