ފެބްރުއަރީ 3، 2023: ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރިޔާސީ އިންތިހާބުގައި ވާދަކުރާކަން ރަސްމީކޮށް އިއުލާންކޮށް، ކެމްޕެއިން ފެށުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)
ރައީސް ސޯލިހުގެ ސަރުކާރުން ގޯތި ދޭން ވީ ވައުދު ފުއްދާނީ އަޅުގަނޑު: އުމަރު
ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަން ނިމެންވާ އިރަށް އެ ސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށް ވެފައިވާ ވައުދު ފުއްދޭތަން ނުފެންނަ ކަމަށާއި އިރާދަ ކުރެއްވިއްޔާ އެ ވައުދު ފުއްދައިދޭނީ އޭނާ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުމަރު މިހެން ވިދާޅުވީ މި ސަރުކާރުން ގޯތި އަދި ފްލެޓް ދޫކުރުމަށް އިއުލާންކޮށްފައިވާ ލިސްޓަށް އޭނާ އެއްވެސް ބަދަލެއް ގެންނަވަން ވިސްނަވަންތޯ ބައެއް މީހުން ސުވާލު ކުރަމުންދާ ކަމަށް ބުނެ، އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - އުމަރު ވިދާޅުވި ގޮތުގައި:
-
ސަރުކާރަކުން، ރައްޔިތުންނާ ސިދާ ގުޅުން ހުރި މިފަދަ ކަމެއްގައި ގޮތެއް ނިންމަވައި، އިއުލާންކޮށްފައިވާ ލިސްޓަކަށް ބަދަލު ގެނައުމަކީ ދެން އަންނަ ސަރުކާރަކުން އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން
-
ވީމާ، މި ސަރުކާރުން އިއުލާންކޮށްފައިވާ ލިސްޓަށް ބަދަލެއް ނުގެނެސް، ހަމަ އެލިސްޓަށް އެ ގޯތިތަކާ ފްލެޓް ދޫކުރެވޭނެ
އޭގެ އިތުރުން އުމަރުގެ ވެރިކަމެއްގައި އުތުރު ތިލަފަޅު ހިއްކައި، އެތަނުން ވެސް ގޯތި ދޫކުރާނެ ކަމަށް ވައުދުވެވަޑައިގަތެވެ. އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އުތުރު ތިލަފަޅަކީ އިންޑިއާ ސިފައިންގެ ބަނދަރަކަށް ނުވާނެ ކަމަށެވެ.
"މިހާރު މުއްދަތު އޮތް ގޮތުން މި ސަރުކާރުން ގޯތި ދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް ދެން ވަގުތު ލިބޭނެ ކަމަކަށް ނުފެނޭ. އިރާދަ ކުރެއްވިއްޔާ އެ ވައުދު ފުއްދާދޭނީ އަޅުގަނޑު." އުމަރު ވިދާޅުވި އެވެ.
ފަސްމަންޒަރު - އިންޑިއާ ސަރުކާރާ ގުޅިގެން ތަރައްގީ ކުރާތީ، މައްސަލަ ހޫނުވެފައިވާ އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އަސްކަރީ ބަނދަރު ތަރައްގީ ކުރަން އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ، ރެއިލް ވިކާސް ނިގާމް (އާރުވީއެންއެލް)އާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 186.3 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ)އަށް، ސޮއިކުރާތާ ދެ އަހަރުގެ ތެރޭ ނިންމާ ގޮތަށެވެ. އެ އެއްބަސްވުމުގެ ދަށުން:
-
އުތުރު ތިލަފަޅު ތަރައްގީ ކުރަން 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ދޭނެ
-
ފުރަތަމަ ފޭސްގެ ދަށުން ޔޫޓީއެފްގައި ތަރައްގީ ކުރަނީ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް
-
އެ އެއްބަސްވުމުގެ ދަށުން ޔޫޓީއެފް ތަރައްގީކޮށް މެނޭޖްކުރާނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން
-
އެއީ 15 އަހަރު ދުވަހުގެ އެއްބަސްވުމެއް، އެ މުއްދަތު ހަމަވުމުން އެއްބަސްވުން އޮތީ އިތުރުކުރެވޭ ގޮތަށް
-
އިންޑިއާގެ ހުއްދަ ނެތި ބޭރު ގައުމުތަކުގެ އުޅަނދު ފަހަރަށް އެ ބަނދަރަށް ވަދެ އުޅުން މަނާވާނެ
-
ގައުމީ ސަލާމަތް ކަމަށް ބުނެ އެ އެއްބަސްވުމުގެ މާބޮޑެތި ތަފްސީލްތަކެއް ސަރުކާރުން ހާމައެއް ނުކުރޭ
ޔޫޓީއެފް އެއްބަސްވުމާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ބުނެފައި ވަނީ އެ އެއްބަސްވުމަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކުރުމުގެ އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭނޭ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އެހެން ނަމަވެސް ދިވެހި ސިފައިން އެކަންކަން ދޮގު ކުރަމުން ބުނެފައި ވަނީ:
-
ޔޫޓީއެފް އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ މީހުންނަކީ ފަންނީ މީހުން ކަމަށާއި އެއީ ހަތިޔާރު އެޅި ސިފައިން ނޫން ކަމަށް
-
އަދި އެ މީހުން އެއްވެސް އަސްކަރީ ކަމެއް ނުކުރާނޭ ކަމަށާއި އެ މީހުން އުތުރު ތިލަފަޅުގައި ތިބެނީ އެތަން ތަރައްގީ ކުރުމަށް އަދި ދިވެހި ސިފައިންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް