މާފަރު އެއާޕޯޓު (ފޮޓޯ/މޯލްޑިވިއަން)

މާފަރު އެއާޕޯޓް

ޔޫއޭއީގެ ޝާހީ އާއިލާއިން މާފަރު އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު އިގްތިސާދީ ބޮޑު ހަބަކަށް ވާނެ: ރައީސް

ޓޫރިޒަމް އިތުރަށް ފުޅާކުރަން އެ އެއާޕޯޓު ތަރައްގީކުރާ ކުންފުނިން ބޭނުންވާތީ އެ ކަމަށް ބޭނުންވާ ބައެއް ރަށްތައް އެ ކުންފުންޏަށް ދީފައިވާ ކަމަށް ރައީސް ވިދާޅުވި

ނ. މާފަރު - ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ ޔޫއޭއީގެ ޝާހީ އާއިލާއާ ގުޅިފައިވާ ބައެއް ކަމަށާއި އެ މަސައްކަތް ނިމޭއިރު މި ރަށް އިގްތިސޯދީ މަރުކަޒަކަށްވެ، ޔޫއޭއީގެ ޝާހީ އާއިލާ ހަބަކަށް މި ސަރަހައްދު ބަދަލުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި އޮންނަ އެންމެ ބާރު ބޮޑު އެއް އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި، މިދިޔަ ސަރުކާރުން މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓެވެ. ރައީސް ސޯލިހު މިއަދު ވިދާޅުވީ، ޔޫއޭއީގެ ޝާހީ އާއިލާއާ ގުޅުން އޮންނަ ކުންފުންޏަކުން އެއާޕޯޓާ ގުޅުން ހުރި މަސައްކަތްތައް ކުރާއިރު، އެއާޕޯޓު ބޮޑުކޮށް، މި ސަރަހައްދުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރަން ނިންމައި ހުށަހަޅާފައިވާ ކަމަށެވެ.

ތަފްސީލް – އެ ކުންފުނީގެ ފަރާތުން ރައީސާ ބައްދަލުކޮށް، އެއާޕޯޓު ބޮޑުކުރަން ހުށަހެޅި ހުށަހެޅުންތަކާ އެކު، އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ އެއާޕޯޓު ވެގެންދާނީ އެ ވިދާޅުވާހެން ރާއްޖޭގައި އޮތް އެންމެ ދިގު ރަންވޭއަށް. އެ މީހުންގެ ތަސައްވަރެއް އެބައޮތް. އެ ހުރިހާ އެއްޗެއް އަޅުގަނޑުމެންނާ ހިއްސާކުރި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ ތަރައްގީއާ ގުޅޭ އިތުރު މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެ މަޝްވަރާތަކުގެ ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ:

  • ސީދާ ޔޫރަޕުން ރާއްޖެއަށް ފްލައިޓު އަންނާނެ

  • ޓޫރިޒަމް އިތުރަށް ފުޅާކުރާނެ؛ އެ ކަމަށް ބޭނުންވާ ބައެއް ރަށްތައް އެ ކުންފުންޏަށް މިހާރު ވަނީ ދީފައި

  • އެއާލައިނެއްގެ ވާހަކަ ވެސް ޔޫއޭއީގެ ފަރާތްތަކާ އެކު ވަނީ ދެކެވިފައި

"ޔޫއޭއީގެ އަބޫދާބީގެ ރޯޔަލް ފެމިލީއާ ގުޅިފައި އޮތް މަސައްކަތެއް އެއީ. ފުރިހަމަ ޔަގީންކަން އެބައޮތް އެކަން އެ ބޭފުޅުން ކުރައްވާނެކަން" ރައީސް ވިދާޅުވި އެވެ.

"ކަންވެ ނިމިގެންދާއިރު މި ތަން ވެގެންދާނެ، އެ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އެ ބޭފުޅުންގެ ހަބެއްގެ ގޮތަށް."

މީގެ އިތުރުން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ސީޕްލޭން ހިދުމަތް މާފަރުން އަތޮޅުގެ އެހެން ރަށްރަށަށް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް:

  • މިހާރު އޮންނަނީ 2،200 މީޓަރުގެ ރަންވޭއެއް

  • އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ ބޯޓްތައް މިހާރު ޖެއްސޭ

  • އެ އެއާޕޯޓް ތަރައްގީކުރީ އަބޫދާބީ ފަންޑުގެ ލޯނެއްގެ ދަށުން

  • އެ އެއާޕޯޓަށް ސީދާ ރާއްޖެއިން ބޭރުން ބޯޓްތައް ޖައްސާ

  • ބޭރުގެ ޖެޓްތައް ގިނަ އަދަދަކަށް ހިދުމަތް ހޯދާ އެއާޕޯޓެއް

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމޭއިރު:

  • ރަންވޭއަށް އިތުރު 650 މީޓަރު އިތުރުކޮށް، ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކައި ތޮށިލުން؛ އޭރުން ބޯއިން 777ގެ ބޯޓްތަކަށް ޖެއްސޭނެ

  • ޓެކްސީވޭ ފުޅާކުރުން

  • އޭޖީއެލް އަޕްގްރޭޑް ކުރުން

  • ޕަވަ ސިސްޓަމް އަޕްގްރޭޑް ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް