ރިޔާސީ އިންތިހާބުގެ ކެމްެޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު އދ. މަހިބަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ. (ފޮޓޯ/ޖޭޕީ)

އެމްޑީޕީން ކެމްޕޭނު ކުރަނީ ލަދެއް ހަޔާތެއް ނެތި: ގާސިމް

ގާސިމް ވިދާޅުވީ އެމްޑީޕީން ކެމްޕޭނު ކުރުމަށް ދައުލަތުގެ ކުންފުނިތަކާއި މުވައްޒަފުން ހިތަށް އެރިހާ މިންވަރަކަށް ބޭނުންކުރަމުން ދާ ކަމަށް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރަމުން ދަނީ ލަދެއް ހަޔާތެއް ނެތި ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީގެ ލީޑަރު ގާސިމް މިހާރު ގެންދަވަނީ ކެމްޕޭނަށް އަރިއަތޮޅުގެ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން، އދ. ކުނބުރުދުއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވަނީ، އެމްޑީޕީން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "ދައުލަތުގެ އެއްވެސް އެއްޗެެއް އަމިއްލަ ބޭނުމަކު [ބޭނުން]ކުރުމަކީ ވެރިކަމުގައި ހުރި މީހާ ނަމަވެސް، ސިޓީ އުރައެއްގެ މިންވަރު ވެސް އޭނާއަށް ބޭނުމެއް ނުކުރެވޭނެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ހިލާފަށް،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އަތޮޅު ތެރެއަށް ކުރައްވަމުން ދާ ދަތުރުފުޅުގެ ތެރެއިން ގާސިމް ވާހަކަދައްކަވަނީ (ފޮޓޯ/ ޖޭޕީ)

ގާސިމް ވިދާޅުވީ ރައީސަށް ދައުލަތުން ހަމަޖައްސައިދީފައިވާ އިނާޔަތްތަކެއް ހުންނަ ކަމަށާއި، އޭގެ ބޭރުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، މިހާރު ފެންނަމުން ދަނީ އެމްޑީޕީއަށް ކެމްޕޭނުކުރުމަށް ދައުލަތުގެ ކުންފުނިތަކާއި މުވައްޒަފުން "ހިތަށް އެރިހާ މިންވަރަކަށް" ބޭނުންކުރަމުން ދާ ތަން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ވާތުން ކަނާތައް، ކަނާތުން ވާތަށް ވެސް، ދިނަސް ނުދިނަސް ވެސް ނޭނގޭ ވަރަށް، ނޫނިއްޔާ ރޯމާ މެންދުރު ދުވާލު ހަބޭސް އެއްވެސް ލަދެއް ހަޔާތެއް ނެތި ކަންތައްްތައް ކުރަމުން މި ދަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރެއް ހޯއްދަވަން ކުރައްވަމުން ގެންދަވާ ކެމްޕޭނަށް އިޝާރަތްކުރައްވަައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ، ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް "ލައްކައިން ލައްކައިން" ފައިސާ ބަހާ ކަމަށް މީހުން ބުނާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އެއީ ތެދެއްކަން ނުވަތަ ނޫންކަން އެނގޭނީ ރަށްރަށުގެ ރައްޔިތުންނަށް، އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ވެސް ކޮންމެހެން ޝައްކެއް ނުކުރަން އެ މަނިކުފާނު ނުކުރައްވާ ކަމަކަށް،" ރައީސް ސޯލިހުއަށް ތުހުމަތު އަމާޒުކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަރުކާރާ ގުޅިގެން ސަރުކާރުގެ ވެރިން ވައްކަން ކުރައްވަފާނެ ކަމަށް އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ފާޅުގައި އެފަދަ ކަންކަން އެ ބޭފުޅުން ކުރައްވާފައިވާތީ ކަމަށެވެ. ނަމަވެސް، އެއީ ކޮން ކަންތައްތަކެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.

"އެހެންވީމަ، އެބަ އެނގޭ ކޮންމެ ގޮތެއް ހަދާފައި ވެސް ވެރިކަން ބޭނުންވާކަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް