މުއިއްޒު މ. މުލަކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި (ފޮޓޯ/ޕީޕީއެމް)

ހައްޖަށް ދިޔުމުގެ އަގު ހެޔޮކޮށް، 1،000 ފަގީރުން ހިލޭ ފޮނުވާނަން: މުއިއްޒު

ޒަކާތް ހައުސްގެ ނަމުގައި، ގާނޫނީ ބާރު ލިބިގެންވާ މުއައްސަސާއެއް އުފައްދަވާނެ ކަމަށް ވެސް މުއިއްޒު މިރޭ ވިދާޅުވި

ހައްޖު ކޯޕަރޭޝަން ވަރުގަދަކުރުމާ އެކު، ހައްޖަށް ދިޔުމުގެ އަގު ހެޔޮކޮށް، އޭނާގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވާނެ ކަމަށް ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިރޭ މ. މުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އޭނާގެ މެނިފެސްޓޯގައި ހިމެނޭ ދީނީ ބައެއް ވައުދުތައް އިއުލާންކުރައްވައިފަ އެވެ.

ތަފްސީލު - މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހައްޖު ކޯޕަރޭޝަން ހިންގަމުންދަނީ ރަނގަޅަކަށް ނޫން ކަމަށެވެ. ހިންގުން ދޯދިޔާވުމުގެ ސަބަބުން ރައްޔިތުންނަށް އެ ކުންފުނީގެ މާ ބޮޑު ފައިދާއެއް ނުކުރާ ކަމަށާއި އޭނާގެ ސަރުކާރެއްގައި ހައްޖު ކޯޕަރޭޝަންގެ ހިންގުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ބަދަލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "ވަރަށް އަގުބޮޑުކޮށް ހައްޖަށް ދާން މި ޖެހެނީ. އެހެންވީމަ، ހައްޖު ކޯޕަރޭޝަނަށް އެބަ ޖެހޭ ބަދަލުތަކެއް ގެންނަން. ކުންފުނި ހިންގާ ގޮތަށް ބަދަލުތަކެއް އަންނަން ޖެހޭ، ކުންފުނި ތަރައްގީ ކުރަން އެބަ ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

"ހައްޖު ފަންޑުން އިންވެސްޓްތަކެއް ކުރަން އެބަޖެހޭ. އިންވެސްޓުކޮށްގެން ނަފާ ހޯދައިގެން، ހައްޖު ކޯޕަރޭޝަން އެބަ ޖެހޭ ވަރުގަދަ ކުރަން."

މ. މުލަކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

އޭނާ ވިދާޅުވީ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

"އޭރުން، ހައްޖަށް ދާ އަގުތައް ކުޑަވެގެން ދާނެ. ނަތީޖާއަކަށް ވެގެން ދާނީ، ފުރަތަމަ އަހަރު ހައްޖަށް ދިޔުމުގެ އަގު ކުޑަވުން،" މުއިއްޒު ވިދާޅުވި އެވެ.

ކުރާނެ އަނެއް ފައިދާއަކީ، އޭނާ ވިދާޅުވި ގޮތުގައި، އަމިއްލައަށް ހަރަދުކޮށްގެން ހައްޖަށް ނުދެވޭ ހާލުގައި ތިބި ފަގީރުން ހައްޖަށް ފޮނުވުމެވެ.

"ބަހާލައިގެން، ފުރަތަމަ އަހަރު 100 މީހުން [އަދި] މުޅި ފަސް އަހަރު ތެރޭ 1،000 ފަގީރުން ހިލޭ އިރާދަކުރެއްވިއްޔާ ހައްޖަށް ގެންގޮސްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މ. މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ. (ފޮޓޯ/ޕީޕީއެމް)
މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ. (ފޮޓޯ/ޕީޕީއެމް)

މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމް ދީނާ ގުޅޭ ގޮތުން ހިމެނޭ ކަންކަމުގެ ތެރޭގައި މިރޭ ދެން އޭނާ އިއުލާން ކުރެއްވީ:

  • ދުނިޔޭގެ އިސްލާމީ އެހެން ގައުމުތަކުގައި ވެެސް އޮންނަ ފަދަ ޒަކާތް ހައުސް އިންސްޓިޓިއުޓެއް ގާނޫނީ ބާރު ލިބިގެންވާ މުއައްސަސާއެއްގެ ގޮތުގައި އުފެއްދުން

  • އެ މުއައްސަސާ އުފެއްދުމުން ޒަކާތް ފަންޑު ވަރުގަދަ ކުރެވި، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށާއި ދީން ހުއްދަ ކުރާ ކަންކަމަށް އެ ފަންޑުން އިންވެސްޓުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި

ފާހަގަކޮށްލެވޭ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި، އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔައިދިނުމުގެ އިހްތިޔާރު ދޭ ގޮތަށް ހިމަނާފައިވާތީ، އެކަމަށް މުއިއްޒު މިރޭ ފާޑު ވިދާޅުވި އެވެ. އޭނާ އެކަން ސިފަކުރެއްވީ "ވަރަށް ސީރިއަސް، ނުރައްކާތެރި" ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެންގެ އައިޑެންޓިޓީ ގެއްލުވާލުމަށް ސިސްޓަމެޓިކް މަސައްކަތްތަކެއް ފެށިގެން ބާރަށް ކުރިއަށް އެ ދަނީ. އެކަމަށް އާނއެކޭތޯ ނުވަތަ ނޫނެކޭ ބުނުން މި އޮތީ، ސެމްޓަމްބަރު ނުވައެއްގައި،" އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ވިދާޅުވި އެވެ.

"އެކަމަށް އާނއެކޭ ބުނެފިއްޔާ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން ތާއަބަދަށް އަޅުގަނޑުމެންނަށް މައާފެއް ނުކުރާނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް