ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުގެ ކެމްޕެއިނަށް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
މިހާރު ހުރި ޓެކްސްތަކަކާ ނުބެހޭނަން: މުއިއްޒު
ޕީޕީއެމްގެ ވެރިކަމެއްގައި މިހާރު ހުރި ޓެކްސްގެ މިންވަރަށާއި ޓެކްސްތަކަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - މިދިޔަ ޖެނުއަރީން ފެށިގެން ޖީއެސްޓީ %6 އިން %8އަށް އަދި ޓީޖީއެސްޓީ %12 އިން %16އަށް ވަނީ ބޮޑުކޮށްފަ އެވެ. އެ ކަމަށް އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ކެންޑިޑޭޓުން ވަނީ، ޖީއެސްޓީ ކުޑަކުރަން އަދި ބައެއް ސަރަހައްދުތަކުގެ ވިޔަފާރިތަކުން ޖީއެސްޓީ ނަގާ މިންވަރު ކުޑަކުރަން ނުވަތަ ވަކި މުއްދަތަކަށް ކަނޑާލަން ހުށަހަޅުއްވާފަ އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވިޔަފާރީގެ ގިނަ ބައިތަކެއް ކޮންޓްރޯލް ކުރާތީ، ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ވިޔަފާރީގައި ކުރިއަރައި ދިޔުމުގެ ފުރުސަތު އޮންނަނީ ހަނިވެފަ އެވެ. މުއިއްޒު މިހާރު ގދ.ގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރައީސްކަން ލިބިވަޑައިގެންފި ނަމަ، އެކަން ހައްލު ކުރާނީ ކިހިނެއްތޯ ވަނީ ސުވާލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
ނަމަވެސް، މުއިއްޒު ވިދާޅުވި ގޮތުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރަން ނުވަތަ އެ ނޫން ބޭނުމެއްގައި ވިޔަސް އެއްވެސް ހާލެއްގައި މިހާރު ނަގާ ޓެކްސްތަކަށް ބަދަލެއް ނުގެންނަވާނެ އެވެ.
"ޓެކްސްގެ އެއްވެސް ސީލިންއެއް ބޮޑުކޮށް، ޓެކްސް ބޮޑުކޮށް އެ ކަހަލަ ކަމެއް ކުރާކަށް ގަސްތެއް ނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
"ސަރުކާރުގެ ކުންފުނިތަކުން ބިޑު ކުރެވޭ އަދަދު މަދު ކުރުން ވިޔަސް ނޫނީ ސަރުކާރު ކުންފުނިތަކުގެ އެކްސްޕޯޝާ، ސަރުކާރު މަޝްރޫއުތަކަށް ލިބޭ ފުރުސަތަށް ލިމިޓޭޝަނެއް ގެނައުން އަޅުގަނޑަށް ފެންނަނީ ކުރެވޭނެ އެންމެ ބޮޑު ކަމަކަށް."
ތަފްސީލު - އޭގެ ބަދަލުގައި، މުއިއްޒުގެ ވިސްނުން އޮތީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުރި ފުރުސަތުތައް ހަނިކޮށްގެން ކުދި ވިޔަފާރިތަކަށް ފުރުސަތު ބޮޑުކޮށްދިނުމަށެވެ. އޭގެ ބައެއް މިސާލުތަކުގެ ގޮތުގައި އޭނާ ފާހަަގަކުރެއްވީ:
-
އިންފްރާސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް މިހާރު ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން
-
އެ ކަމަށް ކޯޓާއެއް ކަނޑައަޅައިގެން ވިޔަސް، ސަރުކާރު ކުންފުނިތަކަށް މަޝްރޫއުތަކުން ހުރި ފުރުސަތު ހަނިކުރުން
"ކޯޓާއެއް ކަނޑައަޅައިގެން ވިޔަސް ފުރުސަތު ދޭނަން. ސަރުކާރުގެ މަޝްރޫއުތަކުން މިހާ ޕަސެންޓު ދޭން ޖެހޭނެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް. އެ ގޮތަށް ހަދައިގެން ވިޔަސް އަދި އިތުރު މެޝާސް ލައިގެން ވިޔަސް ޕްރައިވެޓް ސެކްޓާ ކުރިއަރައިގެންދާން ފުރުސަތު ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް ބިޑު ކުރެވޭ އަދަދު މަދުކޮށް ނުވަތަ ސަރުކާރުގެ މަޝްރޫއުތަކުން ލިބޭ ފުރުސަތު ހަނިކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
އޭގެ އިތުރުން، ސަރުކާރު ކުންފުނިތަކުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުދާ ގަތުމުގައި ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ލިބޭނެ ގޮތް ހެދުމުގެ ވިސްނުން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ސަޕްލައި ބައިގައި، [މިސާލަކަށް، އާރުޑީސީއިން އެމްޓީސީސީއަށް އެއްޗެހި ސަޕްލައި ކުރުމުގައި] މަޖުބޫރު ކުރެވޭ ގޮތެއް ހެދިދާނެ ކުދި، މެދު ފަންތީގެ ކުންފުނިތަކަށް އެ ބައި ދިނުން. ދެން ވެސް ހުންނާނެ އިތުރު ކަންކަން،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުނުކުރެވޭ ނަމަ، ރައްޔިތުން ތިބޭނީ ގޮތް ހުސްވެފަ އެވެ.