އިބްރާހިމް ރަޝީދު ކޯޓަށް ހާޒިރުނުކުރެވިގެން ފުލުހުން މިދިޔަ ހޯމަ ދުވަހު އިއުލާންކުރި: އޭނާ މިއަދު ވަނީ ހުކުމްކުރި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި (ފޮޓޯ/ފުލުހުން)

ކްރިމިނަލް ކޯޓު

ތިނަދޫ ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް ރަޝީދު މަސްތުވާތަކެތީގެ މައްސަލައެއްގައި 15 އަހަރަށް ޖަލަށް

ޖަލު ހުކުމުގެ އިތުރުން 25،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުން ވެސް ހުކުމްގައި ހިމެނޭ

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޑައިމޯފިނުން މުއާމަލާތު ކުރުމުގެ ކުށް ސާބިތުވެ، އޭނާ 25،000 ރުފިޔާ އިން ޖޫރިމަނާކުރުމާ އެކު، 15 އަހަރަށް ޖަލަށް ލުމަށް މިއަދު ކްރިިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިނުން މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ އިބްރާހިމް ރަޝީދު، ގދ. ތިނަދޫ/ގާކުރެލި، މައްޗަށް ދައުލަތުން ކޮށްފައިވަނީ 15 އޮގަސްޓު 2017ގަ އެވެ. ދައުވާގައި ވާގޮތުން:

  • އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް، 28 މެއި 2016ގެ ރޭގަނޑު 12:49 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބުނު

  • އޭނާގެ ސައިކަލާ ދިމާލަށް ދަނިކޮށް ފުލުހުން އޭނާ ހުއްޓުވިތަނާ އަތުގައި އޮތް ރަބަރު ޕެކެޓެއް އެއްލާލި؛ އެ ޕެކެޓުން 0.0123ގެ ޑައިމޯފިން ފެނުނު

އެނގުން މުހިއްމު - އޭރު ގާޒީ އަކަށް ހުރި އިބްރާހިމް ރަޝީދު، 46، މި މައްސަލާގައި ހައްޔަރު ކުރުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑު ކުރުމަށް ފަހު އެ ސަސްޕެންޝަން އުވާލި އެވެ. އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖޫން 2019ގަ އެވެ. އެއީ، އަންހެނަކަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ގަޒުފު ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. 

ފާހަގަކޮށްލެވޭ - އިބްރާހިމް ރަޝީދު މަސްތުވާތަކެތީގެ ދައުވާއަށް އިންކާރުކޮށް ކޯޓުގައި ބުނެފައިވަނީ، އެއީ އޭނާ ފްރޭމް ކުރުމަށް އެ ރަށު ފުލުހުން ކޮށްފައިވާ ކަމެއް ކަމަށެވެ. 

ތަފްސީލް - އިބްރާހިމް ރަޝީދުގެ ހާޒިރުގައި އިއްވި ހުކުމުގައި ބުނެފައިވަނީ، ދައުވާއަށް އިބްރާހިމް ރަޝީދު އިންކާރު ކުރި ނަމަވެސް، ދައުވާގެ ރުކުންތައް މި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެނގުން މުހިންމު - ޑައިމޯފިނުން މުއާމަލާތު ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ 15 އަހަރަށް ޖަލަށް ލުމާ އެކު، 25،000 ރުފިޔާ އިން ފެށިގެން 5 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ހުކުމް ކުރުމަށް ފަހު، އަދަބު ކަނޑައެޅުމާ ބެހޭގޮތުން ވާހަކަދައްކަން ދިން ފުރުސަތުގައި، އިބްރާހިމް ރަޝީދު އެދުނީ ވީހާވެސް ލުއި އަދަބެއް ނުވަަތަ ޑްރަގް ކޯޓުގެ ފަރުވާ ލިބޭ ގޮތަށް އަދަބު ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް މި މައްސަލަ ބެއްލެވި ގާޒީ އާމިނަތު އަޒްލިފާ ނިންމެވީ އޭނާ 15 އަހަަރަށް ޖަލަށް ލުމާ އެކު، ޖޫރިމަނާގެ އަދަދަކީ 25،000 ރުފިޔާ ކަމުގައި ކަނޑައެޅުމަށެވެ. އިބްރާހިމް ރަޝީދުގެ މަސްތުވާތަކެތީގެ ރެކޯޑެއް ނެތްކަމާއި މިއީ އޭނާގެ މައްޗަށް އިއްވާ މިފަދަ ފުރަތަމަ ހުކުމްކަން ގާޒީ ފާހަގަކުރެއްވި އެވެ.

ގާޒީ ވަނީ ޖޫރިމަނާ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގަވައިފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި އިރު ބަންދުގައި އިބްރާހިމް ރަޝީދު ހުރީ އެންމެ ދުވަހަކަށް ކަމަށްވާތީ، ހުކުމް ތަންފީޒުކުރުމަށް އޭނާ 14 އަހަރާއި 11 މަހާއި 29 ދުވަހުގެ މުއްދަތަކަށް ޖަލު ބަންދުގައި ހުންނަން ޖެހޭނެ ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ. 

ގުޅުންހުރި - މައްސަލައަށް ހަތް އަހަރު ފަހުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، އޭނާ ކޯޓަށް ހާޒިރުނުކުރެވިގެން މިދިޔަ ހޯމަ ދުވަހު ފުލުހުން އިއުލާން ކޮށްފައިވެ އެވެ.

ކޮމެންޓް (1)

ފުލާނީ

18 ސެޕްޓެމްބަރު 2023
ގާޒީ ކީއްތިކޮށްލީ؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް