ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ވ) އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުގެ ފޯމު ރައީސް ސޯލިހުއާ ހަވާލުކުރައްވަނީ (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

މެމްބަރު ޝިޔާން ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއަށް

ޝިޔާން ވިދާޅުވީ އަލުން އެމްޑީޕީއާ ގުޅުނީ ދާއިރާ އާއި ރާއްޖޭގެ ގިނަ ބައެއްގެ ވިސްނުމާ އެއްގޮތަށް ކަމަށް
25 އޯގަސްޓު 2023

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޝިޔާން އެމްޑީޕީއަށް އަލުން ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންފަ އެވެ. 

ބުނީ ކީކޭ؟ - ޝިޔާން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އެކްސްގައި ވިދާޅުވީ، އޭނާ އެ ޕާޓީއާ އަލުން ގުޅުމަށް ނިންމީ ތޮއްޑޫ ދާއިރާ އާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންތަކެއްގެ ވިސްނުމާ އެއްގޮތަށް ވިސްނުން ބަދަލުކުރުމަށް ފަހު ކަމަށެވެ. އަދި އެ ދާއިރާއިން މިފަހަރު އެންމެ ގިނަ ވޯޓު ލިބޭނީ ވެސް ރައީސް ސޯލިހަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަގުލަބިއްޔަތާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ،" ޝިޔާން ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި މިދިޔަ ޖެނުއަރީގައި އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރޭގައި ޝިޔާން ހިމެނިވަޑައިގެންނެވި އެވެ.

ޝިޔާންއާ އެކު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ މި މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ޔާސިރުއާ އެކު ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން ވެސް އެނބުރި އެމްޑީޕީއާ ގުޅުނުއިރު ޑިމޮކްރެޓްސްއާ ގުޅުނު އެހެން ބައެއް ކައުންސިލަރުން ވެސް ދަނީ އަލުން އެމްޑީޕީއާ ގުޅެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް