އަހުމަދިއްޔާ ސްކޫލުގެ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި އެ ސްކޫލުގެ ދެ ދަރިވަރަކު ވާހަކަ ދައްކަނީ. (ފައިލް ފޮޓޯ/އަހުމަދިއްޔާ)

ހުޅުމާލޭގައި އުޅޭ އަހުމަދިއްޔާގެ ދަރިވަރުންނަށް ހާއްސަ ބަހެއް

އަންނަ މަހުގެ ތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް އެ ސްކޫލުން ބުނޭ

ހުޅުމާލޭގައި ދިރިއުޅޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، ބަސް ދަތުރުގެ ހިދުމަތް ފަށަން އެ ސްކޫލުން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި އަހުމަދިއްޔާގެ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅޭއިރު، ކޮންމެ ދުވަހަކު އެ ކުދިން މާލެއަށް ދަތުރުކުރަން ޖެހުމަކީ ބެލެނިވެރިންނާއި ދަރިވަރުން ވެސް އުފުލަން ޖެހޭ ބޮޑު ތަކުލީފެއް ކަމަށް، ޕްރިންސިޕަލް މުހައްމަދު ރަޝީދު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް 3،000 ދަރިވަރުން އެ ސްކޫލުގައި ކިޔަވާއިރު، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް އެ ތަނުގައި ކިޔަވައިދެ އެވެ. އެ ހުރިހާ ދަރިވަރުން އެއް އިމާރާތެއްގައި ކިޔަވާއިރު ޖާގައިގެ ދަތިކަން ވެސް ބޮޑެވެ.

ތަފްސީލު - ރަޝީދު މިއަދު ވިދާޅުވީ ދަރިވަރުން ސްކޫލަށް އައިސް ގޮސް ހެދުމަށް، ބަހުގެ ހިދުމަތް ފެށުމަށް މިހާރު ބަޔަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެންމެ ލަސް ވެގެން އަންްނަ މަހުގެ ތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެއް،" ޕްރިންްސިޕަލް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އަހުމަދިއްޔާގެ އާ އިމާރާތެއް ހުޅުމާލޭގައި އަޅަން ނިންމައި އެ ތަނުން ބިމެއް މިހާރު ވަނީ ދޫކޮށްފަ އެވެ. އެއީ 43،000 އަކަފޫޓުގެ ބިމެކެވެ.

'ދައުރަ'ށް ކުރިން ދެއްވި އިންޓަވިއުއެއްގައި ރަޝީދު ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ އިމާރާތުގައި ހިންގާނީ އަހުމަދިއްޔާގެ ދެވަނަ ގޮފީގެ ގޮތުގައި ކަމަށެވެ. އެ ތަނުގައި ވެސް ކިޔަވައިދޭނީ، މިހާރު މާލޭގައި ވެސް ހިންގާ ގޮތަށް ޕްރީ ސްކޫލުން ފެށިގެން ހަޔާ ސެކަންޑަރީއާ ހަމައަށެވެ. ކިޔަވައިދޭނީ އެއް މެނޭޖްމެންޓެއްގެ ދަށުންނެވެ.

އެކަމަކު، ރަޝީދު ފާހަގަކުރެއްވި ގޮތުގައި، އާ ސްކޫލު ވާނީ ހުރިހާ ގޮތަކުން ވެސް ވަސީލަތްތައް ފުރިހަމަ، ރީތި އަދި ތަނަވަސް އިމާރާތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް