އިއްލި އަމްރުގެ ކެމްޕެއިން ތަރުޖަމާނު، އިމްތިޔާޒް ފަހުމީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

2018 އެކޭ އެއްގޮތަށް، ރިޔާސީ ބަހުސްގައި ބައިވެރިނުވުމަށް ރައީސް ދައްކަވަނީ އުޒުރު: އިމްތިޔާޒު

އިމްތިޔާޒް އެހެން ވިދާޅުވީ ރައީސް ސޯލިހުއަށް ރިޔާސީ ބަހުސްގައި ބައިވެރިވެވޭނީ ވަގުތު ތަންދޭ ނަމަ ކަމަށް އެމްޑީޕީގެ ކެމްޕޭނު ޓީމުން ބުނުމުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ޕީއެސްއެމް އިން ބާއްވާ ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ އުޒުރު ދައްކަވަމުން ކަމަށް އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރިޔާސީ އިންތިހާބުގެ ބަހުސާ ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ޕާޓީގެ ކެމްޕޭން ތަަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި:

  • ރައީސް ސޯލިހަށް ރިޔާސީ ބަހުސްގައި ބައިވެރިވެވޭނީ ވަގުތު ތަންދޭ ނަމަ

  • ރައީސަށް މި ވަގުތަށް އެންމެ މުހިންމީ ކެމްޕޭނުގެ ދަތުރުތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވުން

"ރައީސް އެ ވަޑައިގަންނަވަނީ ވައުދުތަކުގެ ވާހަކަތައް ޓީވީގެ ޒަރިއްޔާއިން ގެނެސްދެއްވަމުން. އެހެންވީމާ ސީދާ ތިއަށް އެއްޗެކޭ ދަންނަވަން އެނގޭނީ އެމަނިކުފާނުގެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށް ފަހު ވަގުތު އޮވެއްޖެއްޔާ. ހަމަ ގައިމު ވެސް ތިޔަ ކަންކަމަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވާނެ،" މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕޯކްޕާސަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބު އަދި ރަނިން މޭޓް ހުސެއިން އަމްރު މުހައްމަދު ރަޝާދުގެ ކެމްޕޭނުގެ ތަރުޖަމާނު އިމްތިޔާޒް މިއަދު ވަނީ ހެންވޭރު މައިޒާންދޮށުގޭގައި ހުންނަ އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފަ އެވެ.

ތަފްސީލު - މާރިޔާގެ ވާހަކައާ ގުޅޭގޮތުން އިމްތިޔާޒް ވިދާޅުވީ "އޭގެ މާނައަކީ ބަހުސްގައި ބައިވެރިވެވަޑައިނުގަންވާނެއޭ" ކަމަށެވެ. އަދި ރައީސް ސޯލިހު 2018ގެ އިންތިހާބުގައި ވާދަކުރެއްވި އިރު ވެސް ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މިއީ ހަމަ ކަންބޮޑުވާ ކަމެއް،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން، ބަހުސްގެ ޒަރިއްޔާއިން، ރައްޔިތުންގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން ކަމަށާއި އެއީ ވަރަށް އަސާސީ އަދި މުގައްދަސް ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް ސަރުކާރުގެ ކެންޑިޑޭޓް މިހާރު ވެސް އެ ވިދާޅުވަނީ ބައިވެރިވެ ވަޑައިގަނެވޭނީ، އެހެން ވިދާޅުވެ، އުޒުރެއް އެ ދައްކަވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް އިތުރަށް ވިދާޅުވީ:

  • ރިޔާސީ އިންތިހާބުގައި ވާދަ ކުރާއިރު ރައްޔިތުންނާ ބައްދަލުކުރަން ޖެހޭނެ ކަމަށް. ހަމަ އެއާ އެކުގައި ރައްޔިތުންނަށް އިތުރު މައުލޫމާތު ދީ އާންމުންގެ ފަރާތުން ކުރާ ސުވާލުތަކަަށް ޖަވާބުދާރީވާން ވާނެ ކަމަށް

  • މީޑިއާގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުމަށް ސީދާ ކުރިމަތިލާން ރިޔާސީ ބަހުސްގައި ބައިވެރިވުމަކީ ވަރަށް އަސާސީ ކަމެއް ކަމަށް

ކޮމެންޓް (2)

ޣުިފސސ

23 އޯގަސްޓު 2023
ޓީވީން ބަހުސް ބަލާނެ ވޯޓުލާ ހުރިހާ ރައްޔިތުން. ދޭން ބޭނުންވާ މެސެޖް އެންމެ ފަސޭހައިން ގިނަ މީހުނަށް ފޯރުކޮށްދެވޭނެ ގޮތްމެ. ވޯޓުލާން ތިބި މީހުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެވޭނެ އެންމެ ފުރިހަމަ ގޮތް. ޑިމޮކްރެސީގެ މުހިިންމު ސިފައެއް. ރައްޔިތުން ކުރިމަތީ ވާދަވެރިންނާ ބަހުސް ނުކުރުމަކީ ހުދުމުހުތާރު ފިނޑި ސިފައެއް. އަދި ކުރިއަށް ޒަމާންތަކަށް ދެއްކޭ ހުތުރު މިސާލެއް. ސޯލިހު އެކަން ކުރެވޭވަރަށްވުރެ ފިނޑިއްޔާމުން ދެން ތިބި މީހުންނާއެކު ބަހުސް ކޮންމެސް ބަޔަކު ބާއްވަދޭންވާނެ.
2 2

ތެފައާސާ.

23 އޯގަސްޓު 2023
ރައީސްގެ ކެމްޕޭން ގެންދާނެ ގޮތަކާއި މެސެޖިންގ ދޭނީ ވަކިވަކިން ރަށްރަށަށް ގޮސްގެންތޯ ޓީވީ ބަހުސަކަށް އަރައިގެންތޯ މި ހުންނަނީ ޑިމޮކްރެޓްސް ނުވަތަ ގައުމީ އިއްތިހާދު ފަދަ ކުދި ޕާޓީތަކުން އެހާބޮޑަށް ގޮތްކިޔައި ހަދަންވާ ކަންކަމެއްނޫން. ޓީވީ ބަހުސަކަށް ނާރަން ބޭނުން ކެންޑިޑޭޓަކު ނޭރީމާ ނިމުނީ. އެމެރިކާގަ ރިޕަބްލިކަން ޕްރައިމަރީ ބަހުސަށް ލީޑީން ކެންޑިޑޭޓް ޓްރަޕްމުވެސް ނާރާ. ރައްޔިތުންނަށް ވޯޓުފޮށިދޮށުން ގޮތް ނިންމުމުގެ އިޚްތިޔާރު ލިބޭނެ..
3 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް