ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރު ފޯމު ހުށަހަޅުއްވަނީ. (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)

އުމަރުގެ ރަނިން މޭޓަކަށް މާޒް ސަލީމް ހަމަޖައްސައި ފޯމު ހުށަހަޅައިފި

އުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ގިނަ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފި އެވެ. އުމަރުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައި ވަނީ އޭނާއާ އެކު އަބަދު ވެސް މަސައްކަތްކުރައްވައި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މާޒް ސަލީމެވެ.

ވީ ކިހިނެއް؟ - އުމަރު ފޯމު ހުށަހަޅުއްވާފައިވަނީ، މާޒް ސަލީމާއި އޭނާގެ ކެމްޕެއިން ޓީމާ އެކު ދަރުބާރުގޭގައި ހުންނަ އިންތިހާބީ މައި މަރުކަޒަށް ވަޑައިގެންނެވެ. އުމަރުގެ ފޯމާ އިލެކްޝަންސްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

ތަފްސީލު - ފޯމު ހުށަހަޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ގިނަ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވި ކަންކަމަކީ:

  • މަސްތުވާތަކެތީގެ މައްސަލަ

  • މަގުމަތީގައި މީހުން މެރުން

  • ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން

  • ބިދޭސީ ސިފައިން ރާއްޖޭގައި ތިބުން

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރު ފޯމު ހުށަހަޅުއްވުމަށް ދަރުބާރުގޭގައި. (ދައުުރު ފޮޓޯ/ ހުސެއިން ސުނޭން)

އުމަރު ވަނީ، އެ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމުގެ އިތުރުން، އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކީ ވެރިކަން ކުރައްވައި ރާއްޖެ ދަތުރުކުރާ ގޯސް މިސްރާބުން ރަނގަޅު މިސްރާބަކަށް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"... އަދި އަމާނަންތެރިކަމާއި ތެދުވެރިކަމާ އެކުގައި ދިވެހިރާއްޖޭގައި ވެރިކަން ކޮށް، ދިވެހިރާއްޖެ މި ދަތުރުކުރާ ގޯސް މިސްރާބު ދޫކޮށް، މުޅިން އާ މިސްރާބަކަށް ﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ގެންގޮސްދޭނަން،" 'ހައްލަކީ އުމަރު' ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވި އުމަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2އަށް ހަމަވާއިރު، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ގިނަ ކެންޑިޑޭޓުން ގެންދަވަނީ އިއްޔެ އާއި މިއަދު ފޯމު ހުށަހަޅުއްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް