ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ނ. ޅޮހީގައި ވާހަކަދައްކަވަނީ (ފޮޓޯ/ޖޭޕީ)

ސިޔާމްގެ ލޯބި އޮތީ އަޅުގަނޑަށް؛ ސަޕޯޓަރުންގެ ވޯޓު ދޭން ވެސް 'ސިއްރުން' ބުނާނެ: ގާސިމް

ގާސިމް ވިދާޅުވި ގޮތުގައި، ސިޔާމްގެ ހިތުގައި އޭނާއާ މެދު ލޯތްބާއި އިހުތިރާމް އޮންނަނީ އޭނާގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭނެކަން ސިޔާމަށް ކަށަވަރުވާތީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި މިވަގުތު ހުންނެވި އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ ހިތުގައި ލޯތްބާއި އިހުތިރާމް އޮތީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. ގާސިމް ގަބޫލުކުރައްވާ ގޮތުގައި، ސިޔާމްއަށް ތާއީދުކުރާ މީހުން ވެސް ވޯޓު ލާނީ އޭނާ އަށެވެ.

ވީ ކިހިނެއް؟ - ގާސިމް އެހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. ޅޮއްސަށް ވަޑައިގެން އޭނާގެ ސަޕޯޓަރުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.

ބުނީ ކީކޭ؟ - ގާސިމް ވިދާޅުވީ ސިޔާމަކީ އޭނާއަށް ވުރެ ވެސް ވިސްނުންތެރި ބޭފުޅެއް ކަމަށެވެ. ސިޔާމަކީ ވިސްނުންތެރި ބޭފުޅެއް ކަމަށް ގާސިމް ގަބޫލުކުރައްވާ ސަބަބު ވެސް އޭނާ ވިދާޅުވެދެއްވި އެވެ.

"އަބަދުވެސް އޭރެއްގައި އޮންނަ ސަރުކާރަކާ އެކީގައި އެ މަނިކުފާނު ހުންނަވާނީ. އިންތިހާބު ނިމުނީމާ އެ ސަރުކާރަށް ކާމިޔާބު ނުކުރެއްވިއްޖެއްޔާ ދެން މަޑުމަޑުން ފަހަތަށް ޖެހިލާފައި އަނެއްކާވެސް ވެރިކަމަށް އައި ސަރުކާރަކާ އެކު ގާތް ގުޅުމެއް އުފައްދަވަމުން ގެންދަވަނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާ އަކީ ސިޔާމާއި ހިލާފަށް ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން އޭރަކު އޮންނަ ސަރުކާރެއް ޒިންމާދާރުކުރުވުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. ގާސިމާއި ސިޔާމަކީ ވިޔަފާރިވެރިން ނަމަވެސް އެ ބޭފުޅުން ތަފާތުވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމަކީ ސިޔާމްގެ ވިޔަފާރި ފެށިއިރު، އެ ވިޔަފާރީގެ ހިއްސާދާރެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ:

  • އެ %33 ހިއްސާ އޭނާ ދޫކޮށްލެއްވީ އެ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގާތް ގުޅުން ދެމެހެއްޓުމަށް 

  • މިހާރު ސިޔާމް ހުންނެވީ ރައީސް ސޯލިހުއާ އެކު ނަމަވެސް، ސިޔާމްގެ ހިތުގައި އިހުތިރާމާއި ލޯބި ވެސް އޮތީ އޭނާއަށް

ގާސިމް ވިދާޅުވި ގޮތުގައި، ސިޔާމްގެ ހިތުގައި އޭނާއާ މެދު ލޯތްބާއި އިހުތިރާމް އޮންނަނީ އޭނާގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭނެކަން ސިޔާމަށް ކަށަވަރުވާތީ ކަމަށެވެ.

"އެހެން ނަމަވެސް، އަޅުގަނޑަށް ކަށަވަރު އެ މަނިކުފާނުގެ ހިތްޕުޅުގައި އަޅުގަނޑާ މެދުގައި އެއްވެސް ކަހަލަ ޝައްކެއް ނޯންނާނެކަން، ކޮން ގޮތަކަށް؟ އަޅުގަނޑު މީހަކަށް އަނިޔާއެއް ނުދޭނެކަން އަޅުގަނޑު މީހަކަށް ޒާތީ ގޮތަކުން އެއްވެސް ހަސަދައެއް ނުބާލާނެކަން. އަޅުގަނޑު މީހަކަށް ލިބިފައި އޮތް ނިއުމަތެއް ދަމައިގަންނަން ކުޑަ ވެސް ކަމެއް ނުކުރާނެކަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސިޔާމަށް ތާއީދުކުރާ މީހުން ވެސް ވޯޓުލާނީ އޭނާއަށް ކަމަށާއި ސިޔާމް "ސިއްރު ކޯޑަކުން" އެ މެސެޖު އޭނާގެ ސަޕޯޓަރުން ވެސް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރު މިހާރު އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ހުއްޓަސް އެ މަނިކުފާނުގެ ހިތްޕުޅުގެ އެންމެ އަޑީގައި ލޯތްބާއި އިހުތިރާމް އޮންނާނީ އަޅުގަނޑަށް. އެ މަނިކުފާނަށް ތައީދުކުރާ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވޯޓުލާނެކަން. ކޮންމެވެސް ސިއްރު ކޯޑަކުން މެސެޖު ދެއްވާނެކަން،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް (2)

އައްލާ

25 އޯގަސްޓު 2023
ތަފާތަކީ ތިބޭފުޅާ އަބަދުވެސް ބޮޑު އެއްޗެއް ބަދަލުގެ ގޮތުގައި ހޯދަން އުޅުން.... އަމިއްލަ އެދުން
0 0

އަކީލ

24 އޯގަސްޓު 2023
ޅޮހީ މީހުންނަކީ ޅޮހުންކަމަށް ދޭހަވާ ވާހަކަތަކެއް ްގާސިމް ދައްކައިފި
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް