ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރާއި ކުޅުދުއްފުށީ މޭޔަރު އަދި ކައުންސިލްގެ މެންބަރުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ރައީސް ސޯލިހާ އެކު (ފޮޓޯ/އެމްޑީޕީ)
މެމްބަރު ޔާސިރާއި ކުޅުދުއްފުށީ ކައުންސިލް ނަޝީދު ދޫކޮށް އަލުން އެމްޑީޕީއާ ގުޅިއްޖެ
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ދަ ޑިމޮކްރެޓްސް ޕާޓީ ދޫކުރައްވައި އަލުން މިރޭ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ފާހަގަކޮށްލެވޭ - މެންބަރު ޔާސިރާ އެކު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފާއި އެ ކައުންސިލްގެ މެޖޯރިޓީ މެންބަރުން ވެސް ވަނީ އަލުން މިރޭ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ޖެނުއަރީގައި އެމްޑީޕީ ދޫކޮށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރެއްވި، ޔާސިރާއި އެ ސިޓީގެ މޭޔަރާއި ކައުންސިލްގެ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރެއްވީ މިރޭ ރައީސް ސޯލިހުގެ ހާޒިރުގަ އެވެ.
ސޮއިކުރުމަށް ފަހު، އެބޭފުޅުން ވަނީ ކުޅުދުއްފުށީގެ ކަންކަމާ މެދު ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު މަޝްވަރާކުރައްވައިފަ އެވެ.
މެންބަރު ޔާސިރާއި ކުޅުއްދުއްފުށީ މޭޔަރު އަދި ކައުންސިލްގެ ގިނަ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރެއްވި ސަބަބު ސާފެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެބޭފުޅުންގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
އެނގުން މުހިންމު - މެންބަރު ޔާސިރު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު އެވެ. ހާއްސަ ގޮތެއްގައި އޭނާގެ ބޮޑު މައްސަލައަކަށް ވެފައި އޮތީ މި ފަސް އަހަރުގެ ތެރޭ ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގޮސްފައިނުވުމެވެ.