ރައީސް ސޯލިހް ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއާ އެކު ނ. ކުޑަފަރީގައި. (ފޮޓޯ/އެމްޑީޕީ)

ކޯލިޝަން ޕާޓީތަކުގެ އަމިއްލަ އެދުމެއް ނެތް؛ ސިޔާމް ވެސް ހުރީ ފުދިގެން: ރައީސް

ރައީސް ވިދާޅުވީ އެމަނިކުފާނާއެކު އޮތް ޓީމަކީ ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އިނގޭނެ ލީޑަޝިޕް ކަމަށް

ނ. ކުޑަފަރީ – ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދި އެއްވެސް ޕާޓީއެއްގެ އަމިއްލަ އެދުމެއް ނެތް ކަމަށާއި، ޓޫރިޒަމް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވެސް ހުންނެވީ "ފުދިގެން" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. ކުޑަފަރީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނާ އެކު އޮތީ ސިޔާސީ ތަޖުރިބާ ބޮޑު ޓީމެއް ކަމަށެވެ.

ތަފްސީލް - ކުޑަފަރީ ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ، މި ރަށަށް ނިސްބަތްވެވަޑައިގަންނަވާ ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކޯލިޝަން ބައިވެރިޔާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަށް ތައުރީފު ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ސިޔާމްގެ "އަމިއްލަ އެދުމެއް ނެތް" ކަމަށާއި "ފަޅެއް، ރަށެއް" އޭނާ ބޭނުން ނުވާ ކަމަށެވެ.

"ފުދިފައި ހުންނެވީ،" ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމެއް އޮވެގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ

"މި ކޯލިޝަނަކު ނެތް ފަޅެއްގެ ބޭނުމުގައި، ރަށެއްގެ ބޭނުމުގައި، ނޫނީ ސަރުކާރަށް ދައްކަން އޮތް ފައިސާ މައާފުކުރަން އެދޭނެ އެކަކު ވެސް."

ރައީސާ އެކު ކޯލިޝަން ހަދައި މަސައްކަތަށް ނުކުތް ޓީމަށް ތައުރީފު ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މިއީ މިނެކިރާލަން ރަނގަޅު ފުރުސަތެއް ކަމަށާއި، އެ މަނިކުފާނާ އެކު އޮތް ޓީމަކީ ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ލީޑަޝިޕް ކަމަށެވެ.

އެ މަނިކުފާނާއި ކޯލިޝަން ޕާޓްނަރުންގެ އޮތީ އެންމެ މަގުސަދެއް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުޑަފަރީއަށް ވެސް ވައުދުތަކެއް

އިންތިހާބުގެ ކެމްޕޭނުގައި ރަށްރަށަށް ވަޑައިގެން އެ ރަށްރަށަށް ކޮށްދެއްވާނެ ކަންތައްތައް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، ކުޑަފަރީއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ:

  • ރޯހައުސް އަޅައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުން

  • އަމިއްލަ ގޯތި އަޅަން ބޭނުން ފަރާތްތަކަަށް %10 އިކުއިޓީއާ އެކު %6 އިންޓްރެސްޓުގައި ލޯނު

  • ސްކޫލަށް ސައިންސް ލެބެއް

  • ތިމާވެއްޓާ ރައްޓެހި ގޮތަށް މަގު ހެދުން

  • އޭޓީއެމް ހިދުމަތް

  • ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށް، އާ އިމާރާތެއް އަޅައި އެ ހިދުމަތް 24 ގަޑިއިރު ދޭން ފެށުން

  • ސާފިން ޕޮއިންޓު ހިމާޔަތްކުރުން

ކޮމެންޓް (1)

ނުފުދޭރައްޔިތުމީހާ

12 އޯގަސްޓު 2023
ދައްކަންޖެހޭ ލާރިކޮޅު މާފުކޮށްލައި ކުރަންޖެހޭ ދައުވާ ނުކުރީމަޔާ، ބޭރަށް ދިޔައިމާ ބަންދުވީމާ ބަންދުން ވީއްލައިގެން ދައުލަތުން ލާރިދައްކާނެކަމަށް ޔަގީންކަންދީގެން ގެނައިމާ ދެން ޖެހޭނީ ފުދެންތާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް