ރޭ އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ. (ފޮޓޯ/ޖޭޕީ)

ޖުމްހޫރީ ޕާޓީ

އަބަދު ލެނގިގެން ތިބޭ ބަޔަކަށް ދިވެހިން ވެގެން ނުވާނެ: ގާސިމް

ކިތަންމެ ލޯބިވިޔަސް އިންޑިއާއަށް ވެސް އަބަދު ރާއްޖެއަށް އެހީ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި

ދިވެހިންނަކީ އަބަދު މީހުން ގައިގާ ލެނގިގެން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، ކިތަންމެ ލޯބިވިޔަސް އިންޑިއާއަށް ވެސް ރާއްޖެއަށް އަބަދު އެހީތެރިއެއް ނުވެވޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - ގާސިމް އެހެން ވިދާޅުވީ، އޭނާގެ އުފަން ރަށް، އދ. މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި، މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައި އެ ފުރުސަތު ލިބިވަޑައިނުގަތުމުން އެ ޕާޓީން އިސްތިއުފާ ދެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސެއިން މަނިކު ޖޭޕީއަށް ސޮއިކުރެއްވި އެވެ.

ތަފްސީލް - ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުގެ ބަދަލުގައި ކަނޑުގެ ސިފައިންގެ ފައުގެއް ގާއިމުކުރާނެ ކަމަށާއި، ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އެހެން ބަޔަކަށް ޖައްސައިގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރޭ އދ. މާމިގިލީގައި ބޭއްވި ޖަލްސާގެ ތެރެއިން. (ފޮޓޯ/ޖޭޕީ)

ގާސިމް ވިދާޅުވީ:

  • އިންޑިއާއިން ރާއްޖެއަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދޭ

  • އިންޑިއާ އަކީ ވެސް ބޯފެން ފޮދެއް ނުލިބި ތިބި އެތައް މިލިއަން ރައްޔިތުންނެއް ނިކަމެތި ހާލުގައި ދިރިއުޅޭ ތަނެއް

  • އެ ހާލުގައި ތިބި ބަޔަކު ރާއްޖެއަށް އަބަދާއި އަބަދު، "ފޫވެއްޓިފައި އޮންނަ ފަޔަކަށް ފެން ފުރާހެން" އެހީ ވެވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ

"ކިތަންމެ ލޯބިވިޔަސް، އަޅުގަނޑުމެންނާއި އެ ބޭފުޅުން ކިތަންމެ ގާތް ގުޅުމެއް ބާއްވަން ބޭނުންވިޔަސް ތާ އަބަދަކު އެ ގޮތަކަށް އަޅައެއް ނުލެވޭނެ ދެއްތޯ. ދެން ހެވޭ ބުނާ ހިސާބު އަންނާނެ ދެއްތޯ. އެކަން ގަބޫލު ކުރަން އެބަ ޖެހޭ. ތާ އަބަދު އަޅުގަނޑުމެންނަށް އެ ގޮތަކަށް އެހީއެއް ނުވެދެވޭނެ،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭނެ. ތާ އަބަދު މީހުން ގައިގާ ލެނގިގެނެއް ނުހުރެވޭނެ. އެއީކީ ގޮތެއް ނޫން."

ރޭ އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ. (ފޮޓޯ/ޖޭޕީ)

'މި އުޅެނީ ދިވެހިން ތަނަވަސް ބަޔަަކަށް ހަދައިދޭން'

މީގެ ކުރީ ސަރުކާރުތައް ގެނައުމަށް ޖޭޕީން ކޯލިޝަން ހަދައިގެން ކޮށްދިން މަސައްކަތްތައް ފާހަގަކޮށް އެ މަސައްކަތުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ އަދި ޕީޕީއެމް އިން ވެސް ކޮންމެ ފަހަރަކު ބޮޑެތި ވައުދުތަކެއް ވުމަށް ފަހު ވެރިކަމަށް އައިސް ގައުމު ދަރުވާލަނީ ކަމަށެވެ. އަދި އެ ދެ ޕާޓީން ވެސް ވެރިކަމަށް އަންނަނީ "ބަގުޑި ބެއްދުމަށްޓަކާ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި އުޅެނީ ހަމަ ގައިމު ވެސް އެހެންނެއް ނޫން. މާތްﷲ ދެއްވި ތަނަވަސްކަމާ އެކު އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ދިރިއުޅެވޭ ފެންވަރު އެބަހުރި އިރާދަކުރެއްވިއްޔާ. އަޅުގަނޑު ދައުލަތުން އެއްޗެހިތަކެއް ބޭނުންވެގެންނެއް ނޫން މި އުޅެނީ. އަޅުގަނޑު މި އުޅެނީ މި ދިވެހިރާއްޖޭގެ ލޮބުވެތި ކޮންމެ ރައްޔިތަކު ވެސް އަޅުގަނޑެކޭ އެއްފަދައިން ތަނަވަސް މީހަކަށް ހަދައިދިނުމުގެ މަގުސަދުގައި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އޭނާ ރިޔާސީ ރޭހަށް ނުކުންނަވަނީ ގައުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމުގެ ރޫހު އަބަދުވެސް އޮންނާތީ ކަމަށެވެ. އެކަމަކު، ދައުލަތުން އެއްޗެހިތަކެއް ހޯދުމުގެ މަގުސަދާއި އެއްވެސް އެޖެންޑާއެއް ވެސް އޭނާގެ ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް