ށ. ކަނޑިތީމުގައި އިއްޔެ ބޭއްވި ޖޭޕީގެ ކެމްޕެއިން ޖަލްސާގައި ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން. (ފޮޓޯ/ޖޭޕީ)

ޖުމްހޫރީ ޕާޓީ

ގާސިމް 'އެލް ބޯޑު' ޖަހައިގެން ގައުމުގެ ކަންކަން ނުހިންގާނެ: ނިހާން

ގާސިމަކީ ތަފާތު ފިކުރުތަކާ އެކު މަސައްކަތް ކުރުމުގެ އެންމެ ރަނގަޅު ޓްރެކް ރެކޯޑް އޮތް ބޭފުޅާ ކަމަށް ވެސް ނިހާން ވިދާޅުވި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަކީ ގައުމުގެ ކަންކަން "އެލް ބޯޑު" ޖަހައިގެން ހިންގަވާނެ ބޭފުޅެއް ނޫން ކަމަށާއި "ދުއްވުމުގެ ރަސްމީ ހުރިހާ ލައިސެންސެއް" އޮތް ކެންޑިޑޭޓަކީ ގާސިމް ކަމަށް، ގާސިމްގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނިހާން މިހެން ވިދާޅުވީ ގާސިމްގެ ރިޔާސީ ކެމްޕެއިންއަށް ށ. މިލަންދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގަ އެވެ.

ތަފްސީލް - މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ގާސިމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން ނިހާން ވިދާޅުވީ، ގާސިމަކީ ގައުމުގެ ހާލަތު ބަދަލުކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކެންޑިޑޭޓެއް ކަމަށެވެ. އަދި ގާސިމްގެ ދުޝްމަނަކު އެއްވެސް ޕާޓީއެއްގައި ނުހުންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމް އާ އެކުގައި އަދި އެ މަނިކުފާނަކީ އެހެން ހުރިހާ މީހުންނާ އެކު ވެސް މަސައްކަތް މިހާތަނަށް ކުރުމުގެ އެންމެ ރަނގަޅު ޓްރެކް ރެކޯޑް އޮތް ބޭފުޅެއް. އެ މަނިކުފާނުގެ ދުޝްމަނެއް ނޫޅޭނެ. އެއްވެސް ސިޔާސީ ޕާޓީއެއްގައި ގާސިމްގެ ދުޝްމަނެއް ނޫޅޭނެ،" އޭނާ ވިދާޅުވި އެވެ.

ޖޭޕީން މިލަންދޫގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ ޖޭޕީ)

ގާސިމަކީ ސިޔާސީ މަސައްކަތްތަކުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސިޔާސީ ބޭފުޅުންނަށް ދެއްވަމުން، މުޖުތަމައުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވި އެވެ. އެގޮތުން، ގާސިމްގެ ފަރާތުން ސިޔާސީ އެހީތެރިކަން ލިބިވަޑައިނުގަންނަވާ އެއްވެސް ސިޔާސީ ވެރިއަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފަ އެވެ. އެ އިންތިހާބުތަކުން ނާކާބިޔާބުވެވަޑައިގެންނެވި ނަމަވެސް، 2008، 2013 އަދި 2018ގައި ވެރިކަމަށް އައި ރައީސުންނަށް އިންތިހާބު ކާމިޔާބުކުރެއްވުނީ ޖޭޕީ ހިމެނޭ ގޮތަށް ހެދި ކޯލިޝަނެއްގެ ތެރެއިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް