މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ

މެމްބަރު ޒަރީރު އިބްރާހިމް އަބްދުﷲއާ ދެކޮޅަށް ދެއްވި ބަޔާން ބަދަލުކުރައްވައިފި

ބަޔާން ބަދަލުކުރައްވާފައިވަނީ ނުރައްކަލަށް ހުށަހެޅިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ފުލުހުން ހައި ކޯޓުގައި ބުނި

އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ)އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ދެއްވި ބަޔާން ބަދަލުކުރައްވާފައިވާކަން ހާމަވެއްޖެ އެވެ. ބަޔާން ބަދަލު ކުރި ސަބަބެއް ކަމަށް ޒަރީރު ވިދާޅުވެފައިވަނީ، ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ފުލުހުން ބުނިގޮތުގައި، އޭނާ ބިރުވެރިކަމެއްގައި ހުންނެވުމެވެ.

ވީ ކިހިނެއް؟ - ޒަރީރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިބްރާހިމް އަބްދުﷲ ހައްޔަރުކުރީ އޭނާ ހޯދަން އިއުލާނުކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން މިދިޔަ 23 މެއިގަ އެވެ. އޭނާގެ ބަންދަށް 30 ދުވަސް ހަމަވެ، ބަންދުގެ މުއްދަތު މުރާޖައާކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށް ނިންމާފަ އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި، އިބްރާހިމް އަބްދުﷲގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ޒަރީރުގެ ބަޔާނަށް ރިއާޔަތް ކޮށްފައި ކަމަށެވެ.

"އަނިޔާ ލިބުނު ފަރާތް މި ބުނަނީ ހަމަލާ ދިން މީހުންގެ ތެރޭގައި އިބްރާހިމް އަބްދުﷲ ހުރިކަން އޭނާއަށް ކަށަވަރުނުވާ ކަމަށް،" ވަކީލް ވިދާޅުވި އެވެ. 

އެ ހިސާބުން ވަކީލުގެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު ފަނޑިޔާރު މުހައްމަދު ނިޔާޒު އެދިވަޑައިގަތީ:

  • ހަމަލާދިން ފަރާތް އައިޑެންޓިފައި ކުރުމުގައި، ޒަރީރު ލިޔުމުން ދީފައިވާ ބަޔާނާއި ރިކޯޑު ކޮށްފައިވާ ބަޔާނުގައި ތަފާތުތަކެއް ހުރިތޯ ސާފުކޮށްދިނުމަށް

  • އެ ދެ ބަޔާނުގެ ތެރެއިން ސައްހަ ބަޔާނަކީ ކޮބާކަން ސާފުކޮށްދިނުމަށް

  • ޒަރީރު ވަނީ ފަހުން ބަޔާން ބަދަލުކޮށްފައިތޯ އަދި އެކަން އެހެން ވެފައިވާ ނަމަ އޭގެ ފަހަތުގައިވާ ސަބަބަކީ ކޮބާކަން ސާފުކޮށްދިނުމަށް

ފުލުހުންގެ ފަރާތުން ޝަރީއަތަށް ހާޒިރުވެ އިންނެވި އޮފިސަރު އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވި ގޮތުގައި:

  • ޒަރީރުގެ ފުރަތަމަ ބަޔާނުގައި، އޭނާއަށް ހަމަލާދިނީ އިބްރާހިމް އަބްދުﷲ ކަމަށް ތަފްސީލުކޮށް ކިޔައިދެއްވި

  • ޒަރީރު ދެއްވި ދެވަނަ ބަޔާނުގައި، އޭނާއަށް ހަމަލާދިން މީހަކު ކަށަވަރު ނުވާ ކަމަށް ވިދާޅުވެ، ބަޔާން ބަދަލުކުރި

"[ޒަރީރު ބަޔާން ބަދަލުކުރީ] އެކަމުގައި އިތުރަށް ޝާމިލުވާން ބޭނުންނުވެ، ބިރުވެރިކަމެއްގައި ހުރި ކަމަށް ފާހަގަކޮށް. މިއީ ނުރައްކާތެރި ކަމެއް ކަމަށާއި މިކަމުގައި ބިރު އަދިވެސް އެބައޮތް ކަމަށާއި، އެފަދަ ޝަކުވާތަކެއް [ޒަރީރު ކުރެއްވީ]. އިންޓަވިއު ރެކޯޑިންގައި ވަރަށް ސާފުކޮށް އެކަން ބަޔާންކޮށްފައި ވާނެ،" ފުލުސް އޮފިސަރު ވިދާޅުވި އެވެ.

ރަށުގައި ނެތުމާއި ކެމްޕޭންގެ ކަންކަމުގައި އުޅުއްވަން ޖެހުމުގެ ސަބަބުން ޒަރީރު ދެއްވި ދެ ބަޔާނުގެ ދޭތެރޭގައި ގާތްގަނޑަކަށް 15 ވަރަކަށް ދުވަސް ހޭދަވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ވަކީލު ނޫރުއްސަލާމް ފާހަގަކުރެއްވިގޮތުގައި ޒަރީރު ދެއްވާފައިވާ ދެ ބަޔާނުގެ ތެރެއިން ރިއާޔަތް ކުރަން ވާނީ ފަހުން ދެއްވި ބަޔާނަށެވެ.

އިބްރާހިމް އަބްދުﷲގެ ދިފާއުގައި ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • ކުށުގެ ރެކޯޑެއް ނެތުމަކީ އެމީހަކު ކުށްނުކުރާ ކަމުގެ މައްޗަށް ބާރު ލިބޭ ކަމަކަށް ނުވޭ؛ އެ އުސޫލުގެ އިދިކޮޅު ވެސް އޮންނަން ވާނެ

  • ކުށުގެ ރެކޯޑު ކިތަންމެ ގިނަޔަސް، ކުށުގެ ރެކޯޑު އޮތް ތާރީހާއި ދެން ތުހުމަތު ކުރެވޭ ކުށުގެ ތާރީހާ އަޅާބަލާއިރު ހެޔޮވަރު ވަރެއްގެ ދުރުމިނެއް އޮތް ކަމަށް ވަންޏާ އެކަމަށް ރިއާޔަތް ކޮށްދޭން އެދިވަޑައިގެންނެވި

  • އިބްރާހިމް އަބްދުﷲގެ ކުށުގެ 22 ރެކޯޑު އޮތް ނަމަވެސް، އެއީ މުޅިން ވެސް 2018ގެ ކުރީގެ ރެކޯޑުތަކެއް ކަމަށާއި ޖިނާއީ ބޮޑު މައްސަލައެއް އޮތީ އަދި އެއަށް ވުރެ ވެސް މާ ކުރިން ކަމަށް ވަކީލު ވިދާޅުވި

ޒަރީރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް އަބްދުﷲ: މީގެ ކުރިން ވެސް މާރާމާރީ އާއި ވައްކަމާއި ފޭރުމާއި، މަރުގެ މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވޭ

އެއާއެކު، އިބްރާހިމް އަބްދުﷲ އަކީ މިހާރު ކުށުގެ ވެށީގައި ނޫޅޭ މީހެއް ކަމަށް ކަނޑައެޅުމަށްޓަކައި، އޭނާ އަކީ އޭނާ ދިރިއުޅެމުންދާ މާހައުލުގެ މީހުން އިންތިހާބު ކޮށްފައިވާ މަގާމެއްގައި ހުރި މީހެއް ކަމަށް ރިއާޔަތް ކޮށްދިނުމަށް ވެސް ވަކީލު އެދިވަޑައިގެންނެވި އެވެ.

އެނގުން މުހިއްމު - އިބްރާހިމް އަބްދުﷲ އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.

ވަކީލު އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • މެމްބަރު ޒަރީރަކީ އިބްރާހިމް އަބްދުﷲގެ ގާތް ރަހުމަތްތެރިއެއް 

  • ގިނަ ދުވަސްތަކެއް ވަންދެން ދެ މީހުން ސިޔާސީ ހަރަކާތްތަކުގައި އެކީގައި މަސައްކަތް ކޮށްފައިވޭ 

  • ދައުވާ ކުރުމުގެ މުއްދަތު މިހާރު ފަހަނައަޅާ ގޮސްފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ޕީޖީގެ ފަރާތުން ދައުވާ އުފުލާފައެއް ވެސް ނުވޭ

މިއަދުގެ އަޑުއެހުން ނިންމާލީ މައްސަލާގައި ތުހުމަތު ކުރެވޭ އެންމެންގެ ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު އެވެ. އެ މީހުން ބަންދުގައި ބޭތިއްބުމާ ގުޅޭ ގޮތުން ފަނޑިޔާރުން ވަކި ގޮތެއް ނިންމަވާފައެއް ނުވެ އެވެ.

ފަސްމަންޒަރު - ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، 1 މެއިގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲއަށް މި މައްސަލައިގައި ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތު

  • މީހަކު މަރާލަން އުޅުމުގެ ތުހުމަތު

އިބްރާހިމް އަބްދުﷲ ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.  

ކޮމެންޓް (1)

ސަފީރު

9 އޯގަސްޓު 2023
2018 ގެ ފަހުން ގައްބަރޭ އަކީ އަޅުވެރި ޒާހިދު ބޭކަލެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް