ގާސިމް މިއަދު ފޯމު ހުށަހަޅުއްވަނީ. (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)
ގާސިމް ސަޕޯޓަރުންނާ އެކު ހިންގަވާފައި ވަޑައިގެން ފޯމު ހުށަހަޅުއްވައިފި
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މައި މަރުކަޒު ހުންނަ މ. ކުނޫޒުން ފެށިގެން ދަރުބާރުގެއަށް ސަޕޯޓަރުންނާ އެކު ހިންގަވާފައި ވަޑައިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - މ. ކުނޫޒުން ފެށިގެން އެ ޕާޓީގެ ސަޕޯޓަރުންނާ އެކު ގާސިމް މިއަދު ހެނދުނު 10 ހާއިރު ހިންގަވާފައި ވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަރުކަޒު ހުންނަ ދަރުބާރުގެއަށެވެ. ގާސިމްގެ އަރިހުގައި:
-
އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
-
ގާސިމްގެ ރަނިން މޭޓް ޑރ. އަމީން އިބްރާހިމް
-
ގާސިމްގެ އިންތިހާބީ އެޖެންޓު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
-
ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުން
މަޖީދީ މަގުން ބޮޑުތަކުރުފާނު މަގަށް އަޅައިގެން އަމީނީ މަގުން ހިންގަވާފައި ގާސިމާއި ޕާޓީގެ އިސް ބޭފުޅުން އަދި ސަޕޯޓަރުން ވަޑައިގެންނެވި އިރު ހުރީ ގާސިމްގެ ކެމްޕޭނުގައި ބޭނުންކުރާ ލަވަތައް ޖަހާފަ އެވެ. އެ ބޭފުޅުން ތިއްބެވީ ގައުމީ ދިދަ ވެސް ހިތްޕަވައިގެންނެވެ.
ތަފްސީލު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދާކުރެއްވުމަށް ގާސިމް ފޯމު ހުށަހެޅުއްވި އިރު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ފޯމު ބަލައިގަތީ އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެވެ.
ދަރުބާރުގޭ ރަންބަނޑޭރި މާލަމުގައި ސަޕޯޓަރުންނާއި ޕާޓީގެ ލިޑާޝިޕްގެ ބޭފުޅުން ގިނަ އަދަދަކަށް ތިއްބެވިއިރު، ގާސިމް ފޯމު ހަވާލުކުރެއްވުމާ އެކު އޭނާއަށް ހޫނު ތަރުހީބެއް ދިނެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މައި މަރުކަޒު ހުންނަ މ. ކުނޫޒުން ފެށިގެން ދަރުބާރުގެއަށް ސަޕޯޓަރުންނާ އެކު ހިންގަވާފައި ވަޑައިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވައިފި.
— Dhauru (@Dhaurunews) August 7, 2023
އިތުރަށް ކިޔާލަން:… pic.twitter.com/Sx0vZ1kniI
ފޯމު ހަވާލުކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުން ދިން ފުރުސަތުގައި ގާސިމް ވިދާޅުވީ ގައުމުގެ މުސްތަގުބަލާއި ރައްޔިތުންގެ ދުޅަހެޔޮ ވިސްނުމަށްޓަކައި އެ ޕާޓީއަށް ވެރިކަން ކުރުމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައި ވާއިރު، ގާސިމް ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޖޭޕީން ވަކިން ވާދަކުރަން ނިންމި ނަމަވެސް، ދެ ފަހަރެއްްގެ މަތިން ގާސިމް ވަނީ ރައީސް ސޯލިހާ އެއްކޮށް އަލުން ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުގެ ލަފައަކަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، އެ ދެ ފަހަރު ވެސް އެ ޕާޓީގެ ކައުންސިލުން ނިންމީ، 9 ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ވަކިން ވާދަކުރެއްވުމަށެވެ.