ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފްލާގައި ގާސިމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޖުމްހޫރީ ޕާޓީ

ފަނޑިޔާރުންގެ މުސާރަ %75 ބޮޑުކޮށްދޭން ގާސިމް ވައުދުވެއްޖެ

ފަނޑިޔާރުންގެ އިތުރުން، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންގެ މުސާރަތަކަށް ވެސް %35ގެ ކުރިއެރުމެއް ގެނެސްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި

އޭނާގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ފަނޑިޔާރުންގެ މުސާރަ %75 ބޮޑުކޮށް، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އެހެން ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދެއްވުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ގާސިމް އެހެން ވިދާޅުވީ އަންނަ މަހުގެ 9ގައި އޮންނަ ރިޔާސީ އިންތިހާބަށް ޖޭޕީން ހުށަހަޅާ މެނިފެސްޓޯ އިފްތިތާހުކުރުމަށް، އެ ޕާޓީގެ މައި ޖަގަހަ ހުންނަ މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިޔާތެއްގަ އެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފްލާ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލް - މެނިފެސްޓޯ އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ އެންމެ ފަހުން ބޮޑުކޮށްފައި ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ކަމަށާއި، އޭގެ ފަހުން ފަނޑިޔާރުންގެ މުސާރައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ނަމަވެސް، މިފަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ފަނޑިޔާރުންގެ މުސާރަ %75 ބޮޑުކޮށްދޭނަން

  • ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކުން %35ގެ ކުރިއެރުމެއް ގެންނާނަން

މީގެ އިތުރުން، ޝަރުއީ ދާއިރާގެ އިމާރާތްތަކާއި ވަސީލަތްތައް ތަނަވަސްކޮށްދީ، ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ވެސް، ތިން ވަނަ ފަހަރަށް ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ގާސިމް ވައުދުވެވަޑައިގަތެވެ.

"ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އަދި [ޖާގައިގެ] ދަތިކަން ދިމާވެފައިވާ އެ ނޫން އެހެން  ކޯޓުތައް، އަޅުގަނޑުގެ ވެރިކަމުގެ ދެ އަހަރު ނިމުމުގެ ކުރިން އިމާރާތްކޮށްދީ، އެ ތަންތަނަށް ބަދަލުކުރާނަން،" މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފްލާ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އޭގެ އިތުރުން، ގާސިމް މިރޭ ވެވަޑައިގެންނެވި އެެހެން ވައުދުތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮންމެ މިސްކިތެއްގައި ތިބޭ އިމާމުންގެ އަދަދު މަދުވެގެން ދެ މީހުންނަށް ބަދަލުކޮށް، އެ މީހުންގެ މުސާރަ ބޮޑުކޮށްދިނުން

  • މާސްޓާސް ޑިގްރީއާ ހިސާބަށް ހިލޭ ކިޔެވޭނެ ގޮތް ހެދުން

  • ކިޔެވުމަށް މިހާރު ނަގާފައިވާ ލޯނުތައް މައާފްކޮށްދިނުން؛ އޭނާގެ ވެރިކަމެއްގައި، ރާއްޖޭގައި ކިޔަވަމުން އަންނަ އެއްވެސް މީހަކު ނަގާފައިވާ ލޯނު ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި

  • އޭނާގެ އަމިއްލަ ވިލާ ފައުންޑޭޝަނުން، ކިޔެވުމަށް ދޫކޮށްފައިވާ ލޯންތައް ވެސް ދައްކާކަށް ނުޖެހޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް