އޮގަސްޓް 6، 2023: ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީއާ ގުޅޭ ގޮތުން ބާއްވާ ހުކުމް އިއްވުމުގެ މަޖިލިސް (ސުޕްރީމް ކޯޓުގެ ސްކްރީން ޝޮޓް)
ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމްއަށް އިތުރު ވަގުތު ދޭން ކޯޓުން ނުނިންމި
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕީޕީއެމުން އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ނެރުމަށް އިތުރު ވަގުތު ދިނުމަށް އަމުރެއް ނެރެ ދިނުމަށް އެދުނު އެދުމާ މެދު ގޮތެއް ނުނިންމައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށް މައްސަލަ ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ ހުކުރު ދުވަހު ބޭއްވި ޔާމީންގެ މައްސަލައިގެ އަޑު އެހުމުގައި ޔާމީންގެ ފަރާތުން ވަނީ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ނަމަ، ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހަމަޖެއްސުމަށް އިތުރު ވަގުތު ދިނުމަށް އަމުރެއް ނެރެދިނުމަށް އެދިފަ އެވެ.
އެހެން ނަމަވެސް އީސީއިން ވަނީ އެގޮތަށް ވަގުތު އިތުރުކޮށް ދިނުމާ ކޯޓްގައި ދެކޮޅު ހަދައިފަ އެވެ. އީސީގެ ސެކްރެޓަރީ ޖެނެރަލް ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ:
-
އެގޮތަށް މުއްދަތު އިތުރު ކުރާ ނަމަ މިހާރު އިއުލާންކޮށްފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވި ރައީސްއަކު އައްޔަން ނުކުރެވިދާނެ
-
އެކަމުގެ ސަބަބުން ކެންޑިޑޭޓުންގެ ކެމްޕޭން ކުރުމާއި އެ މީހުންގެ ހައްގުތަކަށް ވެސް ބުރޫއަރާނެ
ވީ ކިހިނެއް؟ - ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގައި ފަނޑިޔާރު ހުސްނުއް ސުއޫދު އިއްވަވައި ކޯޓުގެ ހަތް ފަނޑިޔާރުން ތާއީދު ކުރެއްވި ރައުޔުގައި އަލިއަޅުވާލައްވާފައި ވަނީ ސާބިތު ދަރަންޏެއް ޔާމީންގެ އޮތް ކަމަށާއި ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށެވެ.
ކޯޓްގެ ހުކުމުގައި ހަމައެކަނި ކަނޑައެޅީ އެ ނިންމުން ރަނގަޅު ކަމަށެވެ.
އެހެން ނަމަވެސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދޭން ޔާމީންގެ ފަރާތުން ހުށަހެޅި އަމުރާ ބެހޭ ގޮތުން ފަނޑިޔާރުން ގޮތެއް ނިންމަވާފައެއް ނުވެ އެވެ.
ތަފްސީލް - ޕީޕީއެމްއަށް ކެންޑިޑޭޓެއް ހުށަހަޅަން އިތުރު ވަގުތު ދޭން ސުޕްރީމް ކޯޓުން މިއަދު ނިންމާފައި ނުވާތީ އެ ޕާޓީއިން ވެސް ކެންޑިޑޭޓެއް ހުށަހަޅަން ބޭނުންވާ ނަމަ މާދަމާ މެންދުރު 2 ޖެހުމުގެ ނިޔަލަށް ފުރުސަތު އޮންނާނެ އެވެ. އަދި އެއަށް ވުރެ އިތުރު ފުރުސަތެއް ނުލިބޭނެ އެވެ.
ފާހަގަކޮށްލެވޭ - އިންތިހާބުގައި ވާދަ ކުރުމަށް އިތުރު ވަގުތު ދިނުމާ ގުޅޭ ގޮތުން ހުކުރު ދުވަހުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އެހެން ކެންޑިޑޭޓަކު ހުށަހެޅުމަށް މިވަގުތު ހުރަހެއް ނެތް ކަމަށާއި އެެހެން ފަރާތެއް ކެންޑިޑޭޓެއްގެ ގޮތުގައި ހުށަހެޅުމުގެ ދޮރު ޕީޕީއެމްއަށް ބަންދު ނުވާ ކަމަށެވެ.