ފާރިސް 'ދައުރު'ގެ ރިޔާސީ ވާހަކަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފާރިސް މައުމޫން

ޖީއެސްޓީ %3އަށް ކުޑަކުރުމުގެ ވައުދާ އެކު ފާރިސްގެ މެނިފެސްޓޯ އާންމުކޮށްފި

ފާރިސްގެ މެނިފެސްޓޯގައި 14 ދާއިރާއެއްގެ ކަންކަން ހަރުދަނާ ކުރަން ހުށަހަޅާފައިވޭ
14 އޯގަސްޓު 2023

އާންމުންގެ އަތުން ނަގާ ޖީއެސްޓީ %3އަށް ކުޑަކޮށް، މަޖިލިސް މެމްބަރުންގެ މުސާރަ އަމިއްލައަށް ކަނޑައެޅޭ ގޮތަށް އޮތް އޮތުން އިސްލާހު ކުރުމުގެ ވައުދާ އެކު، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންގެ މެނިފެސްޓޯ ރޭ އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި މެނިފެސްޓޯ ލޯންޗުކޮށްދެއްވީ ފާރިސް އާއި އޭނާގެ ރަނިން މޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.

އެނގުން މުހިއްމު - ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ހަރަދުތައް ފޫބައްދަން ކަމަށް ބުނެ، މިދިޔަ ޖެނުއަރީން ފެށިގެން މި ސަރުކާރުން ވަނީ އާންމު ޖީއެސްޓީ %6 އިން %8އަށް ބޮޑު ކޮށްފަ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ ވެސް %12 އިން %16އަށް ބޮޑުކޮށްފައިވެ އެވެ.

ތަފްސީލް - ފާރިސްގެ މެނިފެސްޓޯގައި، އާންމު ޖީއެސްޓީ ކުޑަކުރުމާއި މަޖިލިސް އިސްލާހު ކުރުމަށް ވެފައިވާ ވައުދުގެ އިތުރުން، ސަރުކާރުގެ މެނިފެސްޓޯ އާއި ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކަކީ ގައުމީ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލައި އެއްޗެއްގެ ގޮތުގައި ދެމެހެއްޓުމަށް ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސް ކުރާ ގޮތަށް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން، ތައުލީމީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކޮށް، ޒަމާނީ ބަދަލުތަކެއް ހުށަހަޅައި އިގްތިސޯދު ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ޖުމްލަ 14 ދާއިރާއެއް ހަރުދަނާ ކުރުމުގެ ގޮތުން ހުށަހަޅާ ކަންތައްތައް ފާރިސްގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އިސްލާމްދީނުގެ ރިވެތި އުސޫލުތައް ދެމެހެއްޓުން:

  • ފަތުވާ މަޖިލިސް ބާރުވެރިކުރުން

  • ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް، ރެގިއުލޭޓް ކުރުން

  • ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުން

ބައިނަލްއަގުވާމީ އުސޫލުތަކާއި އެއްގޮތަށް ހެޔޮ ވެރިކަން ކުރުން:

  • ފަންނީ، ގާބިލު މީހުން އައްޔަން ކުރުން

  • އެންމެންގެ ބައިވެރިވުމާ އެކު، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ވެރިކަން ކުރުން

  • ރާއްޖެ ސިޔާސަތު ކަނޑަައަޅައި ތަންފީޒު ކުރުން

  • ބޭކާރު ހަރަދު ކުޑަކުރުން

  • އާސަންދަ އާއި އެންސްޕާގެ ދަށުން އެހީ ދޭ އުސޫލު ދެފުށް ފެންނަ ގޮތަށް އެކުލަވާލައި އާންމުކުރުން

އިސްލާހީ ބަދަލުތަކުގެ ސަބަބުން ގެންނަ އިގްތިސޯދީ އިންގިލާބު:

  • ސަރުކާރުގެ މެނިފެސްޓޯ އާއި ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކަކީ ގައުމީ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ އެއްޗެއްގެ ގޮތުގައި ދެމެހެއްޓުމަށް ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސް ކުރުން

ޑިޖިޓަލް އިކޮނޮމީ:

  • އެމްއެމްއޭ މެދުވެރިކޮށް ޑިޖިޓަލް ބޭންކިން އަށާއި ޑިޖިޓަލް ވޮލެޓަށް ހާއްސަ ލައިސަންސެއް ދޫކުރުމުގެ އިންތިޒާމު ގާއިމްކުރުން

  • ރާއްޖެ ޑިޖިޓަލް މާލީ ހަބަކަށް ހެދުން

  • ޑިޖިޓަލް އެސެޓް އެކްސްޗޭންޖްތަކެއް ރާއްޖޭގެ އިގްތިސޯދުގައި ހުޅުވާލުން

  • ޑިޖިޓަލް ކްރިއޭޓިވް ސިނާއަތެއް އުފެއްދުން

އާންމު ދިރިއުޅުމުގެ ހަރަދުތަކަށް ހައްލު ހޯދުން:

  • ފެނާއި ކަރަންޓާއި ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުން

  • ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރު ދެނެގަނެ، އަގުތައް ހިފެހެއްޓުމަށް އަތްފޯރާ ފަށުގައި ލިބޭ ގޯތިގެދޮރުގެ އަދަދު އިތުރުކުރުން

އުފެއްދުންތެރިކަން އިތުރުކޮށް ވަރުގަދަ ކުރުން:

  • ސްޓާޓް-އަޕް މޯލްޑިވްސް ބްރޭންޑެއް އުފެއްދުން

  • ދިވެހި ބްރޭންޑުތައް އުފައްދައި އެ ބްރޭންޑުތައް ފުޅާކުރުމަށް އެހީވެދިނުން

  • ޒަމާނަށް ފެތޭ ވިޔަފާރިތައް ތައާރަފުކޮށް، ކުރިއަށް ގެންދިޔުން

ކުށްކުރާ މީހުން އިސްލާހުކޮށް، އަނބުރާ ގެނައުން:

  • މަސްތުވާތަކެތީގެ ރީހެބް، ނަފްސާނީ ސިއްހީ ފަރުވާ އަދި ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ފަހު އަނބުރާ މުޖުތަމައުއަށް ނުކުންނަ މީހުން ރަނގަޅު ވުމަށް އެހީތެރިވެ ދޭ ދިރިއުޅުމުގެ މާހައުލެއް ގާއިމްކުރުމަށް ހާފްވޭ ހައުސްތައް އެޅުން

  • އަންހެނުންނަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރުތައް އެޅުން

ޖަލަކީ އެންމެ ފަހު ފިޔަވަޅަކަށް ހެދުން:

  • ކޮމިއުނިޓީ ސާވިސް އަދި ކޮންމެހެން ހިންގަން ޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަދަ ނޮން-ކަސްޓޯޑިއަލް ފިޔަވަޅުތައް ހަރުދަނާ ކުރުން

ރިސޯޓުތަކާއި ގެސްޓްހައުސްތައް ވަކި ގިންތިއެއްގެ ގޮތުގައި ތަފާތުކޮށް ކަނޑައެޅުން:

  • ގެސްޓްހައުސްތަކުން ނަގާ ޓެކްސް ފައިސާ ކުޑަކުރުން

އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަ ކުރުން:

  • ރާއްޖޭގެ ޓެކްސް ނިޒާމު މުރާޖައާކޮށް، ޖީއެސްޓީ %3އަށް ތިރިކުރުން

  • އެތެރެކުރާ ބާވަތްތަކުން ނަގާ ޑިއުޓީ އުނިކުރުން

ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެ ގޮތް ފުޅާ ކުރުން:

  • ޔުޓިލިޓީ ކުންފުނިތައް ރަށު ކައުންސިލުގެ ދަށަށް ގެންދިއުން

ތައުލީމީ ނިޒާމު އިސްލާހު ކުރުން:

  • ސްކޫލްތަކުގައި ކިޔަވާ ކުދިންގެ އަދަބު އަހުލާގު ރަނގަޅު ކުރުމަށް އިތުރު މަސައްކަތް ކުރުން

  • ސްކޫލްތަކަކީ މިނިވަންކަމާ އެކު އަމިއްލަ ބާރާއި އިހްތިޔާރާ އެކު ހިންގޭ ތަނަކަށް ހެދުމަށް މަސަައްކަތް ކުރުން

  • ވާޗުއަލް ނެޝަނަލް ލައިބްރަރީއެއް ހުރިހާ ކިޔަވާ ދަރިވަރުންނަށް ބޭނުން ކުރެވޭ ގޮތަށް ތައާރަފު ކުރުން

  • ތައުލީމުގެ ގައުމީ މަންހަޖު މުރާޖާކޮށް ޒަމާނީ ކުރުން

  • ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ފަރުވާގެ ހިދުމަތް ކިޔަވާ ދަރިވަރުންނަށް ލިބޭ ގޮތަށް ހަމަޖައްސައިދިނުން

  • އުނގެނުމުގައި ހާއްސަ އެހީ ބޭނުންވާ ކުދިންގެ ތެރެއިން މެއިންސްޓްރީމް ކުރެވޭ ވަރު ނުވާ ކުދިންނަށް އުނގަންނައިދިނުމަށް ބޭނުންވާ ކްލާސްތަކެއް އުފެއްދުން

  • މަސްތުވާތަކެތި ބޭނުންކުރުމުގެ ނުރައްކާތެރިކަމާ މެދު ސްކޫލްތަކުގެ ތެރެއިން ދަރިވަރުން ހޭލުންތެރި ކުރުވުން

ރައްޔިތުންގެ މަޖިލިސް އިސްލާހު ކުރުން:

  • މަޖިލިސް މެމްބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުކުރެވޭ ނަމަ، އެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހަޅައި އޭނާ މަގާމުން ދުރުކުރެވޭނެ އިންތިޒާމު ގާއިމްކުރުން

  • މަޖިލީހުގެ މެމްބަރުންގެ މުސާރައަކީ މަޖިލީހުގެ މެމްބަރުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތަކަށް އެކަން އިސްލާހު ކުރުން

  • މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކޯޓާއެއް ތައާރަފުކުރުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑު އުފުލޭނެ މަގު ފަހިކުރުމަށް ކޯޓާއެއް ތައާރަފުކުރުން

  • މެމްބަރުންގެ ހުންނަން ޖެހޭ ޝަރުތުތައް މުރާޖައާކޮށް ހުންނަން ޖެހޭ ތައުލީމީ ފެންވަރު މަތިކުރުން

  • މަޖިލީހުގެ މެމްބަރުންގެ އަދަދު ރާއްޖޭގެ އާބާދީއާ އެކަށީގެންވާ މިންވަރަކަށް މަދުކުރުން

މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލު ކުރުން:

  • މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުން

  • މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވޭ އުޅަނދުތަކަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަކަށް ހެދުން

  • އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު އެކެއްގެ ނަމުގައި ރަޖިސްޓަރީ ކުރާ ނަމަ، އަހަރީ ފީ ބޮޑުކުރުން

  • މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރާ 'ޔޫޒްޑް' ވެހިކަލްތަކުން ނެގޭ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން

  • މާލެ ސަރަހައްދުގައި ބޭނުންކުރާ އުޅަނދުތައް މަދުކުރުމަށް ދިގު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އެކަން ތަންފީޒު ކުރުން

މިންތީގެ ހަމަހަމަކަން:

  • އަންހެނުންނަށް ޖެންޑާ މެއިންސްޓްރީމް ޕޮލިސީއެއް ގާއިމްކޮށް ތަންފީޒު ކުރުން

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް ގާތުން ހިދުމަތް ލިބޭނެ ގޮތްތައް ހެދުމަށް މާސްޓާ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރުން

  • ނުރަސްމީ ދާއިރާއިން މަސައްކަތްކުރާ އަންހެނުންނަށް ވަށާ ޖެހޭ ހަރުދަނާ ނިޒާމެއް ގާއިމްކުރުން

  • އަންހެނުންގެ ސިޔާސީ ކުރިމަގަށް ފުރުސަތު ލިބިދޭނެ ގޮތްތަކާއި އުކުޅުތައް ފާހަގަކޮށް، އެކަންކަން ތަންފީޒު ކުރުން

  • އަލަށް ތަންފީޒު ކުރާ ކަންކަމުގެ ތެރެއިން 'ޓެމްޕަރަރީ ސްޕެޝަލް މެޝާޒް' ތައާރަފުކޮށް، އެ ކަމަށް ބޭނުންވާ ރޭވުންތައް އެކުލަވާލައި ތަންފީޒުކުރުން؛ އޭގެ ދަށުން ސިޔާސީ މަގާމުތަކާއި ގާނޫނު ހެދުމުގެ ނިޒާމުގެ ތެރެއިން އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ ތެރެއިން ކޯޓާތަކެއް ކަނޑައެޅުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް