ކެނދިކުޅުދޫ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)
ވަކި ގޮތެއް ނުނިންމާ މީހުން ގިނަ، އެކަމަކު ތާއީދު ބޮޑީ ރައީސަށް: ސާވޭ
އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ބިނާވާނީ ވޯޓުލާނެ ގޮތެއް އަދި ނުނިންމާ ތިބި ފަރާތްތަކަށް ކަމަށް ކަމަށް ރާއްޖޭގައި ދިރާސާކުރާ ބާނީ ސެންޓަ ފޯ އިންޓަނޭޝަނަލް ޕޮލިސީއިން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފި އެވެ. ޕޯލް އިން ދައްކާ ގޮތުގައި، އެންމެ ތާއީދު ބޮޑީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާ ގުޅިގެން ބާނީއިން ކޮންމެ މަހަކު ކުރިއަށް ގެންދާ ދިރާސާގެ މި މަހުގެ ހޯދުންތައް ވަނީ މިއަދު އާއްމުކޮށްފަ އެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ނަން އިއުލާން ކުރުމާއި ކުރީގެ ރައީސް އަބްދުالله ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ފަހުން ހަދާފައިވާ ސާވޭއެކެވެ. އެގޮތުން:
-
އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބޭ ސަޕޯޓު މި ސާވޭ އިން ދައްކާ އަދަދުތަކަށް ވުރެ އިތުރުވުން އެކަށީގެންވޭ
-
އެއީ މި ސާވޭގައި އަދި ގޮތެއް ނުނިންމާ ތިބި ކަމަށް ފާހަގަކުރި މީހުންގެ ވޯޓު ކެންޑޭޓުންގެ ތެރޭގައި ބެހިގެންދާނެތީ؛ އެ ފަރާތްތައް ވޯޓުދޭނެ ވަކި ގޮތެއް ލަފާކުރަން ދަތި
-
މި ސާވޭގެ ބައިވެރިން ހޮވުނީ 'ރެންޑަމް ސާމްޕްލިން މެތަޑް'އެއް ބޭނުންކޮށްގެން
ތަފްސީލް - މި މަހު ބާނީ އިން ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކާ ގޮތުގައި:
-
އިންތިހާބު ބާއްވަން އެންމެ ތިން ހަފްތާއަށް ވެފައިވާއިރު ވެސް ވޯޓުލާ އާބާދީގެ %52 ވޯޓުލާނެ ގޮތެއް އަދި ނުނިންމާ؛ އެޕްރީލް މަހު މި އަދަދު ހުރީ %42ގައި
-
ވޯޓުލާ ދުވަސް ކައިރިވާ ވަރަކަށް ރާއްޖޭގެ ވޯޓުލާ އާބާދީގެ ގޮތެއް ނުނިންމާ ތިބި ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުން
-
އެހެން ގައުމުތަކުގައި ހަދާ މި ފަދަ ސާވޭތަކާ އަޅާ ބަލާއިރު ރާއްޖޭގައި ގޮތެއް ނުނިންމާ ކަމަށް ބުނާ މީހުންގެ އަދަދު މަތި
އެހެންކަމުން ބާނީ އިން ވަނީ ހަމައެކަނި އެ ސާވޭގެ ނަތިޖާއަށް ބިނާކޮށް އިންތިހާބުގެ ނަތީޖާ ނުކުންނާނެ ގޮތް ލަފާ ކުރަން ދަތިކަން ފާހަގަކޮށްފަ އެވެ.
ރައީސް ސޯލިހު އެންމެ ކުރީގައި
ބާނީ އިން ފާހަގަކުރި ގޮތުގައި، ސާވޭ ހަދަން ފެށީއްސުރެއް ކުރި ހޯއްދަވަމުން ގެންދެވީ ރައީސް ސޯލިހެވެ. މި މަހު ވެސް ކުރި ހޯއްދެވީ އެމަނިކުފާނެވެ. އެގޮތުން:
-
މި މަހު ރައީސް ސޯލިހަށް ލިބިވަޑައިގަތީ %21
-
މިއީ މިހާތަނަށް ރައީސް ސޯލިހަށް އެންމެ މަތިން ލިބިވަޑައިގެންނެވި އަދަދު
-
މިދިޔަ މަހު އެމަނިކުފާނަށް ލިބިވަޑައިގަތީ %19
ޔާމީނަށް އޮތް ތާއީދުގެ ބޮޑު ބައި މުއިއްޒަށް
މި މަހު ނެގި މި ސާވޭ އިން ދައްކާ ގޮތުގައި، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވީ %14 އެވެ. ބާނީން ބުނީ އެކަމުން ދައްކައިދެނީ ޔާމީނަށް އޮތް ތާއީދުގެ ބޮޑު މިންވަރެއް މުއިޒަށް ބަދަލުވެފައިވާ ކަން ކަމަށެވެ. އެގޮތުން:
-
ޔާމީނަށް ޖުލައި މަހު ލިބިވަޑައިގެންނެވީ %18
-
ތާއީދު ކުރާ ކެނޑިޑޭޓު ވޯޓު ކަރުދާހުގައި ނެތް ކަމަށް ފާހަގަ ކުރީ އެންމެ %1 މީހުން
ބާނީގެ ސާވޭގައި އެހެން ކެންޑިޑޭޓުންނަށް އޮތް ތާއީދަށް ބަލާއިރު:
-
ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ %2؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހު ލިބިވަޑައިގެންނެވީ %4
-
އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލް އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ލިބިވަޑައިގެންނެވީ %1