ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ކެމްޕެއިންގައި 19 އޮގަސްޓް 2023 ވަނަ ދުވަހު ށ. ކަނޑިތީމުގައި ރައްޔިތުންނާއި ބައްދަލުކުރެއްވުން (ފޮޓޯ/ޖޭޕީ)

މި ފަހަރުގެ ވޯޓު ވާނީ މިނިވަންކަން އޮތުމާއި ނެތުމުގެ ވޯޓަކަށް: ގާސިމް

ގާސިމް ވިދާޅުވީ ރާއްޖޭގެ ހަތަރު ފަސް ސަރަހައްދެއްގައި ބޭރު ސިފައިން ތިބި ކަމަށް
24 އޯގަސްޓު 2023

އަންނަ މަހު ނަގާ ރިޔާސީ އިންތިހާބުގެ ވޯޓް ވާނީ ރާއްޖޭގައި މިނިވަންކަން އޮތުމާއި ނެތުމުގެ ވޯޓަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ގެންދަވަނީ ނ. އަތޮޅަށް ދަތުރު ކުރައްވަމުންނެވެ. އަދި އެ ވާހަކަ ދެއްކެވީ ކުޑަފަރީގައި ދެއްކެވި ވާހަކައިގަ އެވެ.

ބުނީ ކީކޭ؟- ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން ވިސްނަންވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރު ސިފައިން ބައިތިއްބާ ބަޔަކު ވެރިކަމަށް ގެނައުންތޯ ނޫނީ ނޫންތޯ ކަމަށެވެ.

"މިފަހަރު 9 ސެޕްޓެމްބަރު މިލާ ވޯޓު ވެގެންދާނީ ދިވެހި ދައުލަތުގެ އަމާން ކަމާއި މިނިވަން ކަމާއި ދިވެހި ރާއްޖޭގައި އޮތް އިސްލާމް ދީނާއި ގައުމިއްޔަތު އޮތުމާއި ނެތުމުގައި ލާ ވޯޓަކަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާ ހުންނެވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށް ކެތް މަދުވެފައި ކަމަށާއި އޭނާގެ ޓްރެކް ރެކޯޑުން އެކަން ސާބިތުކޮށްދެއްވާފައިވާނެ ކަމަށެވެ.

"ގޮތް ނިންމަވާނީ ތިޔަ ބޭފުޅުން،" މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ 282،000 މީހުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

ތަފުސީލު- މި ފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވާ އަށް ބޭފުޅުންގެ ތެރެއިން އެންމެ "ޖެނުއިން" އަދި ޓްރެކް ރެކޯޑް ރަނގަޅު ބޭފުޅަކީ ގާސިމް ކަމަށް އޭނާ އަމިއްލައަށް ވިދާޅުވި އެވެ. ސަރުކާރު މިހާރު ހިންގަވާ ބޭފުޅުންނާއި އިދިކޮޅު އެންމެ ބޮޑު ޕާޓީގައި ވެސް ތިއްބެވީ ރަނގަޅު ބޭފުޅުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދިވެހި ރައްޔިތުންނަށް ފުރުސަތު ލިބޭނެ ކަމަށާއި އެ ފަސް އަހަރުގެ ބޭނުން ހެޔޮ ގޮތުގައި ނުހިއްޕަވައި، "ފަހަތުން ދެން ހިތާމަ ކުރައްވަން ތިއްބަވާނެ ކަމެއް" ނޯންނާނެ ކަމަށެވެ.

"އެއީ މާތްﷲ ތިޔަ ބޭފުޅުންނަށް ހަވާލުކޮށްފައިވާ އަމާނެތެއް."

ކުޑަފަރިއަށް ފަހު ގާސިމް ވަޑައިގަތީ އެ އަތޮޅު ޅޮއްސަށެވެ. އަދި އެ ރަށުގައި އޭނާ ދެއްކެވި ވާހަކަފުޅުގައި ވެސް ވިދާޅުވީ ރާއްޖޭގެ ހަތަރު ފަސް ދިމާއެއްގައި ބޭރު ސިފައިން ތިބި ކަމުގެ ކަންބޮޑުވުމުގެ ވާހަކަ އެވެ. އަދި އެއީ ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް