ރައީސްގެ 'އަމާން މުޖުތަމައު' ސިޔާސަތު އާއްމުކުރަން އއ. އުކުޅަހުގައި ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ ރައީސްގެ ކެމްޕޭން ޓީމް)

ޕެރޯލް އާއި ހުކުމްކުރުމުގެ އުސޫލުތައް މުރާޖާކުރުން ހިމަނައި ރައީސްގެ 'އަމާން މުޖުތަމައު' ސިޔާސަތު އާއްމުކޮށްފި

އެ ސިޔާސަތުގައި ޑްރަގް މައްސަލައިން ފެށިގެން ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ޒަމާނީ އުސޫލުތައް ތައާރަފުކުރުން ވެސް ހިމެނޭ
16 އޯގަސްޓު 2023

އއ. އުކުޅަސް- ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއްގައި 'އަމާން މުޖުތަމައުއެއް' ބިނާކުރަން ގެންގުޅުއްވާނެ ސިޔާސަތުތައް މިރޭ އާންމުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި އަތޮޅު އުކުޅަހުގައި ބޭއްވި ޖަލްސާގައި، އެމްޑީޕީން މި އިންތިހާބަށް ހުށަހަޅާ މެނިފެސްޓޯގެ ތިން ވަނަ ބައި ކަމަށްވާ 'އަމާން މުޖުތަމައު' ވަނީ އިފްތިތާހު ކޮށްފަ އެވެ.  އެ ސިޔާސަތު އިފްތިތާހުކޮށްދެއްވީ ރައީސް ސޯލިހެވެ.

ތަފްސީލް- އެމްޑީޕީ މެނިފެސްޓޯގެ ތިން ވަނަ ބައިގައި ރާއްޖެގައި ކުށް މަދުކުރަން ގާނޫނުތައް މުރާޖާކޮށް، އުސޫލުތަކަށް ބަދަލު ގެނައުން ހިމަނާފައިވެ އެވެ. އެގޮތުން، ޕެރޯލް އަދި ހުކުމްކުރުމުގެ އުސޫލުތައް ބަދަލުކުރަން އޭގައި ހިމަނާފައިވާއިރު ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅޭ ގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރަން ވެސް ވަނީ ހިމަނާފަ އެވެ.

'އަމާން ރާއްޖެ' ބަހާލާފައިވަނީ ތިން ބަޔަކަށެވެ. އެއީ:

ކުށުގެ ވެށިން ފަރުވާ

  • ގުޅުން ހުރި އިދާރާތަކާ އެކު އިންޓަ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރަން ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލުން. އެ ޕާޓީން ގަބޫލުކުރާ ގޮތުގައި އެ ކައުންސިލްގެ ސަބަބުން ކުށުގެ ވެށިން ދުރުކުރުމަށާއި، ކުށުގެ ވެއްޓަށް ފާރަވެރިވާން ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް ވަށައި ޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރެވޭނެ

  • އިބަމަ އާއި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަދަ އިންތިޒާމުތައް ގުޅުވާލައި، އިޖްތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލު ހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުން

  • ކުށް މަދުކުރަން، ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލައަށް އިދާރާތައް ގުޅިގެން އާއިލީ ވިސްނުމަކުން ވިސްނާ، ކޭސްވޯކް ކުރެވޭނެ ގޮތަށް ޑިޖިޓަލް ނިޒާމެއް ގާއިމްކުރުން

  • ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅޭ ގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރުން

  • ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުން

ކުށުގެ ވެއްޓަށް ފާރަވެރިވުން

  • ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމައަށް ގާއިމުކުރުން

  • ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ފުލުހުންގެ ހިދުމަތުގައި ގާއިމުކުރުން

  • އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަވައިލަންސް ނިޒާމު ގާއިމުކުރުން

  • ޑްރަގް ޓްރެފިކިން އަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަވެއިލަންސް އާލާތްތައް ތައާރަފްކުރުން

  • ގޭންގުތައް ހަރަކާތްތެރިވާ ގޮތް ދެނެގަނެ، ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރުން

  • ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެނައުން

ކުށަށް ޒިންމާ ނެގުމާ އެކު ފަރުވާ

  • ކުށަށް ޒިންމާވާން ޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރުން

  • ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރުން

އެނގުން މުހިއްމު - އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ މެނިފެސްޓޯގައި ޖުމްލަ ފަސް ބައެއް ހިމެނެ އެވެ. މި މެނިފެސްޓޯގެ ފުރަތަމަ ބައި ކަމަށްވާ 'އުފާވެރި ދިރިއުޅުން' އާންމުކުރީ މި މަހުގެ 7ގައި ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގަ އެވެ. ދެވަނަ ބައި އާއްމުކުރީ މިދިޔަ އާދީއްތަ ދުވަހު ނ. ވެލިދޫގައި ބޭއްވި ޖަލްސާގަ އެވެ.

ބާކީ އޮތް ދެ ސިޔާސަތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް