ހ. ޝީރީން ވިލާގައި އަންހެނަކު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް.

ޝިއާއުގެ މަރު

ޝިއާއު މަރާލުމުގެ ދައުވާ އުފުލާފައިވާ ޝާހިލްގެ ވަކީލު މައްސަލައިން ތަނާޒުލްވެއްޖެ

މި ހަފްތާގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވޭ

ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮތް ކޮޓަރިން، އެ ހާދިސާ ހިނގި ވަގުތު ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އަލީ ޝާހިލްއަށް ދައުލަތުން ހަމަޖައްސައިދީފައިވާ ދިފާއީ ވަކީލު އެ މައްސަލައިން ތަނާޒުލް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހ. ޝީރީންވިލާ ގޭގެ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައި ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ 6 އޮގަސްޓްގަ އެވެ. ހަމަ އެ ރޭ، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގައި ދިރިއެޅުމުން ދިޔަ ޝާހިލް، 23، ކުށުގެ ވެށިން ހައްޔަރުކުރި އެވެ. 

ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލައިގައި ޝާހިލް، ފ. ނިލަންދޫ/ފިނިފެންމާގޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ ދައުވާތަކަކީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން

  • އޮރިޔާން ކާޑު ގެންގުޅުން

  • ކެނެބިސް ބޭނުންކުރުން

  • ސިއްރުކޮށްފައިވާ ދެ ދައުވާއެއް

ތަހުގީގު މަރުހަލާގައި ގިނަ ދުވަސްތަކެއް ހޭދަވި މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޖެނުއަރީގަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ތަފްސީލް -  ކްރިމިނަލް ކޯޓުން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، ޝާހިލަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލު މައްސަލައިން ތަނާޒުލްވެފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ.

އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ:

  • އެހެން ވަކީލަކު ހަމަޖައްސައިދިނުމަށް ފަސް ވަރަކަށް ދުވަސް ނަގާނެކަން، ދައުލަތުން އެކި ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ބަލަހައްޓާ އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން އަންގާފައިވޭ

  • މި ހަފްތާގެ ތެރޭގައި ވަކީލަކު ހަމަޖެހޭނެ ކަމަށް އޭޖީން ބުނޭ

ޝާހިލުގެ ފަރާތުން މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ބުނާތީ، ވަކީލު ހަމަޖެހުމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކި ރައްކާތެރިކުރުުގެ އަމުރާ ގުޅޭ ގޮތުން ގޮތެއް ނިންމުން ކަމަށް މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެެވެ.

ފަސް މަންޒަރު - ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހެދި ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ މިދިޔަ އަހަރުގެ 17 އޮގަސްޓުގައި ފުލުހުންނަށް ލިބިފައިވެ އެވެ. ޝިއާއު މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޮޓޮޕްސީ ރިޕޯޓުން ކަށަވަރުވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

މިދިޔަ ފެބްރުއަރީގައި ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ޕީޖީ ހުސެއިން ޝާމީމް ވިދާޅުވެފައިވަނީ، ޝާހިލުގެ މައްޗަށް ކުރާ އެއްވެސް ދައުވާއަކަށް އޭނާ މިހާތަނަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރުގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވެސް ބުނެފައިވަނީ، ޝާހިލުގެ ފަރާތުން ފުލުހުން ބޭނުންވާ މުހިންމު މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ކަމަށާއި އެ ވާހަކަތައް ދައްކަން ވެސް އޭނާ ބޭނުން ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެންމެ ފުރަތަމަ ފޯނުގެ ޕާސްވޯޑް ދިނުމަށް ވެސް އޭނާ އިންކާރުކުރި ކަމަށާއި، ތަހުގީގަށް ކިރިޔާ ވެސް އެއްބާރުލުމެއް ދޭން ފެށީ ހަފްތާއެއް ފަހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ޝާހިލް ކުށަށް އިއުތިރާފު ނުވި ނަމަވެސް އަދި ބައެއް މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރެވޭ ވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ކޮމެންޓް (1)

އޯކޭ

15 އޯގަސްޓު 2023
ސަރުކާރުން އެބަޖެހޭ މިމަސައްލަތަކުގެ އަޕްޑޭޓްސް ރައްޔިތުންނަށްދީ ކޮޅެއްގަ ޖައްސަން. މިހެން މިކަންތައް ވާނުވާ ކޮށްލީމަ އާއިލާއަށް އެއްވެސް ކަހަލަ ހިތްހަމަ ޖެހުމެއްވެސް ނުލިބޭނެދޯ!
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް